ޚަބަރު

"ކޮންމެ ވެސް އެއް ވަޒީރަކު ހައްދަވަނީ އިތުރުފުޅު"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުލުހުންގެ ތެރޭގައި ނުނިޔަތެއް ބާއްވައިގެން، ލޫޕްހޯލްސް ހޯދައި ގޯސްހަދާ މީހުން ތިބިކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވި ނަމަވެސް، އެ ފަދަ ފުލުހުން ތިބިކަން ފާހަގަ ނުކުރެވޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ މީހުން އެ ކަން އެގޮތަށް ކުރަނީ ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް މިނިސްޓަރ އިމްރާން މިއަދު ލިޔުމުން މަޖިލީއަށް ދެއްވި ޖަވާބުގައި ވިދާޅުވީ، އެފަދަ ކަމެއް ފާހަގަ ވެފައި ނުވާތީ މައްސަލަ އެފަދަ މައްސަލައެއް ބަލަމުން ނުދާ ކަމަށެވެ.

"އެފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބިކަން މިހައިތަނަށް ފާހަގަކުރެވިފައި ނުވާތީ، ބަންޑާރަނައިބު ވިދާޅުވިކަމަށް ބަޔާންކުރައްވައިފައިވާ ވާހަކަފުޅާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ބަންޑާރަނައިބާ އެއްވެސް މަޝްވަރާއެއް މިހައިތަނަށް ކޮށްފައި ނުވާކަމުގައި ދަންނަވަން" އިމްރާންގެ ސިޓީގައި ވިދާޅުވިއެވެ.

މިޖަވާބާ ގުޅިގެން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ، މިކަމުގައި ކޮންމެ ވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވަނީ ކަމަށެވެ.

"ކޮންމެ ވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވަނީ އެއީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިމްރާންގެ ސިޓީގައި އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތުގައި ތިބީ ގާބިލު އަދި އިހްލާސްތެރި ފުލުހުން ކަމަށާއި އަދި ނުނިޔަތެއް ބާއްވައިގެން ގަސްދުގައި ގޯސް ހަދާ ފުލުހުން ތިބޭ ކަމަށް ބުނުމަކީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅޭ މައްސަލަތަކާއި ލިބޭ މައުލޫމާތުތަކާ ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، މައްސަލަތައް ތަހުޤީގު ކުރުމާއި، މައްސަލަތައް ތަހުޤީގަށް ހުށައެޅުމަށްޓަ ކައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ހުށައެޅުމުގެ މަސައްކަތަކީ ވަރަށް ގިނަ ވަގުތާއި، ބުރަ މަސައްކަތް އެކުލެވޭ ކަންކަމަށް ވާއިރު މަސައްކަތުގެ ޕަރފޯމަންސް ދަށްވެގެން ނުވަތަ ބޭނުންވާ އެކްސްޕެކްޓޭޝަނާ އެއްވަރަށް މަސައްކަތް ނުކުރެވޭތީ ބައެއް މުވައްޒަފުންނާ މެދު އިދާރީ ގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އަޅަމުން ގެންދެވޭ ކަމަށެވެ.

މީގެ އިތުރުން ފާއިތުވި ތިން އަހަރު ކޭސްތައް ތަހުގީގުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ހާއްސަ އޮޑިޓެއް މިހާރު ކުރިއަށްދާކަން ވެސް އިމްރާން ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!