ކެންސަރުގެ ނަންބަރުތައް، ހިތްދަތިކަމާއި ނުރައްކާތެރިކަމުގެ ޢަދަދެއްގައި
(އިންޑިއާ) ދިވެހީންގެ ބޭސްވެރިކަމާ އެންމެ ބޮޑަށް ގުޅިފައިވާ ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ އެންމެ ބޮޑު ހިއްސާއަކީ ވެސް ޞިއްޙީ ދާއިރާއެވެ. އެކަންް ސާބިތުވާ އެއްކަމަކީ އެ ގައުމަށް ބޭސްފަރުވާއަށް ދަތުރުކުރާ މީހުންގެ ގިނަ ޢަދަދެވެ. އިންޑިއާގެ ޞިއްޙީ މަރުކަޒެއްގެ ދޮރުން ވަދެފައި ނުވާނޭ ދިވެހި އާއިލާއެއް ޔަގީނުން ވެސް މަދުވާނެއެވެ.
އެހެންކަމުން ، "ދެން"ގެ ފައްސިޔަ ޓީމުން އިންޑިއާއަށް ކުރި ދަތުރުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދިނީ މި ދާއިރާއަށެވެ. ހޮސްޕިޓަލްތަކާއި ބޭސްފަރުވާ ހޯދަމުންދާ މީހުންނަށެވެ. އަޅުގަނޑުމެން މި ގައުމުގެ ތިން ސިޓީއެއްގެ ތިން ހޮސްޕިޓަލަކަށް ޒިޔާރަތްކުރީމެވެ. އެއީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާއި، ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލާއި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލެވެ.
މި ޒިޔާރަތުގެ ތެރެއިން ބައެއް ޑޮކްޓަރުންނާއި ހޮސްޕިޓަލުތަކުގެ ވެރިންނާ ބައްދަލު ކުރީމެވެ.( އެ ބޭފުޅުންގެ ވާހަކަތައް ފަހުން ހިއްސާކޮށްލަދޭނަމެވެ.) ނަމަވެސް މި ވަގުތަށް އަޅުގަނޑަށް އެންމެ މުހިންމުކަމަކަށް ފާހަގަ ކުރެވުނީ އެންމެ ގިނަ ދިވެހިން ފަރުވާ ހޯދާ ބަލިބައްޔާ ގުޅޭ ތަފްޞީލެއް ހިއްސާކޮށްލުމެވެ.
ތިން ހޮސްޕިޓަލުން އަޅުގަނޑުމެންނާ ވާހަކަ ދެއްކެވި ޖުމްލަ 6 ޑޮކްޓަރުން ގާތުގައި އެއް ސުވާާލެއް އަޅުގަނޑު ތަކުރާާރު ކުރީމެވެ. އެއީ އެންމެ ގިނަ ދިވެހިން ޑޮކްޓަރަށް ދައްކަން އަންނަނީ ކޮން ބައްޔެއް ވެގެންތޯއާއި، އެ ބަލި ޖެހެނީ ކީއްވެގެންތޯ ކުރި ސުވާލެވެ. ހުރިހައި ޑޮކްޓަރުން ވެސް އަޅުގަނޑަށް ދިނީ އެއް ޖަވާބެކެވެ. އެއް ބައްޔެކެވެ. ނުރައްކާތެރި ކެންސަރެވެ.
އިންޑިއާގެ ޑޮކްޓަރުންގެ ބަހާއި ތަފާސް ހިސާބުތަކާ ދިމާވެއެވެ. ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ތަޙައްމަލުކުރަމުން އަންނަ އެއް ބައްޔަކީ ކެންސަރު ބައްޔެވެ. އަދި ގައިންގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން 2020ވަނަ އަހަރު ރާއްޖެއިން ތިންވަނައަށް އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ ކެންސަރު ޖެހިގެންނެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ތަޙައްމަލުކުރަމުން އަންނަ އެއް ބައްޔަކީ ވެސް ކެންސަރު ބައްޔެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރުގެ އެކި ބަލިތަކުގައި 2020ވަނަ އަހަރު 125 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 50 އަންހެނުންނާއި 75 ފިރިހެނުންނެވެ. އަދި ކެންސަރު ބަލިން ނިޔާވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ފަރުވާއަށް ދައުލަތުން ކުރަން ޖެހޭ ޚަރަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.
ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގެ ކެންސަރު ޑިޕާޓްމެންޓްގެ ހެޑް ޑރ. ޕަވިތްރަން ވިދާލުވާ ގޮތުގައި، ރާއްޖޭގެ އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ އުރަމަތީ ކެންސަރެވެ. ދެން އެންމެ ގިނައިން ޖެހެނީ ތައިރޮޑް އަދި ރަހިމުގެ ކެންސަރު ކަމަށް އޭނާ ވިދާޅުވިއެވެ. ފިރިހެނުންގެ ތެރޭގައި އެންމެ އާއްމުވަނީ އަނގައިގެ ކެންސަރު އަދި ފުއްޕާމޭގެ ކެންސަރު ކަމަށް ވިދާޅުވިއެވެ.
"ދިރުއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް ފަހަރު ކެންސަރަށް މަގުފަހިވޭ، މިސާލަކަށް. ރާއްޖޭގައި އޮބޭސިޓީ (ފަލަވުން) ވަރަށް އާއްމުވެއްޖެ. އާބާދީގެ 60 އިންސައްތަ މިހާރު އޮބޭސް. އަދި ވެސް ގިނަ ސަބަބުތައް ހުންނާނެ" އެތައް އަހަރެއްގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ޑރ. ޕަވިތްރަން ވިދާޅުވީ، އިންޑިއާއާއި ރާއްޖޭގައި އާއްމުކޮށް ޖެހެނީ އެއްވައްތަރެއްގެ ކެންސަރު ކަމަށާއި އިންޑިއާ އަދި ރާއްޖޭގެ މީހުންގެ ދިރިއުޅުުގެ ވައްޓަފާޅި އެއްގޮތްވުމަކީ އެކަމުގެ ސަބަބެއްގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، 2021ވަނަ އަހަރު ރާއްޖެއިން އެންމެ ގިނަ ބަޔަކު ފަރުވާއަށް ފޮނުވައިފައި ވަނީ ތައިރޮއިޑް ކެންސަރަށެވެ. އެއީ 104 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 89 އަންހެނުންނާއި 15 ފިރިހެނުންނެވެ. 2020ވަނަ އަހަރު އެންމެ ގިނައީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދި މީހުންނެވެ. އެއީ 52 އަންހެނުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ވެސް ޒިޔާރަތް ކުރާ ޑރ. ޕަވިތްރަން ވިދާޅުވީ، ކެންސަރަށް މަގުފަހި ކުރުވާ ބައެއް ސަބަބުތައް ހުންނަ ކަމަށާއި މިގޮތުން، ދުފުމާއި، ސިނގެރޭޓް ބުއިން ފިރިހެނުންގެ ތެރޭގައި އާއްމުވުމަކީ ސަބަބެއް ކަމަށެވެ.
މަނިޕާލް ހޮސްޕިޓަލުގެ ކެންސަރު ޑިޕާޓްމެންޑްގެ ހެޑް ޑރ. ސޯމް ޝޭކަރު ދެއްވީ އިރުޝާދެކެވެ. ވިދާޅުވީ، ކެންސަަރަށް ސްކްރީންކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ.
"ކޮންމެ އުފަން ދުވަހަކު ބޮޑެތި ޚަރަދުތައް ކުރުމުގެ ބަދަލުގައި، އާއިލާއަށް ކެންސަރު ސްކްރީން ޓެސްޓެއް ދީ. އެއީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެޅޭ ބޮޑު ބިންގަލަކަށް ވެދާނެ" ޑރ. ޝޭކަރު އިރުޝާދު ދެއްްވިއެވެ.
ޑރ. ސޯމް ޝޭކަރު ވިދާޅުވީ، ކެންސަރު ޖެހުނުކަން އެނގުނު ނަމަވެސްް އެކަމާ މާ ބޮޑަށް ބިރު ނުގަތުމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ތަރައްޤީވެފައިވާ ދުނިޔޭގައި މިއަދު ކެންސަރުގެ ފަރުވާ ވަރަށް ކުރިއަރައިފައިވާ ކަމަށެވެ. މިގޮތުން ކުރީބައިގައި ދެނެގަނެވިއްޖެ ނަމަ ކެންސަރުން މުޅިން ޝިފާާ ލިިބުމަކީ ކުރެވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"ކެންސަރަކީ މަރެއް ނޫން. ފަރުވާ އަވަސް ކުރަން މުހިންމު. ސްކްރީން ކުރަން މުހިންމު" ޑރ. ސޯމް ޝޭކަރު ވިދާޅުވިއެވެ.
ރާއްޖޭގައި އަދި މިހައިތަނަށް ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ދަފްތަރެއް އެކުލަވައިލެވިފައި ނެތެވެ. ނަމަވެސް ރާއްޖޭގައި ކެންސަރުގެ ހާލަތު ވަރަށް ގޯސްކަން ދަންނަވަން އެނގެއެވެ. ފަރުވާކުޑަކޮށްލާ ވަރަށް ވުރެ ހާލަތު ނުރައްކާތެރިއެވެ. ސަބަބަކީ ކެންސަރު ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ފެންނަން އޮތުމެވެ. ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެއިން މިދިޔަ އަހަރު އެކަނި ވެސް 762 މީހަކު އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވައިފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 454 އަންހެނުންނާއި 308 ފިރިހެނުންނެވެ.
އާސަންދައިން ހާމަކުރައްވާފައިވާ ގޮތުގައި މިބައްޔަށް ފަރުވާ ހޯދުމަށް އެކަނި ވެސް 2019ވަނަ އަހަރު 92 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި 2020ވަނަ އަހަރު 71.6 މިލިއަނަށް ވުރެ ގިނަ ރުފިޔާވަނީ ހޭދަކޮށްފައެވެ. އަދި މިދިޔަ 2021ވަނަ އަހަރު އެކަނި ވެސް މިބައްޔަށް ފަރުވާ ހޯދުމަށް 116.99 މިލިއަން ރުފިޔާ އާސަންދައިން ވަނީ ޚަރަދުކޮށްފައެވެ.
ކެންސަރަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދުުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އެކަންކަމުގެ ސަބަބު ދެނެގަތުމުގެ ދިރާސާއެއް ފައްޓަވައިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަޙްމަދު ނަސީމު ވަނީ ވިދާޅުވެފައެވެ.
ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް ލ. ގަމުގައި އަޅަން ނިންމައިފައެވެ. މި ހޮސްޕިޓަލަކީ، އިންޑިއާގެ އެކްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދާ ހޮސްޕިޓަލެކެވެ. ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް ގަމުގައި އަޅަން ނިންމައިފައިވާއިރު، އެ ހޮސްޕިޓަލުން ކެންސަރު ބަލީގެ ތަހުލީލުތައް ކުރެވޭނެ އިންތިޒާމާއި ފަރުވާގެ އިތުރުން އެ ބަލީގެ މީހުންނަށް ބޭނުންވާ ރީހެބިލިޓޭޝަން ހިދުމަތް ވެސް ލިބޭނެއެވެ.
ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ރާއްޖެއަށް ބޮޑެތި އެހީތަކެއް ދިނުމަށް ޑިސެމްބަރު 4، 2019ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭރު ކެންސަރު ހޮސްޕިޓަލު އަޅަން ނިންމައިފައި އޮތީ ހުޅުމާލޭގައެވެ. ނަމަވެސް ސަރުކާރުން ގެންގުޅޭ ލާ މަރުކަޒީ ސިޔާސަތުގެ ދަށުން މި ހޮސްޕިޓަލް ގަމަށް ބަދަލު ކުރެވުނެވެ. ގަމުގައި އެޅިގެންދާ ކެންސަރު ހޮސްޕިޓަލާ އެކު، ކެންސަރު ބައްޔަށް ފަރުވާއަށް ބޭރަށް ގޮސް ކުރަން ޖެހޭ ޚަރަދުތައް މަދުވާނެއެވެ، ކެންސަރު ހޮސްޕިޓަލްގެ އިއުލާނަށް ތިން އަހަރުވާ އިރު އަދި މިހައިތަނަށް ޢަމަލީ މަސައްކަތެއް ފެންނަން ނެތް ނަމަވެސް ، މިއީ ދިވެހީންގެ އެތައް ބަޔަކާ މިއަދު ގުޅިފައިވާ ތަނެކެވެ. ކެންސަރުގެ ނަންބަރުތައް ހައިރާންވާ ވަރަށް މައްޗަށް ހިފައިފައިވާ އިރު މިއީ އެތައް އާއިލާއަކަށް ލިބޭ ނިކަމެތިކަމަކާއި ހިތްދަތި ކަމެކެވެ. ބައްޔަށް ބޭސްކުރުމަށް ބޭރުވާ ގިނަ ފައިސާއަކީ އިގްތިޞާދަށް އޮތް ބުރައެކެވެ. އެހެންކަމުން ކެންސަރުގެ ހުރިހައި ނަމްބަރެއް ވެސް ބުނެދެނީ ގިނަ ވާހަކަތަކެކެވެ. ނުރައްކާތެރި އިންޒާރުތަކެކެވެ. އުއްމީދަކީ ދިވެހީންނަށް ދިވެހި ފަސްގަނޑުން މި ބައްޔަށް ވެސް ފަރުވާ ލިބުމެވެ.
ހުޅުމާލޭގައި މި ހޮސްޕިޓަލް އަޅަށްވީ އެހެން ނޫނީ އިންޑިއާއަށް ދިއުން ކަހަލަ ކަމެއް
ކެންސަރ ގިނަވަނީ ސިހުރުގެ ސަބަބުން. ރާއްޖޭގައި ރަނގަޅު ކާނާ ކައިގެން ، ކަސްރަތުކޮށް ،ދުވަހަކު ސިނގިރޭޓެއް ނުބޯ ، ފަލަނޫން ، އެއްވެސް ފެމެލީ ހިސްޓްރީއެއް ނެތި މި ބަލިޖެހިފައި ތިބިމީހުން މަދެއް ނޫން.
ވ.ރަގަޅު ވާހަކައެއް މީވިސްނަން ޖެހިފައިވާ ކަމެއް
ރާއްޖެއަކީ ކެންސަރު އުފައްދާ ކާރުހާނާއެއް. ބަޔަކަށް ކަޓުލިބޭ ހޮސްޕިޓާތަކުގެ އެކައުންޓުތައް ފުރަން އެބަޖެހޭވިއްޔާ.
ކެންސަރުގަ ރާއްޖެއާއި އިންޑިއާ ހޮސްޕިޓަލް ތަކުގެ ހަޤީޤީ މައްސަލަ އާސަންދައަށް މިހާރު ރަނގަޅައް އެނގޭނެ. އަންގަދީފަ އޮންނާނީ.
ކީއްވެބާ މަރުގެ ވާހަކަ ނިދެއްކެނީ؟ އަދި ފޮރަން ޖެހޭ ކޮތައްމެ ގަލެއް އެބަވޭ “ދެން” . ނިބައި ދިމާއަކާ މިފަހަރު ތި އިންޓަވިއު ކުރެވުނީ.
އަދި އަތްފުނާ އަޅާލާ. ރޭކާ ނުލާ ކޮތައްމެ ވާހަކައެއް އެބަހުރި. ރަނގަޅައް ބަލާ!
ރާއްޖޭގެ އާބާދީއަށް ބަލާ ބަލިމީހުން ގިނަވަނީ ޑޮކްޓަރުންނާ ނަރުހުންނަކީ ހަމައެކަނި ސިއްހީ ހިދުމަތްދެވޭ ބައެއްކަމަށް ހެދި ހިސާބުން. ޕަބްލިކް ހެލތުގެ ނިޒާމު ފުނޑާލީ ޑރން އަޑީގަވެސް މަތީގަވެސް ތިބެގެން އެމީހުންގެ މާރކެޓް ރަނގަޅުކޮށް ފައިސާފެލަން ހަދައިގެން
ވިހާ ދުވަހުންސުރެ ފެށިގެން މިޖަހާ ވެކްސިންތަކާ އަދި ހައްޖު އުމްރާ އަށްދާއިރު މިޖަހާ ވެކްސިންތަކުގަ އެލްމެނިއަމް އާާ މާކިއުރީ ހުރޭ އެއީ ކެންސަރު ޖެހުމަށް މަގުފަހިވާ ވިހަމާއްދާއެއް