ސީޝެލްސްގެ ކުރީގެ ރައީސް، ރައީސް ޞާލިޙް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ސީޝެލްސްގެ ކުރީގެ ރައީސް ހިޒް އެކްސެލެންސީ ޑެނީ ފޯރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނާއި އަދި އަނބިކަނބަލުން ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން އަދާކުރި މެހުމާންދާރީ ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ ކޯވިޑް-19ގެ ޙާލަތާ ކޮވިޑް ވެކްސިންގެ ކަންކަން ކުރިޔަށްދާ ގޮތާއި އިޤްތިޞާދީ ހަރާކާތްތަކާއި ފަތުރުވެރިކަމާއި ދެ ޤައުމުގެ ތާރީޚް ފަދަ ދެ ފަރާތުން އިސްކަންދޭ އެކި މައުޟޫއުތަކުގައި ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މީގެ އިތުރުން ފޯރޭ ވަނީ އެ މަނިކުފާނު އުފައްދަވައިފައިވާ ފައުންޑޭޝަންގެ ތަފްޞީލުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަޤްބަލުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވައިފައެވެ.