ލައިފްސްޓައިލް

އަހަރެންގެ ވާހަކަ: "ނަފްސު ކަސްތޮޅެއްގައި"

އަލީ މަޝާރު ، ދެން އޮންލައިން

އަކުރުން، ފިލިން އަދި ލަފްޒުން ހިތަށް އަރާ ވާހަކަތަކާއި ރޭގަނޑުގެ ނިދިން މަހުރޫމުވެ ސިކުނޑީގެ ޖަނަރޭޓަރުތައް ޖެހި ބުރުތަކާ އެކު އެނބުރޭ އިހުސާސްތައް ލިޔުމަކީ އަބަދުވެސް އަހަރެން ކުރާ ހިތްވާ ކަމެކެވެ. އެކަމަކު އަމިއްލަ ނަފްސު ، ދުޝްމަނުންގެ ސަފުތަކުގެ ކުރިމަތީގައި އެތުރި އެއީ ނުވާނެ ކަމެއްކަމުގައި ޤަބޫލުކޮށް އެކަމުގައި ކާމިޔާބު ހޯދައެވެ.

ވިސްނައި ފިކުރުކުރުމަކީ ޔަގީނުން ވެސް ކުރަން ޖެހޭ ކަމެކެވެ. އެކަން ކުރާ ބަޔަކަށް ދުނިޔޭގައި އެތައް އިބުރަތްތަކެއް ވެއެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންޖެހެޔޭ މީހުން ބުނާ އަޑު އެންމެ ކުޑައިރުންސުރެއް ވެސް އަޑުއިވެއެވެ. ވިސްނުމުގައި ވެސް ހައްދެއް އޮންނަށް ޖެހެއެވެ. އަމިއްލަައަށް ވިސްނޭ ވިސްނުމަކީ ނޫނީ އެހެންމީހުން ތިމާއަށް ވިސްނައި ދިނުމަށް ބޭނުންވާ ވިސްނުމަކީ ތިމާގެ ދުޝްމަނަކަށް ވާނެ ކަމަަށް ހީކުރުމަކީ ވެސް ކުޑަވަރެއްގެ ޖޯކެކެވެ. ނަމަވެސް މިއީ ކޮންމެ ރެއަކުމެ އަހަރެއް ކުރާ ދިގު ހަނގުރާމައެކެވެ. ނިދި އެއީ އޭގެ ޒާތުގައި އަންނަ އެއްޗެއްކަން ވެސް ގަބޫލުކުރަން އުނދަގޫވާ ހިސާބަށް ދެއެވެ. ފަހަރުގައި މި ލިޔުން ކިޔައިލުމުން ތިބާއަށް މީ ކިހައިވަރެއްގެ ކަމެއް ނޭނގިދާނެއެވެ. ނޫނީ ތިބާއީ މިކަން ތަހައްމަލު ކުރާ މީހެއްކަމުގައި ވެސް ވެދާނެއެވެ.

އަހަންނަކީ ޒުވާން ފިރިހެނެކެވެ، ރަނގަޅު އާއިލާއަކަށް އުފަން ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ނަސީބު ލިބިފައިވާ މީހެކެވެ. ބޮޑުވެގެން އައިއިރު މަންމައާއި ބައްޕަ އެއްވެސް ކަމެއްގައި އެހެން ދަރިންނަކާ އަހަރެން ތަފާތެއް ނުކުރެއެވެ. ކަމެއް ނުވެ، ކަމެއް މަދުވެގެން ދުވަހަކު ވެސް މާ ބޮޑަށް އުޅުނު ހަނދާނެއް ނުވެއެވެ. އަބަދުވެސް އެކަނި ، ކުޅުމުގައްޔާއި އެހެނިހެން ކަންކަމުގައި ވަގުުތު ހޭދަކުރާ ވާހަކަ ގޭ މީހުން ވެސް ދައްކައެވެ. އެ ހަނދާން ކޮންމެ ވެސް ވަރަކަށް ފަނޑުކޮށް ހުރެއެވެ. އެއީ ތެދެކެވެ. އަބަދުވެސް ކަންކަމާ ވިސްނުމާއި ކަންކަން ހާސިލް ކުރުމަކީ ދެކޭ ހުވަފެނެކެވެ. އަބަދުވެސް އެ ކަންކަމާ ވިސްނެއެވެ. އުމުރުން ވަރަށް ހަގު އިރުގައި ވެސް އަމިއްލަ ފައިމަށްޗަށް ތެދުވެ، އަމިއްލަ ވިޔަފާރިއެއް ކުރުމަކީ ސިކުނޑިން ނުފިލާ ވިސްނުންތަކެވެ. ކިޔެވުމުގައި ވެސް އަހަންނަކީ ދެރަ މީހެއް ނޫނެވެ. ފުރާވަރުގެ އުމުރަށް އެރުމާ އެކު ވަރަށް ބޮޑު ތަފާތުތަކެއް މީހާއަށް އައެވެ. ކީއްވެކަމާ މެދު އަމިއްލަ ނަފްސާ ސުވާލު ކުރާތާ 18 އަހަރު ވަނީއެވެ. ޖަވާބު އެނގޭނަމަހީ މި އަކުރުތައް މިހެން ލިޔެވިގެން މިއަދު ނުގޮސްދާނެއެވެ.

ކިޔެވުމާ ދުރުވެ، ނަތީޖާ ގޯސްވެގެން ދިއައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ހަޔާތުގައި އަލަށް ސީ ރިޕޯޓެއް ހިފައިގެން ގެއަށް އައި ދުވަސް އަދިވެސް ހަނދާން އެބަހުއްޓެވެ. ބައްޕަ ޖެހިގެން އިން ގޮނޑީގައި އިނދެ ރުއި ހަނދާނަކީ އަބަދުވެސް ހިތުގައި ބިންވަޅު ނެގިފައިވާ މަންޒަރެކެވެ. އެ ދުވަހު ނަފްސު ނުކުތީ ހަނގުރާމައަށެވެ. ނަފުސު ނިކުތީ ނަފުސުގެ ހަލާކަށެވެ. އެއީ އަހަރެންގެ މިޒުވާން ހަޔާތުގައި އަހަންނަކީ "ފެއިލިއަރ"އެއްކަމުގައި ނިންމުނު ފުރަތަމަ ދުވަހެވެ. ސެކަންޑްރީ ސްކޫލު ނިމިދިއާއި މަޖަލާއި ސަކަރާތުގައެވެ. ބައްޕައާއި މަންމަ އަދި ސްކޫލު ޓީޗަރުންގެ މަސައްކަތުން ކިރިޔާ ފާސްވިކަމެވެ. ކޮންމެ ދުވަހަކު ނުނިދި އޮންނަނީ މާދަމާ ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. މާދަމާ އަހަންނަކީ ކާމިޔާބު އެންމެން ވެސް ބޭނުންވާނެ ކަހަލަ މީހަކަށް ވުމުގެ ފޮނި ހުވަފެން ދެކެމުންނެވެ. އިރު އޭގެ އަލި ދުނިޔެއަށް ފޮނުވައިލުމާ އެކު އެ ހުވަފެންތައް ފެނަށް ވާ ފަދައެވެ.

ސެކަންޑްރީ ސްކޫލް ގްރެޖުއޭޝަން ސެރަމަނީއެވެ. ބައްޕައާ އެކު އެ ދުވަހު އެތަނަށް ދިއައީ ފަހަރުގައި ބައްޕަ ފަޚުރުވެރި ވާނެ ރެއަކަށް ވެދާނެ އުއްމީދުގައެވެ. ސްކޫލުގެ އިސްލާމް ޓީޗަރު އެ ރޭ ބައްޕަ ކުރިމަތީ ބުނި ވާހަކައަކީ އަބަދުވެސް ނަފުސު އަހަރެން ބަލިކުރުމަށް ބޭނުންކުރާ ހަތިޔާރެކެވެ. އާއިލާގެ އެހެން މެންބަރުން ބޭރު ޤައުމެއްގައި ދިރިއުޅޭތީ އަހަރެން ވެސް ދާނެ ވާހަކަ ބައްޕަ އޭނާ ގާތު ބުންޏެވެ. ވަރަށް ސަކަ ގޮތަކަށް "ދެން ވެސް ތިދާ ތާކަށް ގޮސްފައި ވެސް އެއްޗެއް ކިޔެވޭތޯ ބަލާބަލަ! ބައްޕަގެ ލާރިތައް ޚަރަދުނުކޮށް" ޓީޗަރު ބުންޏެވެ. އެހެން އޭނަ އެ ބުނީ ފަހަރުގައި އަހަންނަކީ ލާރި ބޭކާރުކޮށް އެއްވެސް ކަމެއް ހާސިލު ނުވާނެ މީހަކަށް ވީމަ ކަމަށް ގަބޫލުކުރެވުނެވެ. އަނެއްކާ ވެސް އަހަރެންގެ އަމިއްލަ ނަފުސު އަހަރެން ބަލިކަށި ކޮށްލީއެވެ.

އައު ދުވަހެއް އައު މަންޒިލެއްގައި އައު ފެށުމަކަށް ވިއެވެ. ލިބުނު ނަތީޖާ އެންމެ ރަނގަޅު ނުވުމުން އިތުރަށް ކިޔެވުމުގެ ފުރުސަތު ވަރަށް ހަނި ވިއެވެ. އޭރު މުޅިން އައު ދާއިރާއަކުން ކިޔެވުން ފެށުނު ކަމީ އަދިވެސް މާތް ﷲއަށް ހަމްދުކުރާކަމެވެ. ކޮންމެ ކަމެއްގައި ވެސް ހިކުމަތެއް ވެޔޭ ބުނާ ބަހަކީ ތެދެވެ. ނަތީޖާ ގޯސްވުމުގެ ސަބަބަބުން އަހަރެންނަށް ކިޔެވުނީ މިއަދު އަހަރެން އެކަމަށް ފަޚުރުވެރިވާ ދާއިރާއަކުންނެވެ. ކޮލެޖުގެ ދުވަސްތައް ހޭދަކުރީ އުޅުނު މަދު ބަޔަކާ އެކު މަޖަލާއި ސަކަރާތުގައެވެ. އެކަމަކު އޭރު އަހަރެންގެ ނަފުސުގެ ނޭދެވޭ ވިސްނުން އަހަންނަށް ވުރެ ވަރުގަދަ ވެއްޖެއެވެ. ކޮލެޖްގައި އެކުގައި އުޅުނު ދިވެހި ކުދިންގެ އިތުރުން އެހެން ކުދިންނާ ވާހަކަ ދެއްކުމަކީ އުނދަގޫ ކަމަކަށްވެއެވެ. އެހެން ކުދިންނަށް ވުރެ އުމުރުން ހަގުވެ، މިއީ ވާނެވަރު ކަމެއް ނޫންކަމުގައި ހިތަށް އަރައި، ކުޑަކޮށް ވެސް ގަޑި ޖެހިއްޖެނަމަ ކުލާހަށް ވަންނަން ބިރުން ދޮރުމަތީގައި އެތައް ދުވަހަކު ހުއްޓި ހުރީމެވެ. އެކަމު އެ އިސްލާމް ޓީޗަރުގެ ބަސް ދޮގުކުރުމުގެ ނިޔަތުގައި ވަންނަނީއެވެ.

ސެކެންޑްރީ ސްކޫލުގައި ކިޔެވި ކުލާހަކީ ނެގި ސްޓްރީމްގެ ސަބަބަބުން ވަރަށް މޮޅު ކުދިން އުޅުނު ކްލާހެކެވެ. ގިނަ ފަހަރު އެމީހުންނާއި އަހަންނާ ތަފާތުތަކެއް ހުންނަކަމަށް ވިސްނައި ގަބޫލުކުރެވުނެވެ. އެހެން ނަމަވެސް ސްކޫލު ނިމުމުން ވެސް ފޭސްބުކް މެދުވެރިކޮށް ބައެއް ކުދިންނާ ގުޅުން ބޭއްވީމެވެ. ބޭރުގައި ކިޔަވަން ހުރުމުން ކިޔަވަނީ ކޯއްޗެއްތޯ ކޮންމެ ރަހްމަތްތެރިއަކު ވެސް އަހައެވެ. ޖަވާބު ދިނުމުން ތީ ކޯއްޗެއްހޭ، ތި ކިޔަވައިގެން ރާއްޖޭގެ ވަކި ކީއްހޭ ކުރާނީ ބުނެ ސުވާލު އުފެއްދިއެވެ. މިވެނި ކުއްޖެއް މިހާރު ކިޔަވަނީ އިންޖިނިއަރިންގއޭ ބުނެ އަޅައި ކިޔެވެ. އެންމެނަކީ އެއްވަރަށް ކިޔެވޭނެ ބައެއް ނޫނޭ އެންމެން ވެސް އެމީހަކަށް ވީވަރަކުން ކިޔެވީމާ ރަނގަޅުވާނޭ ރައްދުގައި ބުނަން އެތައް ދުވަހަކު މަސައްކަތް ކުރީމެވެ. އެކަމުގައި ވެސް އަހަރެންވީ ފެއިލިއޭއަކަށެވެ. ޑިޕްލޮމާ ނިމިގެން ދިޔައީ، ކްލާހުގެ ގަދަ ފަހެއްގައި ހިމެނިގެންނެވެ. އުފާ ވާންވީތޯ ނުވަތަ ނޫންތޯ ނަފްސާ ސުވާލު ކުރެވުނެވެ. މި ކިޔަވައިގެން ކުލާހުގެ ތިން ވަނައިގައި ހިމެނުމަކީ އުފާވާން ޖެހޭވަރު ކަމެއްބާވައެވެ. މީ ޑޮކްޓަރުކަމެއް ވެސް ނޫނެވެ. އިންޖިނިއަރިންގ އެއްވެސް ނޫނެވެ. "އާއިލާގައި ތަނަވަސްކަން ހުރީތީ ކޮންމެ ވެސް އެއްޗެއް އޭނާ ވެސް ކިޔެވީއެވެ."

ޑިގްރީ ހެދުމަށް އެހެން ޔުނިވަރސިޓީއަކަށް ބަދަލުވެ، ކިޔެވުން ފެށުނެވެ. އަބަދުވެސް އައު ކަންކަމަށް ހިތް ބިރުގަނެއެވެ. މުޅިން އައު ޔުނިވަރސިޓީއެކެވެ، މުޅިން އައު ކުދިންނެވެ، ކްލާހަށް ދާން ހިތަށް އެރިޔަސް ހިތް ބިރުގަނެ ޖެހިލުންވެއެވެ. ދާއިރާއިން ކިޔަވާ ދިވެހި ކުދިން އޭރު ވަރަށް މަދުކަމުން މީހާ ބީރަށްޓެހިވިއެވެ. އާއިލާގެ ގިނަ ކުދިން ކިޔަވައި ނިމި މާލެ ބަދަލުވެއްޖެއެވެ. އެކަނިވެރިކަން އިހުސާސް ކުރެވުނެވެ. ދިރިއުޅެމުންދިޔަ ކޮންޑޯގައި އުޅޭ ދިވެހި އެހެން ކިޔަވާކުދިންނާ އެކު ގިނަ ވަގުތު ހޭދަކުރެވުނެވެ. މީހާގެ ސަކަ މިޒާޖު އެއީ މީހާގެ އަސްލަށް ނުވެދާނެއެވެ. ގިނަ މީހުންނަށް އަހަންނަކީ ސަކަ، ކަންކަމާ ނުވިސްނާ މިީހެކެވެ. އަހަރެން އަހަރެންގެ ނަފުސާ ކޮންމެ ރެއަކު ކުރާ ހަނގުރާމަ އެމީހުންނަށް ފެނި އިހުސާސްވުމުން ބިރުގަންނާނެއެވެ. ނޫނީ މިއީ އަސްލު ވާނެ ކަމެއްކަމުގައި ނުދެކިދާނެއެވެ. "ކަލޭ ތީ އެއްވެސް އެއްޗެއް ކިޔަވަން އޮންނަ މީހެއް ނޫނެއްނު، އަހަރުމެން ޓެސްޓު ތެރޭ އައިސް ކަލޭ އަބަދު ސަކާރާތް ޖަހާނީ" މިއީ ރޭގަނޑުގެ ހަނގުރާމަތަކުގައި އަހަންނަށް އަންނަ ހަމަލާތަކެވެ.

އެކަނިވެރިކަމަކީ ވަރަށް ފާޑެއްގެ ކަމެކެވެ. ކިތަންމެ ގިނަބައެއްގެ ތެރޭގައި ހުރެ ވެސް އިހުސާސްވާ ކަމެކެވެ. ތިމާ އެތާ އެ މީހުންނާ އެކު ހުރި ސަބަބާ މެދު ސުވާލު އުފައްދާ ކަމެކެވެ. ހަޔާތުގެ ބޮޑުބައެއް ދިޔައީ އެހެން މީހުން ހިތްހަމަ ނުޖެހޭ މީހަކަށް އަހަރެންވުމުގެ ބިރުގައެވެ. އަބަދުވެސް އަނެކާ އަހަރެންނާ މެދު ދެކޭނެ ގޮތަކާ މެދު ވިސްނެއެވެ. ޑިގްރީގެ ފުރަތަމަ އަހަރު ނިމި ދެވަނަ އަހަރަށް އެޅީ ނަފްސާނީ ގޮތުން މީހާ ބަލިކަށިވެ ނަފުސާ ހަނގުރާމަ ކުރުމުގެ އެއްވެސް ހިތްވަރެއް ނެތިއެވެ. އިސްލާމް ޓީޗަރު ބުނީ ތެދެކެވެ. ޚަރަދުތަކެއް ބޭކާރުކުރަނީއެވެ. ކުލާހަށް ދިއުމަކީ އުނދަގޫ ކަމަކަށް ވިއެވެ. ނަތީޖާއަކަށްވީ ޔުނިވަރސިޓީން ވިސާ ނުދިނުމެވެ. ބައްޕަ ގާތު މި ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ. ވިސާ އައު ނުވުމުގެ ސަބަބުން ގައުމުން ނުކުންނަން ޖެހުނު ވާހަކަ ބުނާނީ ކިހިނަކުން ބާވައެވެ. ހަޔާތުގެ ފުރަތަމަ ސީ ރިޕޯޓު، އިސްލާމް ޓީޗަރު ބުނި ބަސް، އޯލެވެލްގައި ފާސް ނުވެ ބައްޕަ ބޭނުންވެ ދާއިރާއިން ނުކިޔެވި، އެންމެ ފަހުން ޑިގްރީ ވެސް ހުއްޓައިލާން ޖެހުނިީއެވެ. ނަފުސާ ކުރިމަތިވާ ހަމަލާތައް އިތުރުވީއެވެ.

ހިތްވަރު ކުރާށެވެ، ހިތްވަރު ކުރީމައި ކޮންމެ ކަމެއް ވެސް ހާސިލްވާނެއެވެ. ހިތްވަރު ހުސްވީމާ ދެން އިންސާނާ ކަންކުރާނެ ގޮތަކާ މެދު އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ކަންކަމާ ކުރިމަތިލައި ކުރިއަށް ދާންވީ ގޮތް އަލްޖެބްރާއިން ހޯދިދާނެ ކަމުގައި ސްކޫލުތަކުން ވެސް ހީކުރަނީ ބާވައެވެ. އަނބުރާ ރާއްޖެ އައީ އައު ހިތްވަރަކާ އެކު ކިޔަވަން ދިއުމަށެވެ. އެތައް ފަހަރަކު ވިސާ ހޯދަން މަސައްކަތް ކުރީމެވެ. ހިތްވަރު އެލި ބޭކާރު މީހަކަށް ވިއެވެ. ގިނަ ދުވަސްތަކެއް ބޭކާރުނުކޮށް ވަޒީފާއަކަށް ވަނުމަށް އާއިލާއިން ނަސޭހަތްތެރިވިއެވެ. އެގޮތުން ޑިޕްލޮމާއާ ގުޅޭ ވަޒީފާއަކަށް މުސާރަައަކަށް ނުބަލައި ކުރިމަތިލީމެވެ. ގިނަ ދުވަސްތަކެއްވެ، އޮފީސް ދެކެ ހިތްޖެހި، ކިޔަވަން ދާކަށް ބޭނުމެއް ނުވިއެވެ. ހަޔާތުގައި މަދު ފަހަރަކު ނަމަ އިހުސާސް ނުކުރެވުނު ކަމެކެވެ. ތިމާއަށް ވެސް ކޮންމެ ވެސް ވަރަކަށް ކަމެއް ކުރެވޭ ކަމުގައި ހީިވިއެވެ.

ދުނީޔޭގައި މީހާގެ ހިލްމަށް ވުރެ އަތުގައި އޮންނަށް ކަރުދާސް ސެޓިފިކެޓްގެ އަގު ވެސް މާބޮޑެވެ. ސަރުކާރުގެ ވަޒީފާއަކަށް ވަދެ ކޮންމެ ދުވަހަކު މަސައްކަތަށް ނުކުންނަނީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އެކަމަކު، އަތުގައި އެއްކަލަ ސެޓިފިކެޓް ނެތުމުން ކުރާ މަސައްކަތް ބަލައިގަނެ ކުރިއަރަން އުނދަގޫވިއެވެ. "ބައްޕަ އެންމެ ބޭނުންވާ ކަމަކީ ބައްޕަގެ ދަރިން ފުރަތަމަ ޑިގްރީ ނެގުން، ދައްތަމެން އެތިބީ ނިންމައި ރަނގަޅު މަގާމްތަކުގައި" އޮފީހުގެ އޮނިގަނޑުގެ އެންމެ ދަށް މަގާމުތަކުގެ ބައިވެރިއަކަށްވެ ހޭދަ ކުރާ ކޮންމެ ދުވަހަކީ ވެސް ކަންފަތުން މި ވާހަކަ ފިލައިގެން ނުގޮސް ހުންނަ ވާހަކަތަކެކެވެ. މަގާމުގެ ކުރިއެރުމަކީ ވެސް ހިތުހުރި ގޮތަކަށް އަދި އޮންނަ ކަރުދާހަކަށް ބަލާ ކަމެއް ވީމާ ވާނީ ވެސް މިހެންނެވެ.

ދިރިއުޅުމުގައި ދެން ވެސް ދިޔައީ ކުރިއަށެވެ. މީހަކާ އިނދެ ވަރަށް އަވަހަށް މާތް ﷲގެ ރަހުމަތުން ތުއްތުތުއްތު އިތުރު އަހަންނެއް މިިދުނިޔެއަށް ނޭވާލިއެވެ. ރަނގަޅު ބައްޕައަކަށް އަހަރެންވާނީ ކިހިނެއްބާއޭ އަބަދުވެސް ސުވާލު ކުރެވުނެވެ. "ކަލޭ ދަރި ކިޔަވާ ނިމޭ އިރު ވެސް ކަލޭ ނުނިމޭނެ" އެކުގައި ބޭރުގައި ކިޔަވަން އުޅުނު ކުދިން ބުނެ އުޅުނީ އެމީހުންނަށް އެއީ ވަރަށް މަޖާ ވާހަކައަކަށް ވެގެންނެވެ. ތެދެކޭ! ދަރިފުޅު ކިޔަވައި ނިމޭ އިރު ވެސް އަހަރެން ހުންނާނީ މިހެން ކަމުގައި ފަހަރުގައި ވެދާނެއެވެ. އުއްމީދަކީ ވެސް އެއީ އެވެ. ދަރިފުޅު ބޮޑުވެ ކިޔަވައި މޮޅު މީހަކަށްވެ ބައްޕައާއި އޭނާގެ ކާފަ ފަޚުރުވެރި ވާނެ ވަރުގެ މީހަކަށްވުމެވެ.

ފަހަރުގައި ވެސް މި އަކުރުތަކުގެ ބޭނުމަކީ އަހަންނާ ދެތެރޭ ބަޔަކު ހަމްދަރުދީ ކުރުވުމުއް ނޫނެވެ. މީގެ ބޭނުމަކީ ކަންކަމާ އެކި މީހުން ކުރިމަތިލާނީ އެކި ގޮތްގޮތަށްކަން ނޭނގޭ ބަޔަކަށް މި ލިޔުމުން ކުޑަކޮށް ނަމަވެސް ވިސްނުމެވެ. ކައިރީގައި އެންމެ ހީފައި އުޅޭ މީހާއަކީ ވެސް ކޮންމެ ވެސް ކަމެއް ތަހައްމަލު ކުރަމުން އަންނަ މީހެކެވެ. އެމީހަކަށް އިހުތިރާމް ކުރާށެވެ. އަހަންނަށް ވުރެ ހާލުގައި އެތައް ކަމެއް ތަހައްމަލު ކުރާ އެތައް ބަޔަކު ވެސް އުޅެދާނެއެވެ. އަހަރެން މި ބަޔާން ކޮށްދިނީ އަހަރެން އަމިއްލަ ނަފުސާ ކުރާ ހަނގުރާމައިގެ މިންވަރެކެވެ. މީހަކު ގޯސްކޮށް ކަންކަމާ މެދު ވިސްނަނީ އީމާންތެރިކަށް ދަށްވެގެން ވެސް ނޫނެވެ، ބައެއް މީހުންނަން ކަންކަމާ ކުރިމަތިލާން ޖެހިލުންވެ ބިރު ގަންނަނީ އެމީހުން ފިނޑިވީމައެއް ވެސް ނޫނެވެ. ހަޔާތުގައި ހުންނަ ހަމަ އެކަނި ގޯސްކަންކަން ހޯދައި ބަލާތީއެއް ވެސް ނޫނެވެ. އަހަންނަށް ވެސް ބައެއް ކަންކަން ހާސިލްވެއެވެ. އަހަންނާ ދިމާއަށް ބައްޕަ އެހެން އެ ބުނީ ބައްޕަވާ ލޯތްބެއްގެ ސަބަބުންނެވެ، ޓީޗަރު އެހެން އެ ބުނީ އަހަންނަށް ނަސޭހަތަކަށެވެ. ރަށްޓެހިން ސަމާސާ ކުރީ އަހަރެން މީ ސަކަ މީހަކަށް ވީމައެވެ. އަހަރެން ދެކެ ވަރަށް ލޯބިވާ މަންމައަކާއި ބައްޕައެއް ލިބިފައިވެއެވެ. އާއިލާގެ ފަރާތުން ވެސް ލޯބި ލިބެއެވެ. އެކަމަކު، އެތައް އަހަރެއް ވަންދެން ނަފުސާ ކުރި ހަނގުރާމައިގައި ބަލިވެ އޭގެ އަޅަކަށްވެ އަހަރެން މިއަދު މިއިނީ ކަސްތަޅުއެޅުވިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!