ޗައިނާއިން 20,000 އުއިގޫރު މުސްލިމުން ހައްޔަރު ކުރި؛ ލާ އިންސާނީ އަނިޔާތަކުގެ އިތުރު ހެކިތަކެއް
ޗައިނާގެ ޝިންޖިއާންގައި ދިރިއުޅޭ އުއިގޫރު މުސްލިމުން ، ކޮންސެންޓްރޭޝަން ކޭންޕުތަކުގައި ބަންދުކޮށްގެން ގެންގުޅޭކަމުގެ އިތުރު ހެކިތަކެއް ޑޭޓާ ބްރީޗަކުން ހާމަވެއްޖެއެވެ.
ލީކުވި ޑޭޓާތަކުން ދައްކާ ގޮތުގައި 2017އާއި 2018އާ ދެމެދު ކޭންޕްތަކުގައި 20،000އަށް ވުރެ ގިނަ އުއިގޫރުން ބަންދުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ބަންދުކޮށްފައި ވަނީ ތުނބުޅި ދިގުކުރުން ފަދަ ތުހުމަތުތަކެއްގައެވެ.
ލީކްވި ލިޔުންތަކުން އެނގޭ ގޮތުގައި އިސްލާމީ އަގީދާއި އުއިގުރު ސަގާފަތާއި ޝަޚުޞިއްޔަތު އެއްވެސް މިންވަރަކަށް ހާމަކުރުމަކީ އެކަމުގެ ސަބަބުން ހަރުކަށި އަދަބުތައް ލިބޭ ކަމެކެވެ.
ޗައިނާ ސަރުކާރުން ހިންގާ މި ކޮންސެންޓްރޭޝަން ކޭންޕްތަކުގައި ބަންދުކޮށްފައިވާ މީހުންގެ ގިނަ އަދަދެއްގެ ފޮޓޯއާއި ތަފްސީލް ވަނީ އާއްމުކޮށްފައެވެ.
މި ޑޭޓާ ބްރީޗްއިން ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ޖަލުން ފިލަން މަސައްކަތް ކުރާ މީހުން ފެންނަ އިރަށް ބަޑިޖަހައި މަރައިލުމުގެ ހައްގު ފުލުހުންނަށް ލިބިގެންވެއެވެ. މީގެ އިތުރުން ލީކުވި ކަރުދާސްތަކުގައި ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލުން ދެއްކެވި ތަގުރީރުތަކުގައި ދެ މިލިއަން އުއިގޫރުންނަށް "ހަރުކަށި ފިކުރު" މީހުން ކަމަށް ބުނެފައިވެއެވެ. އަދި މި މި ތަޤްރީރުތަކުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް މުސްލިމުން "އަލުން ތަރުބިއްޔަތު ކުރައްވަމުން ގެންދަވާ"ކަމަށް ވިދާޅުވެ، ތައުރީފު ކުރެއްވިއެވެ.
މީޑިއާގެ ބައެއް ތަޖުރިބާކާރުން ވަނީ މި ލީކަކީ ޗައިނާއިން އުއިގޫރުންނަށް ކުރާ އަނިޔާވެރިކަމުގެ އެންމެ ބޮޑު ލީކް ކަމަށް ބުނެފައެވެ. ނަމަވެސް މިއީ ޗައިނާގެ ސަރުކާރުން މުސްލިމުންނަށް ކުރާ އަނިޔާގެ މަދު މިންވަރެއް ކަމަށް އެ މީހުން ބުނެއެވެ.
މި ލީކުވުމާ ގުޅިގެން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މި ކޭންޕްތަކަކީ ރެޑިކަލިޒަމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަދައިފައިވާ ކޭމްޕްތަކެއް ކަމަށާއި އެއީ ދީނާއި އިންސާނީ ހައްގުތަކާ ގުޅޭ ކޭމްޕްތަކެއް ނޫން ކަމަށް ބުނެފައެވެ. އެމީހުން އިތުރަށް ބުނީ މި ސަރަހައްދަށް މިހާރު "އިޖުތިމާއީ ހަމަޖެހުގެ އިތުރުން އިގްތިސާދީ ތަރައްގީ" ފެންނަމުންދާ ކަމަށެވެ.