ދީން

ރޯދަވެރިޔާގެ އަނގައިގެ ވަސް މާތް ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ ވަސްމީރުކަން ބޮޑެވެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުންނެވެ.

ރަމަޟާން މަހުގައި ކުރަންޖެހޭ މުހިންމު އެއްކަމަކީ މާތް ﷲ ސުބްޙާނަޙޫވަތަޢާލާ މިއުންމަތަށް ފަރުޟު ކުރައްވައިފައިވާ ރޯދަ ހިފުމެވެ. ރޯދަ ފަރުޟު ކުރެއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ އަޅުގަނޑުމެންގެ ކިބައިގައި ތަޤްވާގެ މާތް ސިފަ އަށަގެންނެވުމެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.

އަބޫހުރައިރާ (ރަޟިއަﷲ އަންހު)ގެ އަރިހުން ރިވާކުރެއްވި ޤުދުސީ ޙަދީޘެއްގެ މާނައިގައިވެއެވެ.

މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ރޯދަ ފިޔަވައި އާދަމުގެ ދަރިޔާ ކުރާ ކޮންމެ ކަމެއްގައި ސަވާބާއި ދަރުމަ ވަނީ އޭނާގެ އަމިއްލަ ނަފްސަށް ޓަކައެވެ. ރޯދައަކީ ތިމަންރަސްކަލާނގެއަށް ޚާއްސަ ވެގެންވާ އަޅުކަމެކެވެ. އެރޯދައަށް ޖަޒާ ދެއްވާނީ ތިމަންރަސްކަލާނގެއެވެ. ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރި ދުވަހެއް ނަމަ، ހަޑިހުތުރު ވާހަކަ ދެއްކުމާއި އަޑުގަދަކުރުމުން ދުރުހެލިވާހުށިކަމެވެ. އަދި މީހަކު ބަދުބަސްބުނެ އަރައިރުން ވެއްޖެނަމަ، ތިމަންނަ މިހުރީ ރޯދައަށޭ ބުނާހުށިކަމެވެ. މާތްﷲ ގަންދީ ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގައިގެ ވަސް މާތް  ގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ ވަސްމީރުކަން ބޮޑެވެ. ރޯދަވެރިޔާ އުފާވާނެ ދެވަގުތެއް ވެއެވެ. އެއީ އޭނާ ރޯދަ ވީއްލާވަގުތުގައްޔާއި، އޭނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާހިނދުގައެވެ.

ރޯދައިގެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެ ނަމަ، މާތް ﷲގެ ޙަޟްރަތުން ލިބޭނެ ސަވާބާއި ދަރުމައިގެ މަތިވެރިކަން ވަރަށް ބޮޑެވެ.

ދެވަނައަށް ކުރަންޖެހޭ ކަމަކީ، ކީރިތި ޤުރްއާން ކިޔެވުމުގައި ވީހައި ވެސް ގިނަ ވަގުތު ހޭދަ ކުރެވޭތޯ ބެލުމެވެ. މިމައްސަރު މާތް ކުރެވުނު އެއް ސަބަބު ކަމުގައި ވަނީ ކީރިތި ޤުރްއާން މިމައްސަރުގައި ބާވައިލެއްވުމެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ރަމަޟާން މަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާތިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.

ކީރިތި ޤުރްއާނަކީ ނަސޭހަތެކެވެ. ޝިފާއެކެވެ. ރަހުމަތެކެވެ. ހިދާޔަތެކެވެ. ކީރިތި ޤުރްއާނުން ކިޔަވައި ކޮންމެ އަކުރަކަށް ސަވާބާއި ދަރުމަ ދިހަ ގުނައަށް އިތުރުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!