ހުރިހާ ބަހަނާތައް ދައްކަނީ ފްލެޓުތައް ހަވާލުކުރަން ބޭނުން ނުވާތީ: ސައީދު

ބަހަނާތައް ދައްކަނީ ހިޔާ ފްލެޓުތައް ރައްޔިތުންނާ ހަވާލުކުރަން ބޭނުން ނުވާތީ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައި ވާއިރު، ފްލެޓް ކޮމިޓީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލީ އެ ކޮމިޓީގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެ، އެހެން މުވައްޒަފުން ވެސް ކަރަންޓީން ކުރަން ޖެހުމުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށް ޓަކައެވެ.
އެކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ބަހަނާއެއް މި ދައްކަނީ މަސައްކަތް ނިންމާ ފްލެޓުތައް ރައްޔިތުންނާ ހަވާލުކުރަން ބޭނުން ނުވާތީ ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ބެލުމަކީ ވަކި މީހަކު ނެތިގެން މަޑުޖައްސަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ފްލެޓް ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 18 ގައި ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ކޮމިޓީގެ ބައެއް މުވައްޒަފުން ކަރަންޓީންކުރަން ޖެހި، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ކޮމިޓީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.
އަދި އިއްޔެ އެ ކޮމިޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 0 ކޮމެންޓު