ޚަބަރު

އެމްޑީޕީ ވައްތަރުގެ ޑިމޮކްރަޓިކް، ސަޅި ކެންޕެއިނެއް ކުރަނީ "ހިންގާލަން" ޓީމުން: ރޮޒައިނާ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

( ލ. ގަމުން ) އެމްޑީޕީ ވައްތަރުގެ ޑިމޮކްރަޓިކް ,ސަޅި ކެންޕެއިނެއް ކުރައްވަމުން ގެންދަނީ "ހިންގާލަން" ޓީމުން ކަމަށް، އެމްޑީޕީގެ އަންހެނުންގެ ކޮމިޓީގެ ރައީސާކަމަށް ވާދަ ކުރައްވާ، އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޮޒައިނާ މިހެން ވިދާޅުވެފައި ވަނީ، ކެންޕެއިން ކުރެއްވުމަށް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ރޭ ލ. ގަމަށް ވަޑައިގަންނަވައި "ދެން"އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

"ހިންގާލަން" ކެންޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވަނީ ރޮޒައިނާގެ އިތުރުން، އެމްޑީޕީގެ ޗެއަރޕަސަންގެ މަޤާމަށް ވާދަ ކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. "ހިންގާލަން" ޓީމުން ކުރަމުން އަންނަނީ އިދިކޮޅު ޕީޕީއެމް ވައްތަރުގެ ކެންޕެއިނެއް ކަމަށް ބުނެ، އިންތިޚާބުގައި ވާދަ ކުރައްވާ، އިމްތިޔާޒް ފަހުމީގެ ކެންޕެއިން ޓީމުން ދަނީ ފާޑު ވިދާޅުވަމުންނެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން،، ރޮޒައިނާ ވިދާޅުވީ، އެ ބޭފުޅުން ކުރައްވަމުން ގެންދަވަނީ އަސްލު އެމްޑީޕީގެ ކެންޕޭނެއް ކަމަށާއި އެންޓި ކެންޕެއިންކޮށް، ހަޑި ކެންޕެއިނެއް ކުރައްވަނީ ވާދަވެރި ކެނޑިޑޭޓަށް ތާއީދު ކުރާ ފަރާތްތަކުން ކަމަށެވެ.

"އަޅުގަނޑުމެން އެމްޑީޕީ ފިކުރު ނޫން ކޮން ވާހަކައެއްތޯއޭ މި ދެކެވެނީ. އަޅުގަނޑުމެން މި ދައްކަވަނީ ޑިމޮކްރަސީގެ ވާހަކަ، އަޅުގަނޑުމެން މި ދައްކަނީ އެންމެންނަށް ޖާގަ ދޭން ޖެހޭނެ ވާހަކަ. އަޅުގަނޑުމެން މި ދައްކަނީ ޕާޓީ ތެރޭގައި ކޮންމެ މީހަކަށް ވެސް އިންތިޚާބުގައި ވާދަ ކުރެވެން ޖެހޭނެ ވާހަކަ. ކޮންމެ މީހަކު ވެސް އިންތިޚާބުގައި ކުރިމަތިލީމަ، އެ މީހަކާ ދިމާއަށް ބޯވައަށް، މެއްސަށް މަދިރިއަށް ނުގޮވާ، ކެންޕެއިނެއް ރީތި ކުރެވެން ޖެހޭނެ ވާހަކަ" ރޮޒައިނާ ވިދާޅުވީ އެމްޑިޕީއަކީ މިނިވަން ކަމަށް ގޮވައިލާ، ޕާޓީ ތެރޭގައި ހަމަހަމަ ކަމަށް ގޮވައިލާ ޕާޓީއެއް ކަމަށާއި، އެ ސިފަތައް ފެންނަމުންދަނީ ހިންގާލަން ޓީމުން ކަމަށެވެ.

އަޅުގަނޑުމެން ޙަޤީޤަތުގައި އެމްޑީޕީ ވައްތަރުގެ ކެންޕެއިނެއް މި ކުރަނީ. އަނެއްކޮޅުން އަޅުގަނޑުމެނަށް ފެންނަނީ ވަރަށް ޕީޕީއެމް ވައްތަރުގެ ކެންޕެއިނެއް ކުރަމުންދާ ތަން

ރޮޒައިނާ ވިދާޅުވީ، ވާދަވެރި ކެނޑިޑޭޓުންގެ ކެންޕެއިންގެ ޓީމުން ފެންނަމުންދަނީ އެންޓި ކެންޕެއިން ކުރަމުން ގެންދާ މަންޒަރު ކަމަށާއި އެފަދަ ކަމެއް ހިންގާލާ ޓީމުގެ ކިބައިން ފެންނަމުން ނުދާ ކަމަށެވެ. އަދި ޕާޓީގެ އެންމެ އިސް ފަރާތްތަކުން ނިކުމެ، ވާދަވެރި ކެނޑިޑޭޓަށް ކެންޕެއިން ކޮށްދެމުންދާ ކަމަށް ވިދާޅުވެ، ރޮޒައިނާ ވަނީ ފާޑު ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!