ޚަބަރު ކުޅިވަރު ފުޓްބޯޅަ

އޭ.އެފް.ސީ ކަޕް: މާޒިޔާގެ ފަހު މެޗުގައި ވަރުގަދަ މޯހަން ބަގާންއާ ދެކޮޅަށް!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން

މިހާރު އިންޑިޔާގެ ކަލްކަތާގައި ސެންޓްރަލައިޒްކޮށް ކުރިއަށްދާ އޭ.އެފް.ސީ ކަޕްގެ ދެކުނު އޭޝިއާ ގުރޫޕުގެ ފަހު މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކުލަބާއި އިންޑިޔާ ސުޕަރ ލީގުގެ ޓީމު އޭޓީކޭ މޯހަން ބަގާންއާ ބައްދަލު ކުރާނެއެވެ.

މި މެޗު އޮންނާނީ މިރޭ 20:00ގައި އިންޑިޔާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ.

މި މެޗަށް ނިކުންނައިރު މާޒިޔާއަށް ދެވަނަ ބުރުގެ ފުރުސަތު އޮތްކަމެއް އެނގިގެންދާނީ މިއަދު ހަވީރު ބަޝުންދުރާ ކިންގްސްއާއި ގޯކުލަމް ކެރެލާ ބައްދަލު ކުރާ މެޗުގެ ނަތީޖާއިންނެވެ. އެ މެޗުން ބަޝުންދުރާ ކިންގްސް މޮޅުވެއްޖެ ނަމަ މިރޭގެ މެޗުން މާޒިޔާ މޮޅުވިޔަސް ދެވަނަ ބުރުގެ ފުރުސަތު ލިބޭނީ ބަޝުންދުރާއަށެވެ. އެއީ މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެ ނަމަ އެ ދެ ޓީމުގެ ހެޑް ޓު ހެޑަށް ބަލާތީއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ ވަނީ ބަޝުންދުރާ އަތުން 1-0އިން ބަލިވެފައެވެ.

މިއަދު ހަވީރުގެ މެޗު ގޯކުލަމް ކެރެލާއިން ކާމިޔާބުކޮށް މިރޭގެ މެޗު މާޒިޔާއިން ކާމިޔާބުކޮށްފި ނަމަ މާޒިޔާއަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެގެންދާނެއެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ބުނެފައި ވަނީ މާޒިޔާއިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރު ކުރާނެ ކަމަށެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުން މާޒިޔާ ބަލިވި ނަމަވެސް އެ މެޗުގައި ވެސް މާޒިޔާއިން ވަނީ މޮޅަށް ކުޅެފައެވެ. އަދި ދެވަނަ މެޗުގައި ގޯކުލަމް ކެރެލާއާ ބައްދަލުކުރި އިރު، އެ މެޗުގައި މާޒިޔާއިން ވަނީ މުޅި ގޭމް ޑޮމިނޭޓުކޮށްގެން ކުޅެ 1-0އިން މޮޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!