މަތިން ވެއްޓުނު ފިލަޔަކާއި ދަގަނޑު ހޮޅިން ޖެހި މީހަކު ޒަޚަމްވެއްޖެ
މާލޭގެ މާވެޔޮ މަގަށް މަތިން އެއްޗެހިތަކެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މީހަކު ޒަހަމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯއަކުން ފެންނަ ގޮތުގައި މަގުމަތީގައި ސައިކަލުތައް ދުއްވައިފައި ދަނިކޮށް ކުއްލިއަކަށް މަތިން ވެއްޓެވީ ލަކުޑި ފިލާގަނޑަކާއި ދަގަނޑު ދެ ހޮޅިއެވެ.
ސައިކަލުގައި ދިޔަ މީހެއްގެ ބުރަކަށީގައި ފުރަތަމަ ޖެހެނީ ދަގަނޑު ހޮޅިއަކުންނެވެ. އޭގެ ފަހުން ހަމަ އެމީހާގެ ބޮލުގައި ފިލައިން ޖެހޭތަން ވީޑިއޯގައި ފެނެއެވެ. ދަގަނޑު ހޮޅި އެހެން އެއްވެސް މީހެއްގެ ގައިގައި ނުޖެހި ސަލާމަތްވެއެވެ.
ފިލައިގަނޑުން ޖެހުނު މީހާ ވަގުތުން ސައިކަލު ހުއްޓައެވެ. އަދި ބޮލުގައި އަތް އަޅައިގެން ގިނަ އިރުތަކެއް ވަންދެން ސައިކަލުގައި އިނދެއެވެ. އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލު މުޅިން ސާފުވާގޮތެއް ނުވެއެވެ.
ފުލުހުން ބުނީ މިއީ އިއްޔެގެ ވަގުތެއްގައި ހިނގި ހާދިސާއެއްކަމަށެވެ. ހަވީރު ހިނގި އެހާދިސާގައި އަނިޔާވި މީހާ ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިންކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގައި އުހަށް އިމާރާތް ކުރަމުންދާ ހުންނަ ބައެއް ތަންތަނުން އެއްޗެހި ވެއްޓި މިފަދަ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މިދިޔަ 2019ވަނަ އަހަރު މަގުމަތިން ދިޔަ ތިން އަހަރުގެ ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ގޯންޏެއް ވެއްޓި ހިނގި ހާދިސާގައި އެކުއްޖާ ވަނީ މަރުވެފައެވެ.
މިދިޔަ ފެބުރުއަރީ މަހު ވެސް މާލޭގައި މިފަދަ ހާދިސާއެއް ހިނގިއެވެ. އެ ހާދިސާގައި ވޭނެއްގެ މައްޗަށް ދަގަނޑުގަނޑެއް ވެއްޓި ވޭނުގެ ކުރީ ބިއްލޫރިގަނޑު ފޫއަޅުވައިލިއެވެ. އެހެން ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.