ދެކުނަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި ރައީސް ޞާލިޙް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް ޞާލިޙްގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީއާއި އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމުގެ އިތުރުން މި ދެ ސިޓީގައި ކުރިއަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވައިލައްވައި ބައެއް މުވައްސަސާތަކަށް ވެސް ވަނީ ޒިޔާރަތް ކުރައްވައިފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވައި މީދޫ ބަނދަރު ވެސް ހުޅުވައިދެއްވިއެވެ.
މިދަތުރުފުޅުގައި ރައީސް ޞާލިޙްގެ ދެކަނބަލުން ވަނީ މި ދެ ސިޓީގެ ރައްޔިތުންނަށް ވެސް ހާއްސަ މާހެފުމެއް ބާއްވަވައި ދެއްވައި، ދެ ސިޓީގެ ތަރައްޤީއަށް ވެސް އިތުރަށް ކުރައްވަން ގަސްދުކުރައްވައިފައިވާ ކަންތައްތައް ވެސް ހިއްސާ ކުރައްވައިފައެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައިލެއްވުމާއި ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހައި ވެސް ގާތުން މަސައްކަތްކުރެއްވުމެވެ.