"އިންޑިޔާ އައުޓު" މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ރާއްޖޭގައި އިންޑިޔާ ސިފައިން ގާއިމުވެ ތިބިކަމެއް ބުނެ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިޔާ އައުޓު" ހަރަކާތުގެ ތެރެއިން ރޭ ކުރިއަށްދިޔަ މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
ރޭގެ މުޒާހަރާ ފަށައިފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އޭގެ ފަހުން މުޒާހަރާގެ ބައިވެރިން މަޖީދިީ މަގަށް މިސްރާބު ޖެހިއިރު، މަޖީދީ މަގުގައި މުޒާހަރާގެ ބައިވެރިން ތިއްބާ އެސްއޯ ފުލުހުން ވަނީ މުޒާހަރާ ރޫޅައިލައިފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ 3 މީހެކެވެ. އަދި މި ތިން މީހުން ވެސް ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފައެވެ.
ރޭގެ މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިޔާ އައުޓު ހަރަކާތް ހިންގުމުގައި އިސްކޮށް އުޅޭކަމުގެ ތުހުމަތުގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާާޢިލާއި ޕީ.ޕީ.އެމްގެ އިސް އެކްޓިވިސްޓެއް އިއްޔެ ހައްޔަރު ކުރުމާ ގުޅިގެން އެމީހުން ދޫކޮށްލުމަށް ގޮވާލުމަށެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިޔާ އައުޓު ހަރަކާތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި ދަމަމުން ގެންދާ ބެނާތައް ވެސް ފުލުހުން އަންނަނީ ނަގަމުންނެވެ. އަދި އެކި ތަންތަނުގައި މި މޭރުމުން ސްޕްރޭ ކުރާކަމުގެ ތުހުމަތުގައި ވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.