އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި މުޅިރާއްޖޭގެ ތާއީދު އޮތީ އޭނާގެ ޓީމާ އެކު ކަމަށް ކެނޑިޑޭޓް އަދި މާފަންނު އިތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ޗެއާޕާސަންގެ ކެމްޕެއިންގެ ތެރެއިން ރ.ދުވާފަރުގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އެއްވެސް އެއްޗެއް ހުށަހެޅުމެއް ނެތި ބަލައިގަތުމެއް ނެތި ހަމަ އެކަނި ޕާޓީން ހުށަހަޅާ އުސޫލުތަކަކީ ޕާޓީގެ އާންމު މެމްބަރުންނަށް އެންމެ އަގުބޮޑު އެއްޗަކަށް ވާތީ މުޅި ރާއްޖެ އޭނާއާއި ޓީމަށް ތާއީދު ކުރާ ކަމަށެވެ.
“މުޅި ރާއްޖެ އޮތީ އަޅުގަނޑުމެންނާ އެކުގައި. އެއްވެސް މަޖުބޫރު ކަމެއް ނެތި ބަލައިގަތުމެއް ނެތި ހަމައެކަނި އަޅުގަނޑުމެންގެ ޕާޓީއިން ހުށަހަޅާ އުސޫލުތަކާއި ހަމަތަކާއި އިންސާފާއި ތިލަފަތް އެއީ މިޕާޓީގެ އާންމު މެމްބަރުންނަށް އެންމެ މުހިންމު އަސާސްތަކަކީ އެންމެ މުހިންމު ޖައުހަރީ އެއްޗަކީ އެއީ ކަމަށް ވާތީ މުޅި ރާއްޖެ އޮތީ އަޅުގަނޑުމެންނާ އެއްކޮށް.” އިންތި ވިދާޅުވިއެވެ.
ޕާޓީގެ އަސާސްތަކާއި އުސޫލުތައް ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އިންތި ރޭ ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މާ ބޮޑު ޝައުގެއް ސަރުކާރުގެ ނެތް ކަމަށް އިންތި ވިދާޅުވިއެވެ.
“އަދިވެސް މާބޮޑު ޝައުގުވެރިކަމެއް އޮތްހެނެއް ހީއެއް ނުވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަކަށް. ނުވިތާކަށް އަޅުގަނޑުމެންގެ ސަރުކާރު އައިފަހުން ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ބެލުމުގެ ޝައުގުވެރިކަމެއްވެސް ނެތްހެން ހީވަނީ. އެކަމުގެ ޝައުގުވެރިކަމެއް އޮވެގެން ވާހަކަ ދައްކާ މީހަކު ވެސް މަދު.” އިންތި ވިދާޅުވިއެވެ.
ވައްކަން ހިޔާނާތް ވަރިހަމަވެގެން ރައްޔިތުން ގާތަށް ދެންގޮސް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އިންތި ވިދާޅުވި އެވެ. އެތެރޭގެ އިންތިހާބެއް އައިމާ ރަށް ފަޅުކުރާނަމޭ ބުނެ އެފަދަ ވާހަކަތައް ދެއްކެވިގެން ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ. އަދި ވަކި މީހަކަށް ވޯޓު ނުދީގެން ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދެއްކުމާއި ލޯނު ނުދޭނެކަމުގެ ބިރު ދެއްކުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ.
“މިއީ އެމްޑީޕީގެ ސަރުކާރެއް. ހަމަހަމަ ވާންޖެހޭނެ. އެންމެނާ މެދު ހަމަހަމަ އުސޫލު ބަހައްޓަން ޖެހޭނީ. ތިލަފަތުގެ ހަމަހަމަކަން ދައްކަން ޖެހޭނީ. އިންސާފުވެރި ވާން ޖެހޭނެ. ހަމަހަމަ ވާންޖެހޭނެ.” އިންތި ވިދާޅުވިއެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން އިންތި މިއަދު ވަނީ ރ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ. އަދި މާދަމާ ވެސް ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ތިކަހަލަ ލާދީނީ ބަޔަކަށް ދުވަހަކުވެސް ވޯޓެއްނުލާނަށް ކޮންމެ ކަމަކުން ދޮގުހެދުން މުނާާފިގު ކަލޭގެ،،،،،، ހަމަ ވޯޓު ދޭނީ ފައްޔާޒް އަށް