އުރީދޫން ސްނެޕްޗެޓާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރަން ފިލްޓާތަކެއް ލޯންޗުކޮށްފި
އުރީދޫން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓަރެއް މިއަދު ތައާރަފުކޮށްފި އެވެ.
މި ލެންސާއި ފިލްޓަރު ތައާރަފުކުރީ އުރީދޫގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފުލާގައި ސައިންސާއި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ހާލިދާއި ސްނެޕްޗެޓްގެ ޕާޓްނާޝިޕްސް މެނޭޖަރު ބާޗިރު ބޫމެދައިން ބައިވެރިވެވަޑައިގަތެވެ.
އުރީދޫގެ އެމްޑީ ހާލިދު ވިދާޅުވީ، ރާއްޖެ އަންނަ ގިނަ މީހުން ރާއްޖެ އާދެވުނުކަން އެ މީހުންގެ އާއިލާ އާއި ރަހްމަތްތެރިންނާ ހިއްސާކުރަން އެކި މެސެޖުތައް ބަދަލުކުރާ ކަމަށާއި އަލަށް ތައާރަފުކުރި ފިލްޓަރު އެ ކަމަށް ބޭނުން ކުރެވޭނެ ކަމަށެވެ.
"ޓޫރިސްޓުން ރާއްޖެ އަންނަނީ އެ މީހުންގެ ތަޖުރިބާތައް. މި ފިލްޓާތައް ބޭނުންކޮށްގެން އާއިލާތަކާއި ރައްޓެހިންނަށް އެ ތަޖުރިބާތައް ކިޔައިދެވޭނޭ" ހަމަދީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި ސްނެޕްޗެޓްގެ ކެރިއާ ޕާޓްނާޝިޕްސް މެނޭޖާ ބަޝީރް ބުމެޑީން ވިދާޅުވީ، މި ޕާޓްނާޝިފާ މެދު އުފާކުރާ ކަމަށާއި ސްނެޕްޗެޓުން ދަނީ އޭއާރުގެ ބޭނުންތައް ފަސޭހަކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި މީގެ ސަބަބުން ޓޫރިޒަމަށް ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްނެޕްޗެޓްއަކީ އާއިލާ އާއި ރައްޓެހިންނާ ޑިޖިޓަލްކޮށް ގުޅުން ބަދަހިކޮށްލުމަށް މަޖާ ޕްލެޓްފޯމެކެވެ. އޭއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މަޖާ އަދި ހިތްގައިމް ފިލްޓަރ އަދި ފްރޭމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މަގުބޫލު އެއްޗެކެވެ.
މި ފިލްޓަރާއި ލެންސާއެކު އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްނެޕްޗެޓް ބޭނުންކުރުމަށް ހާއްސަ ޑޭޓާ އޮފާތަކެއް ވެސް ތައާރަފުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ދުވަހަށާއި ހަފުތާއަކަށާއި މަސް ދުވަހަށް ހާއްސަ ކޮށްފައިވާ އޮފާތަކެވެ. އެއީ ދުވާލަކަށް (ދެ ޖީބީ/އަގު: 10ރ.) އާއި ހަފުތާއަކަށް (10 ޖީބީ/އަގު: 50ރ.) އާއި މަހަކަށް (20 ޖީބީ/އަގު: 100ރ.) އެވެ.