އދ.ގެ ސެކްރެޓަރީ ޖެނެރަލަކަށް އަންހެނަކު ހޮވުމަށް ޝާހިދު ގޮވައިލައްވައިފި
އދގެ ސެކްރެޓަރީ ޖެނެރަލްކަން މިހައިތަނަށް އެއްވެސް އަންހެނަކު ނުކުރާކަމަށާއި، އެހެންކަމުން ދެން އަންނަ ދައުރަކަށް އެ މަގާމަށް އަންހެނަކު އައްޔަންކުރުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވައިލައްވައިފިއެވެ.
އާއްމު މަޖިލީހުގެ ރައީސް ޝާހިދު މިކަމަށް ގޮވައިލެއްވީ އދގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ އދގެ 76 އަހަރުވީ ތާރީޚުގައި ޢާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ 4 އަންހެނުން ކަމަށާއި، ސެކްރެޓަރީ ޖެނެރަލްކަން އެއްވެސް އަންހެނަކު ކޮށްފައި ނުވާ ކަމަށެވެ. އަދި މިކަމަކީ ބަދަލުކުރަން ޖެހޭކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ "ގޯލްޑް ސްޓޭންޑަރޑް"ކަނޑައެޅުމުގެ ވާހަކަ އދ.އިން ދައްކާއިރު، އެކަމުގެ މިސާލު އދ.ގައި ނުދައްކައި ނުތިބެވޭނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އަދި މިކަމުގައި އިސްނަންގަވައި، ދެން އަންނަ ދައުރަކަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އަޅުއްވާނެކަ މަށާއި، އެކަމުގައި އދ.ގެ މެމްބަރު ގައުމުތަކުން އެ މަނިކުފާނާ ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ގޮވައިލެއްވިއެވެ.