ދީން

މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ އަޅުންގެ މައްޗަށް ވާޖިބު ކަމެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ އިޙުސާންތެރިވުމާ ގުޅޭ ގޮތުންނެވެ.

މާތް ﷲ އިންސާނުން ހައްދަވައިފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އެއްބަޔަކު އަނެއްބައެއްގެ އެހީތެރިކަމާއި، މަދަދަށް ބޭނުންވާ ގޮތަށެވެ.

ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެކެވެ.

އެހެންކަމުން މުސީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންނަށް އެހީތެރިވެ، ހަމްދަރުދީވާން ޖެހޭނެއެވެ. އެ ފަދަ ވަގުތުތަކުގައި އެމީހުންނަށް އެހީތެރިވެ އަޅައިލުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފައެކެވެ.

މާތް ﷲ ވަހީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި އެ އުރެންގެ ކުރީގައި، އަލްމަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެ ތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖުރަކުރި މުހާޖިރުން ދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތިކަމެއް) އެއުރެން (އެބަހީ އަންޞާރުން)ގެ ހިތްތަކުގައި ނުވެއެވެ. އަދި އެ އުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ.  އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސް މެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.

މާތް ﷲ އިންސާނުން ހައްދަވައިފައި ވަނީ އެކަކު އަނެކަކަށް އެހީތެރިވެ، އިޖުތިމާއީ ދިރިއުޅުމެއް އުޅޭގޮތަށެވެ. އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ، އެއްބަޔަކު އަނެއް ބައެއްގެ އެހީތެރިކަން ބޭނުންވާ ގޮތަށެވެ.

ރަސޫލާ (ޞޢވ) ހަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އެއްމުއުމިނަކު އަނެއް މުއުމިނަކާ (ދެމެދުގައިވާ ގުޅުމުގެ މިސާލަކީ) ބިނާއެއްގެ މިސާލެވެ. އެ ބިނާގެ އެއް ގައުގަނޑު އަނެއް ގައުގަނޑަށް ގަދަކަން ދެއެވެ.

އިސްލާމީ މުޖުތަމަޢުގެ އަފްރާދުން ވާން ޖެހޭނީ، އެއް ހަށިގަނޑެއް ފަދަ، އެކުވެރި ބައެއް ކަމުގައެވެ. އެކަކު އަނެކަކަށް އަޅައިލުމާއި އޯގާތެރިވުމުގައެވެ. މިކަމަކީ އިންސާނިއްޔަތުކަމުގެ އިތުރުން، މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!