ދީން

ރޯދަ ގެއްލޭ ބަލިމީހުން ޢަމަލުކުރަން ޖެހޭ ގޮތް

ދެން އެމްވީ ، ދެން އޮންލައިން

ރޯދަ މަހު ރޯދަ ގެއްލޭ މީހުން ބެހެނީ 2 ބަޔަކަށެވެ. އެއީ:

Ads by MWSC

1- ގަސްތުގައި ރޯދަ ދޫކޮށްލާ މީހާ.
2- ބައްޔެއްގެ ނުވަތަ ދަތުރެއްގެ ސަބަބުން ރޯދަ ގެއްލޭ މީހާ.

ގަސްތުގައި ރޯދަ ދޫކޮށްލާ މީހާ

ގަސްތުގައި ރޯދަ ދޫކޮއްލާ މީހާ އެ ކުރީ ވަރަށް ބޮޑު ފާފައެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަމުގެ ޙަރާމްކަން އެނގި ހުރެ އެކަން ކުރާ މީހާ ދީނުން ބޭރުވާނެއެވެ. އޭނާއަށް ތައުބާ ލައިދީ ތައުބާ ނުވެއްޖެ ނަމަ ޤަތުލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވެއެވެ.
އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުން، ޤަޞްތުގައި ރޯދަ ދޫކޮށްލިމީހާ، ތައުބާވެ، އޭނާ ދޫކޮށްލި ރޯދަތައް ހިފުމާ އެކު ކޮންމެ ރޯދަޔަކަށް ފިދްޔަ ވެސް ދޭންޖެހޭނެއެވެ.

ބައްޔެއް ނުވަތަ ދަތުރެއްގެ މަތީގައިވުމުގެ ސަބަބުން ރޯދަ ދޫވި މީހާ

ބަލީގެ ސަބަބުން ރޯދަ ގެއްލޭ މީހުން ބެހެނީ 2 ބަޔަކަށެވެ. އެއީ:

1- ދާއިމީ ބައްޔެއްގެ ސަބަބުން ރޯދަ ނުހިފޭ މީހާ. މި މީހާއަކީ ބަލީގެ ސަބަބުން ރޯދަ ނުހިފޭ އަދި ރޯދަ ގަޟާވެސް ނުކުރެވޭ މީހާއެވެ. މިސާލަކަށް މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހާއެވެ. އެމީހާ ގެއްލުނު ރޯދަ ހިފާކަށް ނުޖެހޭނެއެވެ. ފިދުޔަ ދިނީމަ ނިމުނީއެވެ. އޭގެ ދަލީލަކީ:
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ- البقرة: 184 (އަދި ދަތި އުނދަގުލާއެކު އެކަމަށް ކުޅަދާނަކަން ލިބޭ މީހުންގެ މައްޗަށް އޮތީ ރޯދަ ދޫކޮށްލުމާ އެކު ފިދްޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާންދޭ މިންވަރެވެ.)

މިސްކީނަކަށް ކާން ދިނުމުގެ މިންވަރު:
ކޮއްމެ މިސްކީނަކަށް ޞާއެއްގެ ދެބައިކުޅައި އެއްބައިގެ މިންވަރެވެ. އެއީ ކިލޯއިން ނަމަ 1.5 ކިލޯގްރާމެވެ.
މިސްކީނަކަށް ކާންދޭން އޮންނައިރު، ކާބޯތަކެތި މިސާލަކަށް ހަނޑޫ ގަނެފައި ދިނަސް ރަނގަޅުވާނެއެވެ. ނުވަތަ ކައްކައިފައި ކާންދިނަސް ރަނގަޅުވާނެއެވެ. މިސާލަކަށް ހަނޑުލުން ބަލާނަމަ:
އެއް ރޯދަޔަށް 1.5 ކިލޯ ހަނޑޫ
ދެ ރޯދަޔަށް ވާނީ 2*1.5 = 3 ކިލޯ ހަނޑޫ
30 ރޯދަޔަށް ވާނީ 30* 1.5 = 45 ކިލޯ ހަނޑޫ
30 ރޯދައަށް ފިދްޔަ ދޭނަމަ 50 ކިލޯގެ ހަނޑޫ ބަސްތާއަކުން 5 ކިލޯ ނަގައިފައި ދިނުމުން ފިދްޔަ ދެވުނީއެވެ. ނުވަތަ އެ 5 ކިލޯ ނުނަގައި ދިނަސް، އާދެ ހަނޑޫ ބަސްތާއެއް އެއްކޮށް ދިނަސް އެންމެ ރަނގަޅުވާނެއެވެ.
އެއްމިސްކީނަކަށް 30 ރޯދައިގެ މިންވަރު ދިނުން ވެސް ހުއްދައެވެ. އަދި 30 މިސްކީނުންނަށް ކޮންމެ މީހަކަށް 1 ރޯދައިގެ މިންވަރު ދިނުން ވެސް ހުއްދައެވެ. އަދި މިނޫން ވެސް ޢަދަދަކަށް ދިނުން ވެސް ހުއްދައެވެ.

ފިދްޔަ ދޭނީ ކޮން އިރަކު؟
ރަމަޟާންމަހުގެ ތެރޭގައި ކޮންމެ ދުވަހެއް ނިމުމުން އެދުވަހެއްގެ ރޯދައިގެ ފިދްޔަ ދިނަސް ރަނގަޅުވާނެއެވެ. އަދި ރަމަޟާން މަސް ނިމުމުން ނުހިފުނު ހުރިހާ ރޯދަޔަކަށް އެއްކޮށް ދިނަސް ރަނގަޅުވާނެއެވެ.

2- ވަގުތީ ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހުން އަދި ދަތުރު ވެރިން. މިފަދަ މީހުން ކަންތައްކުރަން ޖެހޭނެ ގޮތަކީ ބަލި ރަނގަޅުވުމުން އެ ރޯދަތައް ހިފާނީއެވެ. އޭގެ ދަލީލަކީ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ – البقرة 184 – “ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ.”
މިސާލަކަށް އޮޕެރޭޝަނެއް ކުރަން ޖެހިގެން، މާބަނޑުވުމުގެ ސަބަބުން، ވިހެއުމުގެ ސަބަބުން ނުވަތަ ބުއްދޭން ޖެހުމުގެ ސަބަބުން ރޯދަ ދޫކޮށްލާ މީހާ، މި ފަދަ މީހުން ޖެހޭނީ އެ ބަލި ރަނގަޅު ވީމާ ރޯދަ ގަޟާ ކުރާށެވެ. ފިދުޔަ ދޭކަށް ނުޖެހޭނެއެވެ.

މުހިއްމު ނުކުތާއެއް: ވަގުތީ ބަލި މީހާ ރޯދަ ގަޟާ ކޮށްފައި ދެން ފިދުޔަ ދޭކަށް ނުޖެހޭނެއެވެ. އޭނާ ރޯދަ ޤަޟާކުރީމާ ނިމުނީއެވެ. އަދި ދާއިމީ ބަލީގެ މީހުން ފިދުޔަ ދީފައި އަދި ރޯދަ ގަޟާ ކުރާކަށް ވެސް ނުޖެހޭނެއެވެ. ދާއިމީ ބަލިމީހުން ފިދުޔަ ދިނީމާ ނިމުނީއެވެ.

އެކަމަކު ޢުޒުރެއް ނެތި، ފަރުވާ ކުޑަވުމުގެ ސަބަބުން އަނެއް ރޯދަމަސް އަންނަ އިރު ވެސް ރޯދަ ނުހިފާ ފަސް ކުރާ މީހުން، ރޯދަ ހިފައި ނިންމާފައި ފިދްޔަ ދިނުން މުސްތަޙައްބު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

މަސްދަރު: ޝާފިއު.އެމްވީ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!