އެއާއޭޝިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

އެއާއޭޝިއާއިން މެލޭޝިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.
އޭޝިއާ ސަރަހައްދުގެ އެންމެ މަގުބޫލް އެއް ބަޖެޓް އެއާލައިން ކަމަށްވާ އެއާއޭޝިއާގެ ދަތުރުތައް އިއްޔެ އަލުން ފަށައިފައި ވާއިރު، އެ އެއާލައިނުން ހަފްތާއަކު ދެ ދަތުރު މެލޭޝިއާއާއި ރާއްޖެއާ ދެމެދު ކުރާނެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވަނީ އެއާ އޭޝިއާގެ ދަތުރުތައް އަލުން ފެށުމުން އެކަމަށް މަރުހަބާ ކިޔައިފައެވެ.
އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ހުއްޓައިލީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް މާޗު 2020ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން މެލޭޝިއާގެ ބޯޑަރު ވެސް ބަންދުކުރުމަށް ފަހު މިދިޔަ އޭޕްރީލް މަހު އަލުން ވަނީ ހުޅުވައިފައެވެ. އެ ގައުމުން އަޅައިފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކޮވިޑް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ ހަދައިފައެވެ.