ރާއްޖެއިން ކުރިން ނުފެންނަ ދޫންޏެއް ފެނިއްޖެ

މި ސަރަހައްދުން ކުރިން ނުފެންނަ ވައްތަރެއްގެ ދޫންޏެއް ރާއްޖެއިން ފެނިއްޖެއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ބުނީ ރާއްޖެއިން އަލަށް ފެނިފައިވާ "ވައިޓް ސްޓޯކް"އަކީ އާއްމުކޮށް ޔޫރަޕާއި މެދު އިރުމަތީގެ ގައުމުތަކުން ފެންނަ ދޫންޏެއް ކަމަށާއި ފިނި މޫސުމުގައި ސްރީލަންކާއާ އިންޑިޔާއިން ވެސް މި ދޫނި ކޮންމެސް ވަރަކަށް ފެންނަ ކަމަށެވެ.
އީ.ޕީ.އޭއިން ދޫނީގެ ފޮޓޯއާއެކު ކުރި ޓުވީޓެއްގައި އިތުރަށް ބުނީ، މި ދޫނި ރާއްޖެއިން ފެނިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 20ވަނަ ދުވަހު ލ. ހިތަދޫން ކަމަށެވެ.
މި ދޫންޏަކީ މާކަނާއާ ވައްތަރު ގޮތެއް ހުންނަ ހުދު ކުލައިގެ ދޫންޏެެކެވެ. އަދި ދޫނީގެ ފިޔަގަނޑުގައި ކޮންމެ ވެސް ވަރަކަށް ކަޅު ކުލަ ހުރެއެވެ.