މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު މިހާރު އުޅުއްވަނީ އިނގިރޭސިވިލާތުގެ ފުޓުބޯޅަ ޓީމަކަށް ކޯޗުކަން ކޮށްދިނުމުގައެވެ.
އަލީ ވަހީދު ކޯޗުކަން ކޮށްދެމުން އަންނަނީ އިނގިރޭސި އެފް.އޭ ލެވެލް 2ގައި ކުޅެމުން އަންނަ ސްޕޯޓިންގ ލަންޑަން އެފް.ސީއަށެވެ.
ކުރިން ވެސް ފުޓުބޯޅައިގެ ކަންކަމުގައި އިސްކޮށް އުޅުއްވި އަލީ ވަޙީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ޕްރިމިއަރ ލީގުގެ ކުރީގެ ކުލަބު ކޫއިންސް ޕާކް ރޭންޖާސްގެ ދަނޑުގައި ކުރެވުނު ތަޖުރިބާގެ އަލީގައި ދިވެހި ފުޓުބޯޅައިގެ އިންޤިލާބީ ސަފްޙާއެއް އިރާދަފުޅުން ކުރަހާނެކަމަށެވެ.
މީގެ އިތުރުން އަލީ ވަޙީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ އެ ޓީމާ އެކު ހާސިލްކޮށްފައިވާ ބައެއް ކާމިޔާބީތަކަށްވެސް އަލި އަޅުއްވައިލައްވައިފައެވެ. އެގޮތުން އިނގިރޭސި އެފް.އޭ އެފިލިއޭޓެޑް ލަންޑަނުގެ ވިމްބަލްޑަން ކަޕް ބީގެ ރިހި މެޑެލްއާއި ގްރެންފެލް މެމޯރިއަލްކަޕްގެ ރިހި މެޑެލް، ހެޑް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކުރެވިފައިވާ ވާހަކަ އަލީ ވަޙީދު ވަނީ ފާހަގަ ކުރައްވައިފައެވެ.
ޢަލީ ވަހީދު ވަނީ މީގެ ކުރިން ދިވެހި ފުޓުބޯޅައިގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ނިއުރޭޑިއަންޓުގެ ޗެއާމަނެއްގެ ގޮތުގައި އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެއްވައިފައިވާކަން ފާހަގަކޮށްލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަލީ ވަޙީދަކީ ބޭސް ފަރުވާއަށް ބޭރަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވައިލެވިގެން ހުންނެވި ބޭފުޅެކެވެ. އަލީ ވަޙީދު ބޭރަށް ފުރުވައިލުމުގައި ޖާމިނު ވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަޝްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އަލީ ވަޙީދު އަނބުރާ ވަޑައިނުގަތުމުން ކުށުގެ ޙުކުމް ވެސް ތަންފީޒު ކުރައްވައިފައެވެ. ޢަލީ ވަޙީދަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުން އޭނާ ވަނީ ބަރީއަވެވަޑައިގެންފައެވެ. އަދި ސަރުކާރުން ވެސް ތުހުމަތުތަކުގެ އިތުރުން އެކަމާ ގުޅޭ އިތުރު އެއްވެސް ވާހަކައެއް ދައްކަވައިފައެއް ނުވެއެވެ.