ޚަބަރު

"އިންޑިއާ އައުޓް" ހަރަކާތަކީ ވެރިކަން ހޯދުމަށް ރައީސް ޔާމީން ކުރައްވާ ނުރައްކާތެރި މަސައްކަތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އިދިކޮޅު ލީޑަރު ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިން މަސައްކަތަކީ، ވެރިކަން ހޯއްދެވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށާއި އެކަމުގެ ނުރައްކާތެރިކަން ޚުދު ރައީސް ޔާމީނަށް ވެސް އެނގި ވަޑައިގަންނަވާނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޅ. ކުރެންދޫ ކަައުންސިލްގެ ރައީސްގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، އަލީ ނަަސީމަށް ތާއީދު ހޯދުމުގެ ގޮތުން ރޭ ބާއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ,ރާއްޖެ މިނިވަން ކަމުގައި ދެމި އޮތީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާތީ ކަމަށާއި ޚާއްސަކޮށް އަވައްޓެރި ޤައުމުތަކާ އެކު ގުޅުން ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވަނީ، "އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އެ ކެމްޕެއިނަށް ވުރެ ނުރައްކާތެރި ކަމެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ޔާމީން އިންޑިއާ އައުޓް ކިޔުއްވައިފައި އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް، ވަަރަށް ނުރައްކާތެރި ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ރާއްޖޭގެ އިސްތިގުލާލަށް މިއަށް ވުރެ ގެއްލުން ހުރި މަސައްކަތެއް އެހެން އެކަކު ވެސް ނުކުރޭ. ރައީސް ޔާމީން އެކަން އެ ކުރައްވަނީ ކަނޑައެޅިގެން އެކަން އެނގިހުރެ." ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ކުރައްވާ ކަމެއް ކުރައްވަމުން ގެންދަވަނީ  ބޮޑެތި ގައުމުތަކާ ދެމެދު މައްސަލަ އުފައްދުމަށް ކަމަށެވެ.

"އެ ބޭފުޅާގެ ބޭނުންފުޅަކީ ދިވެހިރާއްޖެއާއި ބޮޑެތި ގައުމުތަކާއި ދޭދޭ ގައުމުތަކާ މައްސަލަ އުފެއްދުން. ނަފްރަތު އުފެއްދުން. އެ ގައުމުތަކުގެ ރައްޔިތުން ވެސް އެ ގައުމުތަކުގެ ސަރުކާރުތައް ވެސް އެ ގައުމުތަކުގެ ވެރީން ވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ހިތްބަރު ކުރުން،"

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ހިންގަވާ މި ހަރަކާތުގެ ބޭނުމަކީ ވެރިކަމަށް ވަޑައިގަތުން ކަމަށާއި ރައީސް ޔާމީންގެ އަމާޒު ހުންނެވީ ކޮންމެ ފަދަ ކަމެއްކޮށްގެން ވެސް ވެރިކަމަށް އައުން ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުންނަށް އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިނުވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑު މިރޭ ވަރަށް އިހުލާސްތެރިކަމާއެކުގައި ޕީޕީއެމްގެ ހުރިހައި މެންބަރުންނަށް ދަންނަވާލަން ބޭނުން. ރައީސް ޔާމީނަށް ތާއީދު ކުރުން އެއީ އެއް ކަމެއް. އަދި ތިބޭފުޅުންގެ ޕާޓީއަށް ތާއީދު ކުރުމަކީ ވެސް ތިބޭފުޅުން ކުރަން ރަނގަޅު ކަމެއް. އެހެން ނަމަވެސް، އެހެން ނަމަވެސް މި ދިވެހިރާއްޖެއަށް ގެއްލުންވާނެ ކަމެއް އަޅުގަނޑުމެން އެއްވެސް ޕާޓީއަކުން އަދި އަޅުގަނޑުމެން އެކަކު ވެސް ކުރުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔައިގެން އެއްވެސް ބޭފުޅަކު ނުބުނާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!