ބޮޑުފިނޮޅުގެ ބިދޭސީން އިމިގްރޭޝަނުގެ ބަންދުން ދޫކޮށްލުމަށް އެދި ކޯޓަށް
ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ ބަންދަށް ބަދަލުކޮށްފައިވާތީ، ހޭބިއަސް އަމުރެއްގެ ދަށުން އެ 19 ބިދޭސީ މަސައްކަތްތެރިން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އެރަށުގައި ހަމަނުޖެހުން ހިންގައި، ދިވެހީންތަކެއް ރަހީނުކުރި އެވެ. އަދި ފުލުހުންނާ ވެސް ކުރިމަތިލާފައިވެ އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން، ޖުލައި ތިން ވަނަ ދުވަހު ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ.
ނަމަވެސް އިއްޔެ އެ ބިދޭސީން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އަދި އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
އެ 19 ބިދޭސީން ތަމްސީލުކުރާ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިދޭސީން ބަންދުން ދޫވުމަށްފަހު ވެސް އެމީހުންގެ މިނިވަންކަން އެހެން ގޮތަކުން ހިފެހެއްޓުމުގެ ބޭނުމުގައި އެމީހުން އިމިގްރޭޝަނުގެ ޑިޓެންޝަނަށް ބަދަލު ކުރުމަކީ އެންޓި ޓޯޗާގެ އަމަލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
އަދި ފުލުހުންގެ މި އަމަލަކީ ބިދޭސީ މަސައްކަތްތެރިން ނިޒާމުގެ ތެރެއިން ގެއްލުވާލުމުގެ ބޭނުމުގައި ގާނޫނާ ހިލާފަށް ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ރޭ ދަންވަރު ބިދޭސީ މަސައްކަތްތެރިން އިމިގްރޭޝަނުގެ ޑިޓެންޝަނަށް ބަދަލުކުރުމުގެ ބޭނުމަކީ އެމީހުންގެ ނުރުހުމުގައި ގަދަކަމުން ރާއްޖެއިން ފުރުވާލުން ކަމަށްވެސް ގަބޫލުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އިމިގްރޭޝަނުގެ ބަންދަށް ގެންދެވުމަށްފަހު ބިދޭސީންނާ ބައްދަލުކުރުމަށް ކުރެވުނު މަސައްކަތައް އިމިގްރޭޝަނުން ހުރަސްއަޅާފައިވުމަކީ މިކަމަށް އިތުރަށް ބާރު ލިބޭ ކަމެކެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ގާނޫނާއި ހިލާފަށް އިމިގްރޭޝަނުގެ ބަންދުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މައްސަލަ މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ. އަދި ހޭބިއަސް ކޯޕަސް އަމުރެއްގެ ދަށުން ބިދޭސީ މަސައްކަތްތެރިން ވަގުތުން ދޫކޮށްލުމަށް އިމިގްރޭޝަނުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވާނެ ކަމަށްވެސް ވަކީލުން ހާމަކުރެއެވެ.