ވޯޓް ކަރުދާހުގެ ފޮޓޯ ނަގަން ސަރުކާރުގެ މުވައްޒިފުންނަށް ދަނީ އަންގަމުން: ހަސަން ލަތީފް
މިއަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވޯޓްލުމަށް ފަހު، ވޯޓް ކަރުދާހުގެ ފޮޓޯއެއް ނަގަން ސަރުކާރުގެ މުވައްޒިފުންނަށް އަންގަމުންދާ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މިގޮތަށް ތުހުމަތުކޮށްފައި ވަނީ ވޯޓު ލާ ދުވަހުގެ އިންތިޒާމުތަކާ ގުޅޭގޮތުން މި އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީގެ ކެންޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ހަސަން ލަތީފު ވިދާޅުވީ، ޕާޓީގެ އިންތިޚާބުގައި އަމަލު ކުރެވޭ ޤަވާއިދުގައި ބަޔާންކޮށްފައި އޮތީ ފޮޓޯ ނުނެގޭނެކަން ކަށަވަރު ކުރުން ކަމަށާއި އެކަން ކަށަވަރު ކުރުމަށް ކުރާނެ ކަމެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. މި އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ ކުންފުނިތަކުން ވަކި ގޮތަކަށް ވޯޓްލާން އަންގާކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވޭ ސަރުކާރު ބައެއް ކުންފުނިތަކުން، އެބަ އަންގާ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވޯޓުލައިފައި ކަރުދާސްކޮޅު ފޮޓޯ ނަގައިފައި ކުންފުނިތަކުގެ އިސްފަރާތްތަކަށް ފޮނުވަން. އެހެން ދެއްކީމާ ކަމަށް އެމީހުންނަށް ޔަޤީންކަން ލިބެނީ އެމީހުން ބޭނުންވާ މުވައްޒިފަކަށްކަން އެ މީހަކު ލީ. އެހެންވީމާ، ވޯޓުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރު ކުރުމަށް ވޯޓު ފޮށި ކައިރިއަށް ކެމެރާ/ފޯނު ވެއްދިގެން ނުވާނެ” ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވީ، މިކަމަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ ކަމެއް ކަމަށާއި މިކަން ހުއްޓުވަން ކުރެވުނު މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އެމްޑީޕީން މިހައިތަނަށް ހުރިހާ އިންތިޚާބެއްގައި ވެސް މިކަން ވާނީ ހުއްޓުވާފައި ކަމަށާއި މި އިންތިޚާބުގައި ވެސް މިކަމަށް ހައްލު ހޯދާ ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
"ވޯޓްލާ ދުވަހާ ހަމައަށް އަޅުގަނޑުމެން އެދޭނަން. އަޅުގަނޑުމެންނަށް ކުރެވުނު ހުރިހައި ކަމެއް މިކަން ހުއްޓުވުމަށް ކުރާނަން" ހަސަން ލަތީފް ވިދާޅުވިއެވެ.
ޗެއަރޕާސަންގެ އިންތިޚާބާ ދިމާކޮށް، ބައެއް ފަރާތްތަކުން ވަޒީފާއިން ވަކި ކުރުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގެ ކަންކަން ހިނގަމުންދާ ކަމަށް އިންތިގެ ޓީމުން ތުހުމަތު ކުރެއެވެ. މި އިންތިޚާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
ވޯޓު ކަރުދާސް ފޮޓޯ ނެގުމަކީ ވޯޓު ދިން ފަރާތަށާއި ވޯޓު ލިބޭ ފަރާތުގެ ޙައްޤު ޙިމާޔަތް ކުރާކަމެއް. އެހައްޤު ނިގުޅާގަތުމަކީ ވޯޓު އޮޅުވާލަން ވޯޓު އިންތިޒާމުކުރާ ފަރާތުން ހިންޖާ ޖަރީމާއެއް. އަމުދުން ވޯޓު ގަނެ ވިއްކުމުގެ މިޒަމާނުގައި ފޮޓޯ ހުއްދަ ކުރުންލާޒިމުވާނެ. ވޯޓު ގަތުމަކީ އެމްޑީޕީގައި އާންމުކޮށް އެންމެންނަށް އެނގިގެން ކުރާކަމެއް.