އިންތިޚާބުތަކުގައި ރައީސް ޔާމީން ކުރެއްވި މުޑުދާރު ކަންކަން އެމްޑީޕީ ތެރެއަށް ވަދެއްޖެ: ހަސަން ލަތީފް

އިންތިހާބުތަކުގައި ރައީސް ޔާމީން ކުރެއްވި މުޑުދާރު ކަންކަން އެމްޑީޕީގެ ތެރެއަށް މިހާރު ވަދެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެންޕޭން ބައްދަލުވުމެއް ބޭއްވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ހަސަން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިންތިހާބުތަކުގައި ކުރެއްވެވި މުޑުދާރު ކަންކަން މިއަދު އެމްޑީޕީގެ ތެރެއަށް ވަދެއްޖެ ކަމަށެވެ. އެ ގޮތުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މުވައްޒަފުންނަށް މަޖުބޫރު ކުރުވަން ފަށައިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވަނީ އެކަންކަން ހުއްޓުވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަނަސް އަބްދުއްސައްތާރުގެ ކިބައިން އެދިފައެވެ.
ސަރުކާރު އޮފީހެއްގައި ފައްޔާޒު ކެންޕޭން ބައްދަލުވުމެއް ބޭއްވި މައްސަލަ ބަލައިދޭން ފައްޔާޒާ އެކު ދެން ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުން ވަނީ ގޮވައިލައިފައެވެ.