ޚަބަރު

ކުރެންދޫ އިންތިޚާބާ އެކު އަތޮޅު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ޕީޕީއެމްއަށް ބަދަލުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޅ.އަތޮޅު ކައުންސިލްގެ މެޖޯރިޓީ ވެރިކަންކުރާ މައި ޕާޓީ ،އެމްޑީޕީއަށް ގެއްލި އިދިކޮޅު ޕީޕީއެމްއަށް ލިބިއްޖެއެވެ.

Ads by MWSC

އަތޮޅު ކައުންސިލްގެ މެޖޯރިޓީ ބަދަލުވީ މިއަދު އޮތް ޅ.ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައިއިލެކްޝަން އެމްޑީޕީއަށް ގެއްލި ، އެ އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކުރުމުންނެވެ.

ޅ.އަތޮޅުގެ ކައުންސިލްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން އެމްޑީޕީއަށް މީގެ ކުރީން ތިން ގޮނޑި ލިބިފައި ވެއެވެ. އެއީ އޮޅުވެލިފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާޒިމާއި ހިންނަވަރު ކައުންސިލްގެ ރައީސް ޙަސަން ޝާފީގެ އިތުރުން ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާޢުއެވެ. ނަމަވެސް ސިމާއު އިސްތިއުފާ ދެއްވުމުން ބޭއްވި ބައިއިލެކްޝަން ޕީޕީއެމްގެ އިސްމާޢީލް ކާމިޔާބު ކުރެއްވުމުން ޕީޕީއެމްއަށް ނިސްބަތްވާ އަތޮޅު ކައުންސިލްގެ ރައީސް ޔާސީންއާއި ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާ އެކު އެ ޕާޓީއަށް ވަނީ މެޖޯރިޓީ ލިބިފައެވެ.

މިއަދު އޮތް ބައިއިލެކްޝަން އިސްމާޢީލް މަދީޙް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ޢަލީ ނަސީމާ ވާދަކުރައްވައެވެ. މީގެ ކުރީން ވެސް ކައުންސިލްގެ ރައީސްކަން ކުރެއްވި އަދި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ނާކާމިޔާބުވި އިސްމާޢީލް މިއަދުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ 49 ވޯޓްގެ ތަފާތަކުންނެވެ.

ކުރެންދޫއަކީ މީގެ ކުރީން އެމްޑީޕީއަށް ތާއީދު ބޮޑު ރަށެކެވެ. އެ ގޮތުން އެ ރަށު ކައުންސިލްގެ ފަސްގޮނޑި ވެސް މީގެ ކުރީން ކޮންޓްރޯލް ކުރައްވަމުން ގެންދެވީ އެމްޑީޕީއެވެ. އަދި ރައްޔިތުން މަޖިލީހުގެ އެ ދާއިރާގެ ގޮނޑި ވެސް ލިބިފައި ވަނީ އެމްޑީޕީއަށެވެ. އެ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީގެ މައްޗަށް ދަރަނީގެ މައްސަލައެއް ސާބިތުވެ އޭނާގެ ގޮނޑިއާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!