ރެސިޕީ

ދެން ރެސިޕީ | ޕިސްޓާޝިއޯ މިލްކް ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

125 ގ. ޕިސްޓާޝިއޯ ނަޓްސް

Ads by WAMCO

3 ބިސް

50 ގ. ބަޓަރު (ދިޔާކޮށްފައި)

¼ ޖޯޑު ތެޔޮ

¼ ޖޯޑު ހަކުރު

1 ސައި ސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ފުށް

¼ ޖޯޑު ކޯން ފުލާރ

1 ސައި ސަމުސާ ބޭކިން ޕައުޑަރ

¼ ސައި ސަމުސާ ލޮނު

1 ދަޅު އެވަޕަރޭޓެޑް މިލްކު

1 ދަޅު ގެރިކިރު

¼ ޖޯޑު ދިޔާ ކިރު

ތައްޔާރުކުރާނެ ގޮތް:

ތަވައެއްގައި ފިސްޓާޝިއޯ ނަޓްސްކޮޅު ފިހެލާށެވެ. އެއަށް ފަހު މި ބަދަންކޮޅު މިކްސަރަކަށް އަޅައި ފުނޑުކޮށްލާށެވެ. ފުނޑުކުރި ބަދަންތަކުގެ 3 މޭޒުމަތީ ސަމުސާ ވަކިން ނެގުމަށް ފަހު އެއް ފަރާތެއްގައި ބަހައްޓާށެވެ.

ބިހުގެ ގޮބޮޅި އާއި ހުދުބައި ވަކިކޮށްލާށެވެ. މީގެ ހުދު ބައި ތަށްޓަކަށް އެޅުމަށް ފަހު، ކުޑަ ލޮނުކޮޅެއް އަޅައި ވިޕްކޮށްލާށެވެ. އިތުރު ތައްޓެއްގައި ބިހުގެ ގޮބޮޅި، ބަޓަރު، ތެޔޮ، އަދި ހަކުރު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު މީގެ ތެރެއަށް ވެނީލާ އެސެންސްކޮޅު އަޅައި އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާށެވެ.

މީގެ ތެރެއަށް ފުށް، ކޯންފުލަރ، ބޭކިން ޕައުޑަރ އަދި ކިރު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެ ތެރެއަށް ކުރިން ފުނޑުކުރި ބަދަންކޮޅު އަޅައި އަނެއްކާ ވެސް އެއްކޮށްލާށެވެ. (މިއީ ވަކިން ނަގައިފައި ބެހެއްޓި ބަދަންކޮޅެއް ނޫނެވެ)

އަވަން 180 ޑިގްރީ ސެލްސިއަށް ހޫނުކުރަން ޖައްސާށެވެ. އަދި ޓްރޭއެއްގައި ބަޓަރު ހޭކުމަށް ފަހު މި މިކްސް އަޅައި 30 ނުވަތަ 40 މިނެޓް ވަންދެން އަވަންގައި ފިހެލާށެވެ. ކޭކު ފިހެވުނުތޯ ބަލަން ކޭކުގެ މެދަށް ޓޫތުޕިކެއް ހަރައިލުމަށް ފަހު، އޭގައި ނުހޭކޭ ނަމަ އެހެރީ ފިހެވިފައެވެ.

ކޭކަށް އަޅާ ކިރުކޮޅު ތައްޔާރުކުރުމަށް، ތަށްޓެއްގައި އެވަޕަރޭޓެޑް މިލްކު، ގެރިކިރު ދިޔާ ކިރު އަދި ކުރިން ވަކިކޮށްފައި ބެހެއްޓި ތިން ސަމުސާ ބަދަންކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އަވަންގައި ފިހުނު ކޭކު ހިހޫވުމުން، އުލެއް ބޭނުންކޮށްގެން މުޅި ކޭކުގައި ލޯވަޅު އަޅައިލާށެވެ. އަދި ދެންމެ ތައްޔާރުކުރި ކިރުކޮޅު ކޭކުގެ މައްޗަށް އޮއްސައިލާށެވެ. ފިނިކުރުމަށް ފުރިޖުގައި ދެ ގަޑިއިރު ކޭކު ބަހައްޓާލަންވާނެއެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!