ރާއްޖޭ ކުޅިވަރު ކުޅިވަރު

އޭ.އެފް.ސީ ކަޕް: މާޒިޔާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ބަޝުންދުރާ އަތުން ބަލިވެއްޖެ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
މާޒިޔާ އަދި ބަޝުންދަރާ ކިންގްސް މިދިޔަ އަހަރު ރާއްޖޭގައި ކުޅުނު މެޗުގެ ތެރެއިން | ފޮޓޯ: އޭ.އެފް.ސީ

އޭ.އެފް.ސީ ކަޕްގެ ދެކުނު އޭޝިއާގެ ގުރޫޕުގައި މިރޭ ދިވެހިރާއްޖެ ތަމްސީލް ކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންއާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ބައްދަލު ކުރި ބަޝުންދުރާ ކިންގްސްއިން ކާމިޔާބުކޮށްފިއެވެ.

Ads by MWSC

އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަޝުންދުރާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަޝުންދުރާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 33ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާރޒީ ނަމްބަރު 14 ނުހާއެވެ. މި ގޯލަކީ މާޒިޔާގެ ޑިފެންޑަރަކާއި ކީޕަރާ ދެމެދު ހެދުނު މިސްޓޭކެއްގެ ބޭނުން ހިފައި ނުހާ ބޮލުން ޖެހި ގޯލެކެވެ.

މި މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ އެޓޭކުތަކެއް ކޮށްފައި ވަނީ މާޒިޔާއިންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މާޒިޔާގެ ހަމްޒާ މުޙައްމަދު ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ކުޅެ ގިނަ ޙަމަލާތަކެއް އުފައްދައިފައެވެ. އެހެން ނަމަވެސް މާޒިޔާއަށް ވަނީ މެޗުގައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ދެކުނު އޭޝިއާ ގުރޫޕުގައި ދެން ވާދަ ކުރާ އިންޑިއާގެ ދެ ޓީމުކަމަށްވާ ގޯކުލަމް ކެރެލާ އެފް.ސީއާއި އޭ.ޓީ.ކޭ މޯހަން ބަގާން މިއަދު ހަވީރު ބައްދަލުކުރި މެޗު 4-2އިން ކާމިޔާބުކޮށްފައި ވަނީ ގޯކުލަމްއިންނެވެ.

މާޒިޔާގެ ދެވަނަ މެޗުގައި މި މަހުގެ 21ވަނަ ދުވަހުގެ ރޭ ނިކުންނާނީ ގޯކުލަމް ކެރެލާ އެފް.ސީއާ ދެކޮޅަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!