ރިޕޯޓް

ނިބޫ ދެބެން، އަކްމަލްގެ ސީރިއަސް ސާޖަރީއަކަށް އާއިލާއިން އެދެނީ ދީލަތި އެހީއަކަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އުފާވެރި ދިރިއުޅުމެއް ފެށުމަށް ޓަކައި ޖަހައިލައި ގޮށަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެ ދެމަފިރިންނަށް ލިބޭ ދަރިންނެވެ. ދަރީންގެ ކޮންމެ ހަރަކާތަކީ ހިތްތަކުގެ ފިނިކަމެވެ. ބަލައިލާ ބެލުންތަކާއި ލައްވައިލާ އަޑުތަކަކީ ނަފްސުތަކަށް ލިބޭ ތަސައްލީއެކެވެ. ނަމަވެސް ދަރީން ލިބި ، އެ ކުދީންނާ އެކު އުފާވެރި ވަގުތުތަކެއް ގުނުމުގެ ބަދަލުގައި ބައެއް މީހުންގެ ޙަޔާތުގައި ލިޔެވިފައި ވަނީ އުނދަގޫ ދުވަސްތަކެކެވެ. ދަރިފުޅަށް ދިމާވާ އެކިއެކި ކަންކަމުގައި ހިތާއި ފިތް ، ދަތިކަމުގައި ފިތިގެން ދެއެވެ. ކެތްތެރިކަމާ އެކު އުފާވެރި ދުވަސްތަކަކަށް އަދައިގެން ވަގުތުތައް ހޭދަކުރަން ޖެހެއެވެ.

Ads by Sosun Fihaara

ސ. މީދޫއަށް އުފަން އާއިޝަތު ހަމްދާއާއި ފުވައްމުލަކަށް އުފަން އަޙްމަދު އަބްދުﷲ ކައިވެނިކޮށް ދުވަސްތައް ފާއިތުވަމުން ގޮސް ހަމްދާ އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިނުން ވެގެންދިޔައީ އެ ދެމަފިރިންގެ ހަޔާތަށް އިތުރު އުފާވެރިކަމެއް ގެނުވި ކަމަކަށެވެ. ކޮންމެ މައެއްގެ ވެސް އެންމެ ކެތްމަދުވެފައިވާ ހިނދުކޮޅަކީ ބަލިވެ އިނދެ، ބަނޑުގައި ގެންގުޅުނު ތުއްތު ފުރާނަ ދުނިޔެއަށް މަރުހަބާ ކިޔާނެ ވަގުތައްކަން ޔަގީނެވެ. އެ ފަދައިން ހަމްދާ ވެސް ދިޔައީ އެ ދުވަހަށް އިންތިޒާރުކުރަމުންނެވެ.

މިފަދައިން ދުވަސްތައް ގުނަމުން ދިޔަ ނަމަވެސް ހަމްދާ ބަލިވެ އިން ދުވަހުން ފެށިގެން އެކި މައްސަލަތައް ދިމާވާން ފެށިއެވެ. އެންމެ ފަހުން 04 ޖެނުއަރީ 2022ވަނަ ދުވަހު އެއްމާބަނޑު ދެކުދިން ވިހަން ޖެހުނީ ދުވަސް ނުފުރާ ބަނޑަށް 6 މަހުގައެވެ. ވިހެއުމަށް ފަހު ފުވައްމުލަކު ހޮސްޕިޓަލުން އެމަޖެންސީކޮށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫއަށް ދެކުދިން ގެންދަން ޖެހުނީ އިތުރު ފަރުވާއަށެވެ.

މި ވާހަކަތައް "ދެން"އާ ހިއްސާކުރަމުން ތުއްތު ދެ ކުދިންގެ ބައްޕަ އަޙްމަދު އަބްދުﷲ ބުނީ ހަމްދާ ބަލިވެއިން ދުވަހުން ފެށިގެން ވަރަށް ބޮޑަށް ލޭ އަންނަމުން ދިޔަ ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކާ އެކަމަށް ބޭސް ބޭނުންކުރަމުން ދިޔަ ކަމަށް ބުންޏެވެ.

"ހައި ރިސްކް ޕްރެގްނެންސީ"އެއް ކަމަށް ޑޮކްޓަރުން ލަފާދީފައިވުމުން ވަރަށް ގާތުން ހަމްދާގެ ހާލު ބަލަމުން ދިޔަ ކަމަށް އަޙްމަދު ބުންޏެވެ.

" ބަނޑުބޮޑު ވީއްސުރެ ވަރަށް ބޮޑަށް ލޭ އަންނާތީ ޑޮކްޓަރަށް ދައްކައިފައި އެކަމަށް ބޭސްކުރަމުން އައީ. ކޮންމެ ހަފްތާއަކު ދައްކާ ސްކޭން ހަދަމުން ދިޔައީ. ޑޮކްޓަރ ބުނި ވަރަށް ހައި ރިސްކް ޕްރެގްނެންސީއެއް ކަމަށް. ފުލް ބެޑް ރެސްޓް ކުރަން އަންގައިފައި އޮތީ، ކިރިޔާ ކަމެއް ވިޔަސް އަންނަން"

އަޙްމަދު ބުނީ އޭރު ހަމްދާ ދައްކަމުން ދިޔަ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ދެން ދައްކަމުން ދިޔައީ އެ ހޮސްޕިޓަލުގައި ބަލަމުން ދިޔަ އެހެން ގައިނީއަކަށް ކަމަށެވެ. އަދި ކަންތައްތައް ވަމުންދިޔަ ގޮތް އޭނާއަށް ކިޔައިދެވެން ޖެހޭ ވަރަށް ކިޔައިނުދެވޭ ކަމަށް އަޙްމަދު ބުންޏެވެ. އެގޮތުން ޑިސެމްބަރު ފަހު ހަފްތާގައި ޑޮކްޓަރަށް ދައްކައި ސްކޭން ކުރުމުން އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ހުރަހަށް ޖެހިފައިވާ ކަމަށް ޑޮކްޓަރު ބުނި ކަމަށާއި ނަމަވެސް އެކަމަކީ ސީރިއަސް ކަމެއް ކަަމަށް ނުބުނާ ކަމަށް އަޙްމަދު ބުންޏެވެ.

" އެ ދުވަސްވަރު ކުރިން ވައިފް ކޮންސްލްޓް ކުރި ޑޮކްޓަރު ޗުއްޓީގައި ހުރީ. ދެން ޑިސެމްބަރު މަހު ދައްކަން ދިޔައިރު ހުރި ގައިނީއަށް އަސްލު ބުނަން ޖެހޭ ވަރަކަށް ކިޔައި ނުދޭ. ޑިސެމްބަރު ފަހު ހަފްތާގައި ދެއްކި އިރު އެއް ބޭބީ ހުރަހަށް ޖެހިފައި ހުރި ވާހަކަ ބުނި, އެކަމަކު އެހައި އެހާ ސީރިއަސް ކަމެއްގެ ވާހަކަ ނުބުނޭ. ދެން ޖެނުއަރީ 4ވަނަ ދުވަހު ފަތިހު ހޭލި އިރު ބަނޑަށް ތަދުވާތީ ހޮސްޕިޓަލަށް ދިޔައީ "

ބަނޑަށް 6 މަހުގައި ވިހެއި އެއްމާބަނޑު ދެކުދިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެން.އައި.ސީޔޫގައި ފަރުވާ ހޯދަމުން ދިޔައެވެ. އަޙްމަދު ބުނީ ދެކުދިންގެ ވެސް އެއްވެސް ސިއްޙީ މައްސަލައެއް އުޅޭ ކަމަށް ޑޮކްޓަރުން ކުރިން އަންގައިފައި ނުވާ ކަމަށެވެ. އަދި 5 މަހުގައި އެނޯމަލީ ސްކޭން ވެސް ހަދައިފައިވާ ކަމަށާއި އެ ސްކޭންގެ ނަތީޖާގައި ވެސް މައްސަލައެއް އުޅޭ ކަމަށް ބުނެފައި ނުވާ ކަމަށް އަހުމަދު ބުންޏެވެ. ހިތުގެ މައްސަލަތަކެއް ދެކުދިންގެ ތެރެއިން އަކްމަލް ބިން އަހްމަދު އަބްދުﷲގެ ގައިގައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައި ވަނީ ވިހައިގެން ހެދި ޓެސްޓުތަކުން ކަމަށް އަޙްމަދު ބުންޏެވެ.

"އަސްލު އެއްވެސް ބޭބީއެއްގެ ހެލްތް މައްސަލައެއް އުޅޭކަމުގެ ވާހަކައެއް ނުބުނޭ. 5 މަހުން އެނޯމަލީ ސްކޭން ހެދިއިރު ވެސް ނުބުނޭ އެއް ބޭބީގެ ހިތުގެ މައްސަލައެއް އުޅޭ ވާހަކައެއް. ހިތުގެ މައްސަލަ ހުރި ބޭބީގެ ވާހަކަ ބުނީ އައްޑޫ އެިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި ބޭބީ ކޮންސަލްޓް ކުރި ޑޮކްޓަރު. އެ ޑޮކްޓަރ ބުނީ ބޭބީ އަކްމަލްގެ ހިތުގައި އިތުރު އަޑެއް އެބައިން ކަމަށް. އެކަމަކު އެ ހޮސްޕިޓަލުގައި ކާޑިއޮލޮޖިސްޓެއް ނެތުމުންނާއި ސްކޭން ނުހެދޭތީ ޑޮކްޓަރަކަށް ނޭނގުނު ހިތުގެ ކޮން މައްސަލައެއް ކަމެއް އުޅެނީ. ދެން ބުނީ ޑިސްޗާޖްކުރީމަ ކުދިން ގޮވައިގެން މާލެ ގޮސް ހިތުގެ ޑޮކްޓަރަކަށް ދައްކަން"

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި 2 މަހާއި 10 ދުވަސް ހޭދަކުރުމަށް ފަހު ދެ ކުދިން ޑިސްޗާރޖް ކުރުމާ އެކު އެ ދެމަފރިން އަވަސްވެގަތީ މާލެ ގޮސް ހިތުގެ ހާއްސަ ޑޮކްޓަރަށް ދަރިފުޅު ދެއްކުމަށެވެ. މާލެ ގޮސް ދަރިފުޅު އަކްމަލްގެ ޓެސްޓުތަކެއް ހެދުމުން ހިތުގެ ސީރިއަސް މައްސަލަތަކެއް ހުރިކަން އެނގުން ވެގެންދިޔައީ އެދެމަފިރިންގެ ހަޔާތް ކަޅުކޮށްލި ކަމަކަށެވެ. އެހެން ނަމަވެސް ހިތްވަރުކޮށް އެ ހިނދުން ފެށިގެން މިއަދާ ހަމައަށް އެދެމަފިރިން އަންނަނީ ކުއްޖާއަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް، ﷲގެ ވަޖުހުފުޅުން ވާގިއަށް އެދިގެން، ކުރެވުނު ހުރިހައި މަސައްކަތަކާއި ހޭދައެއް ކުރަމުންނެވެ.

"ގޮސް އެކޯ ހެދުމުން އެނގުނީ ބޭބީ އަކްމަލްގެ ހިތުގެ ސީރިއަސް މައްސަލަތަކެއް އުޅޭކަން. ބޭބީގެ ހިތުގެ ވާހަކަ ބުނުމުން އަސްލު ވަރަށް ފިނިވެ, ދެރަވި. އެކަމަކު ޑޮކްޓަރު ބުނި ވަރަށް ގިނަ މިކަހަލަ އޮޕަން ހާޓް ސާޖަރީ ކާމިޔާބުކަމާ އެކު ކޮއްފައޭ ވީ. ކަންބޮޑު ނުވާށޭ. ދެން ﷲއަށް ދުޢާ ކޮށްކޮށް ހުރީ" އަޙްމަދު ކިޔައިދިނެވެ.

އެއަށް ފަހު އެދެމަފިރިން އަވަސްވެގަތީ ވީއެންމެ އަވަހަކަށް ދަރިފުޅުގެ ފަރުވާ ފެށުމަށް ޑޮކްޓަރު ލަފާދެއްވި ގޮތަށް އިންޑިއާއަށް ގޮސް ދެއްކުމަށެވެ. އާސަންދަ ހަމަޖެހުމާ އެކު ދަރިފުޅު ގޮވައިގެން އިންޑިއާ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލަށް ދައްކަން ދިޔަ ދަތުރުގައި ލިސީ ހޮސްޕިޓަލްގެ ޕީޑިއޭޓްރިކް ކާޑިއޯ ސާޖަންއަކަށް ދެއްކުމުން ބުނެފައި ވަނީ ކުއްޖާއަށް 06 މަސް ފުރުމުން އޮޕަރޭޝަން ކުރަންޖެހޭ ކަމަށެވެ. ދެކުދިންގެ ވެސް ގިނަ ޓެސްޓުތަކެއް އިންޑިއާއިން ހަދައިފައިވާކަން ފާހަގަކުރަމުން އަޙްމަދު ބުނީ ދެކުދިންގެ ހާނިޔާ ސާޖަރީ އަދި އައި ރެޓިނާ ސާޖަރީ މިހާރު ކޮށްފައިވާ ކަމަށެވެ. ހެދި ޓެސްޓުތަކުން ދެވަނަ ދަރިފުޅު އަޖްމަލްގެ އެހައި ބޮޑު މައްސަލައެއް ނެތް ކަމަށް އަޙްމަދު ބުންޏެވެ.

"އިންޑިއާގެ ކޮޗިންއިން އާސަންދައިގެ ދަށުން ބޭބީސްގެ ހާނިއާ ސާޖަރީ އަދި އައި ރެޓިނާ ލޭޒަރ ސާޖަރީއެއް ކޮށްފައި ވީ. އަދި ގިނަ ޓެސްޓުތަކެއް އިންޑިއާގައި ހުރި އިރު ހަދައިފައި ވާނީ. ދެން ހަމަ ފޮލޯއަޕް ކޮންމެ 3 މަހަކުން ދެން ، ދެ ބޭބީސްގެ ނިއުރޯ ސިނޯގްރަފީއިން ވެސް ދައްކާ ގޮތުން ސިކުނޑީގައި ވެސް ކުޑަ ކުޑަ ލޭކޮޅެއް ހުރި ކަން. އެހައި ސީރިއަސްއެއް ނޫން. ބޭބީ އަޖްމަލްގެ ނެތް އިރާދަކުރެއްވިއްޔާ އެހައި ސީރިއަސް މައްސަލައެއް. ކުދިކުދި ކޮމްޕްލިކޭޝަންސް ހުއްޓަސް"

އަޙްމަދު ބުނީ ދެކުދިން ގޮވައިގެން އިންޑިއާއަށް ގޮސް އެއް މަހަށް ވުރެ ގިނަ ދުވަސް ހޭދަވި ކަމަށާއި އަމްރިތާ ހޮސްޕިޓަލުން ކޮށްފައިވާ ހުރިހައި ކަމަކަށް އާސަންދަ ލިބިފައިވާ ކަމަށެވެ. އަދި އެންސްޕާގެ އިތުރުން އޭނާ ވަޒީފާ އަދާކުރާ ތަނުން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުންޏެވެ. އިންޑިއާއިން ދެއްކި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ދުވަސް ނުފުރައި ވިހެއުމުގެ ސަބަބުން ދެކުދިންގެ ވެސް އެކި މައްސަލަތައް އެބަހުރި ކަމަށާއި ކޮންމެ 3 މަހަކުން ކުދިންގެ ސްކޭންތަކާއި ޓެސްޓުތައް ހަދަންޖެހޭކަން އޭނާ ފާހަގަކުރިއެވެ. އަދި ލިސީ ހޮސްޕިޓަލުން ދަރިފުޅު އަކްމަލް ބެއްލެވި ޑޮކްޓަރު ވަނީ އޯޕަންހާރޓް ސާރޖަރީއެއްކޮށް ދަރިފުޅު އުފެދުމުގައި ހިތުގައި ހުރި 4 ކަމެއް ރަނގަޅު ކުރަން ޖެހޭކަމަށް ބުނެފައި ކަމަށާއި އެ ހޮސްޕިޓަލަކީ އާސަންދަ ނުލިބޭ ހޮސްޕިޓަލެއް ކަމަށް އަޙްމަދު ބުންޏެވެ.

"ބޭބީސްއަށް އިންޑިއާގައި 1 މަހާއި ގިނަ ދުވަސްވި. އަމްރިތާ ހޮސްޕިޓަލުން ކުރި ހުރިހާ ކަމަކަށް އާސަންދަ ލިބިފައިވޭ. ހާއްސަކޮށް އެންސްޕާއިންނާއި އަޅުގަނޑު ވަޒީފާ އަދާކުރާ ތަނުން ވެސް އެހީވި. އެކަމަކު މިފަހަރު މިދަނީ ހިތުގެ ސީރިއަސް އޮޕަރޭޝަނެއް ކުރަން. މި އޮޕަރޭޝަން ކުރަނީ އާސަންދަ ނުލިބޭ ތަނެއްގައި. އެހެންވެ އެހީއަށް މި އެދުނީ. ބޭބީގެ އޯޕަން ހާޓް ބޮޑު ސާޖަރީއެއް ވީމަ އެންމެ ރަނގަޅު އަދި ގާބިލު ޑޮކްޓަރުން ތިބި ތަނެއްގައި ކުރަން ބޭނުންވާތީ. އިންޑިއާއިން ދެއްކި ޑޮކްޓަރުން ބުނި ކޮންމެ 3 މަހަކުން ނުވަތަ 4 މަހުން ސްކޭން އަދި ޓެސްޓުތައް ހަދަން ޖެހޭ ކަމަށް. އެހެންވީމަ ފުދޭ ވަރަކަށް ގިނަ ދަތުރުތައް އިންޑިއާއަށް އަދިވެސް ކުރަން ޖެހޭނެ"

އެހެނިހެން ޚަރަދުތައް ނުލައި އަކްމަލްގެ އޮޕަރޭޝަނަށް އެކަނި ވެސް 5000އާއި 6000 ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ބޭނުން ވެއެވެ. މީގެ އިތުރުން ތަނުގެ ކުއްޔާއި ކެއިންބުއިމުގެ ޚަރަދުގެ އިތުރުން ދަތުރުފަތުރުގެ ޚަރަދު ވެސް ކުރަން ޖެހޭތީ އެ އާއިލާއިން އެދެނީ ތިޔަ އެންމެހައި ފަރާތްތަކުގެ ދީލަތި އެހީތެރިކަމަކަށެވެ.

އަކްމަލްއަށް އެހީތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ:

ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރ: 7704263974101 (އަހްމަދު އަބްދުﷲ)

ބީއެމްއެލް ޑޮލަރު އެކައުންޓް ނަންބަރ: 7730000460493 (އަހްމަދު އަބްދުﷲ)

އިތުރު މައުލޫމާތު ހޯދުމަށް: 9900121 އަހްމަދު އަބްދުﷲ (އަކްމަލްގެ ބައްޕަ)

އަކްމަލްއަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރުކޮށްދެއްވައި މި ދަތި އުނދަގޫ ޙާލަތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެ މީހަކަށް ޤިޔާމަތް ދުވަހު ޖެހޭ މުޞީބާތް ތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިލުއްވައި ދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަ ކޮށްދީފި މީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގައްޔާއި އާޚިރަތުގައި ފަސޭހަ ކޮށްދެއްވާނެއެވެ.އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަ މީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

މާތް ﷲއަށް ޓަކައި ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. ދެ ދުނިޔޭގައި ވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމައާއި ލުއިފަސޭހަކަން ލިބިގެންދާ ތަން ދެކޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!