ކުޅިވަރު

ނަތީޖާތައް ދަށްވުމުން މާޒިޔާގެ ކޯޗު ނިޒާމްބެ މަގާމުން އިސްތިއުފާ ދީފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޓީމު މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ކަމުގެ މަގާމުން ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދީފިއެވެ.

Ads by STELCO

މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ނިޒާމްބެ ވަނީ މާޒިޔާގެ ކޯޗުކަމުން އިސްތިއުފާ ދިން ކަން އިއުލާން ކޮށްފައެވެ.

ނިޒާމްބެގެ އިސްތިއުފާ ގަބޫލުކޮށް މާޒިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިޒާމްބެގެ އިސްތިއުފާ އެ ކްލަބުގެ އެކްޒެކިއުޓިވް ބޯޑުން ގަބޫލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ މާޒިޔާއަަށް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށް މުސްތަގުބަލުގައި ނިޒާމްބެއަށް ކާމިޔާބީއަށް ވެސް މާޒިޔާ އިން ވަނީ އެދިފައެވެ.

ނިޒާމްބެ ބުނެފައިވަނީ ކުލަބުގެ ކޯޗުކަމުން އިސްތިއުފާދޭން ނިންމީ އެންމެފަހުން ކުލަބް ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމާ އެކު ޓީމުން ނެރެފައިވާ ދަށް ނަތީޖާތަކާ ގުޅިގެން ކަމަށެވެ. އަދި މީގެ އިތުރުން ފުރުސަތު ދެއްވި ކަމަށް ޓަކައި ނިޒާމްބެ ވަނީ މާޒިޔާއަށް ވެސް ޝުކުރު އަދާ ކޮށްފައެވެ.

ސީޒަން ފެށުމުގެ ގޮތުން މާޒިޔާ އާއި އީގަލްސް ވާދަކުރި ޗެރިޓީ ޝީލްޑް މެޗުގައި ވެސް އީގަލްސް އިން ވަނީ ފަހަތުން އަރައި މާޒިޔާ ބަލިކޮށްފައެވެ.

މާޒިޔާގެ ޓީމަށް އިތުރު ކޯޗެއް ހަމަ ޖެހެންދެން އެ ޓީމުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލު ވާނީ އެޓީމުގެ އެސިސްޓެންޓް ކޯޗު އަހްމަދު ސުޒެއިރުއެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!