އޭ.އެފް.ސީ ކަޕް 2022: މާޒިޔާގެ ފުރަތަމަ މެޗު މިރޭ ވަރުގަދަ ބަޝަންދުރާއާ ދެކޮޅަށް!

އޭ.އެފް.ސީ ކަޕް 2022ގައި ދިވެހިރާއްޖެ ތަމްސީލް ކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންއިން އެ ޓީމުގެ ފުރަތަމަ މެޗުގައި މިރޭ ބަނގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ނިކުންނާނެއެވެ.
ދިވެހި ފުޓުބޯޅައިގައި ނިއުރޭޑިއެންޓު ސްޕޯޓްސް ކުލަބާ އެކު ފުރިހަމަ ކާމިޔާބީތަކެއް ހޯދި އޮސްކާ ބުރުޒޮންގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ ބަޝުންދުރާ ކިންގްސްއާއި މާޒިޔާ ބައްދަލު ކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 20:00ގައި އިންޑިޔާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ.
މިދިޔަ އަހަރުގެ އޭ.އެފް.ސީ ކަޕްގައި ވެސް މި ދެ ޓީމު ރާއްޖޭގައި ބައްދަލުކުރި އިރު އެ މެޗު 2-0އިން ކާމިޔާބުކުރީ ބަޝުންދުރާ ކިންގްސްއެވެ.
މިއަހަރުގެ އޭ.އެފް.ސީ ކަޕްގެ ދެކުނު އޭޝިއާގެ ގުރޫޕުގައި ހިމެނެނީ މާޒިޔާއާއި ބަޝުންދުރާ ކިންގްސްގެ އިތުރުން އިންޑިޔާ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާ އަދި ސުޕަ ލީގުގެ ޓީމެއްކަމަށްވާ އޭޓީކޭ މޯހަން ބަގާންްއެވެ.
މާޒިޔާއަކީ މިހާރު ހިނގަމުންދާ ދިވެހި ލީގުގައި ވެސް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެވެ.