ހުއްދައަކާ ނުލައި ފްލެޓްތަކަށް ބަދަލު ގެންނަ ނަމަ ފިޔަވަޅު އަޅާނަން: އެޗްޑީސީ
"ވެށިފަހި" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ފްލެޓުތަކަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދައާ ނުލައި ބަދަލެއް ގެންނަ ނަމަ ފިޔަވަޅު އަޅާނެކަމަށް އެ ކޯޕަރޭޝަނުން އިންޒާރުދީފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެށިފަހިމާލެ ފްލެޓްތަކަށް އެ ކުންފުނީގެ ހުއްދައާ ނުލައި ބަދަލުގެންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ފްލެޓްތަކަށް ގެންނަކަން ފާހަގަކުރެވިފައިވާ ބައެއް ބަދަލުތައް ވެސް ކޯޕަރޭޝަނުން ވަނީ އާންމުކޮށްފައެވެ.
ވެށިފަހި ފްލެޓުތަކަށް ގެންނަ ބަދަލުތައް:
- ބެލްކަނީއަށް ބަދަލު ގެނެސް ބެލްކަނީ އިތުރަށް ފުޅާކުރުން.
- ބިންމަތީ ފްލެޓުން އިމާރާތުގެ ކުރިމައްޗަށް ދޮރެއް ހަދައި އިމާރާތުގެ ކުރިމަތިން ފްލެޓަށް ވަދެވޭނެ ގޮތް ހެދުން.
- ފްލެޓުގެ އެތެރޭގެ ފާރަށް ބަދަލުގެނެސް، ދެ ކޮޓަރި ގުޅުވައިލުން. (އޭގެ ތެރޭގައި ސިޓިންރޫމުން ކޮމަން ފާޚާނާއަށް ވަދެވޭ ގޮތަށް ދޮރު ހަރުކުރުން ހިމެނޭ)
- ފްލެޓުގެ އެތެރޭގައި ޑެގު އަޅައިގެން ނުވަތަ ޕާޓިޝަން ޖަހައިގެން އިތުރު ކޮޓަރި ހެދުން.
- ދެވަަނަ ފަންގިފިލާއިން މަތީ ފަންގިފިލާތަކުގައި ސީލިންގ ހެދުން. (އެކަމުގެ ސަބަބުން ފަންގިފިލާގެ ޝީޓުގައި ރެނދުއެޅުން ފަދަ ކަމެއްވެއްޖެނަމަ ސީލިންގެ ސަބަބުން އެފަދަ ކަންކަން ދެނެގަތުމަށް ހުރަސްއެޅޭނެ)
- ފްލެޓުގައި ޖަހައިފައިވާ ތަށިމުށީީގެ މަތިން އާ ތަށިމުށި ޖެހުން.
އެޗްޑީސީން މީގެ އިތުރުން ބުނީ ވެށިފަހިމާލެ ޕްރޮގްރާމުގެ ދަށުން ތަރައްގީކޮށްފައިވާ އިމާރާތްތައް ފަރުމާކޮށްފައި ވަނީ އިމާރާތުގެ ބަރުމިން ވަކި މިންގަނޑަކަށް ފެތޭގޮތަށް ހެދިފައިވާ ލޯޑް ކަލްކިއުލޭޝަނަށް ބިނާކޮށް ކަމަށާއި އެހެންކަމުން އިމާރާތްތަކަށް އެ ފަދަ ބަދަލުތައް ގެނައުމަކީ އިމާރާތުގެ ސްޓްރަކްޗާއަށް ގެއްލުން ލިބި، އިމާރާތުގެ އުމުރު ކުރުވުމަށް މެދުވެރިވެދާނެ ކަމެއް ކަމަށެވެ.