ރިޕޯޓް

ސާއިދުގެ އާދޭސް: އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޭނާއަކީ ފުރިހަމަ ސިއްޙަތެއްގައި ގަދަވެ ސަލާމަތުން ކުރިން ހުރި ހީވާގި ޒުވާނެކެވެ. ނަމަވެސް، ޕީއެސްއެމް ގެ ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ މި ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަޙުމަދު ގެ ޙަޔާތް ބަނަކޮށްލީ 2018 ވަނަ އަހަރު، އޭނާގެ ސިއްޙަތާ ބެހޭގޮތުން ލިބުނު ހިތްދަތި ޚަބަރުންނެވެ. ސާއިދުގެ ދެ ކިޑްނީ ފެއިލް ވެފައިވާކަމަށް ޑޮކްޓަރުން އެންމެ ފުރަތަމަ ބުނި ދުވަހުން ފެށިގެން، މިއަދާ ޖެހެންދެން ވެސް އޭނާ ގެންދަނީ އެކަމާ ހަނގުރާމަ ކުރަމުން، އެކަމަށް ފަރުވާ ކުރެވިދާނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

Ads by STELCO

"ދެން" އާ ވާހަކަ ދައްކަމުން ސާއިދު ބުނީ، 2018 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ މޭނުބައިކޮށް ވަރުބަލި ވާން ފެށުމުން ކަމަށެވެ.

"އޭރު މޭ ނުބައިކޮށް، ވަރުބަލިވެ ގޮތްގޮތް ވާން ފެށީ. ހުން ވެސް އައި. ދެން ކުޑަކަމު ދާއިރު ލޭ ވެސް އަންނާތީ ޑޮކްޓަރަށް ދެއްކީ. ފުރަތަމަ ދެއްކީ އޭޑީކޭ އަށް. އެތަނުން ބުނީ އަވަހަށް އައިޖީއެމްއެޗް އަށް ދާށޭ. އެކޮޅުން ބަލާފައި ބުނީ ދެ ކިޑްނީ ފެއިލްވެފައި ހުރި ވާހަކަ" ސާއިދު ބުންޏެވެ.

އެޚަބަރު އެންމެ ފުރަތަމަ ލިބުން ދުވަހުން ފެށިގެން ސާއިދުގެ ޙަޔާތް ވަނީ އެފުށް މިފުށަށް ޖެހިފައެވެ. އާއިލާގެ ތެރެއިން ވެސް ކިޑްނީއެއް ނުލިބުމުގެ އިތުރުން، އޭނާގެ އަމިއްލަ ދިރިއުޅުމަށް ވެސް މިހާރު ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. އެގޮތުން ސާއިދު މިހާރު ވަނީ ވަރަށް ބޮޑަށް ހިކިފައިކަން ވެސް ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން، އޭނާއަށް މިހާރު ފެން ވެސް މާގިނައިންނެއް ނުބޮވެއެވެ.

ސާއިދަކީ ވަރަށް ވެސް ހިތްވަރުގަދަ މީހެކެވެ. އެކަން ހާމަކޮށްދޭ އެއް ކަމަކީ، ފާއިތުވީ ދުވަސްތަކުގައި ދެ ދުވަހުން އެއް ދުވަހު ޑައިލިސިސް ހަދަން ޖެހުނު ނަމަވެސް، ހިތްވަރާއެކު އޭނާ މަސައްކަތު ނުކުންނަ ކަމެވެ. ވަޒީފާގެ މައިދާނުގައި ސާއިދަކީ އަދިވެސް ހަމަ ހިތްވަރުގަދަ، އަދި އެހާމެ ކުޅަދާނަ ނޫސްވެރިއެކެވެ.

ކިޑްނީއެއް ލިބޭތޯ ކުރަމުންދާ މަސައްކަތުގައި ހިތްދަތިކަން

ދެ ކިޑްނީ ވެސް ފެއިލް ވެފައިވާކަން 2018 ވަނަ އަހަރު އެނގުނު ދުވަހުން ފެށިގެން ސާއިދު އަންނަނީ އޭނާއަށް ކިޑްނީއެއް ހަދިޔާ ކޮށްދޭނެ ފަރާތެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އޭނާ ބުނި ގޮތުގައި، ކިޑްނީ ހަދިޔާ ކުރުމާ ގުޅޭ ގޮތުން 12 މީހަކާ މިހާތަނަށް ވާހަކަ ދެކެވިފައި ވެއެވެ.

"ވާހަކަ ދެއްކި މީހުންގެ ތެރެއިން ތިން މީހަކު ކިޑްނީ ހަދިޔާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ވެސް ފުރިހަމަކުރި. ނަމަވެސް ވަކި ހިސާބަކުން ފެއިލްވީ. ދެން ރީޗެކަޕް ހަދަން ޖެހޭ ހިސާބުން އެމީހުން ހަބަރެއް ނުވޭ. އަނެއް ބަޔަކު ޓެސްޓް ހަދަން ދާނެ ކަމަށް ބުނެ، ޓެސްޓް ހަދަން ޖެހޭ ދުވަހު ގުޅާ ގުޅާ ފޯނު ވެސް ނުނަގާ. އެހެންބަޔަކު އަހަންނަށް އެހީވާން ކުރިމަތިލާފައި، އަަހަންނާއެކު ފޮޓޯއެއް ނަގާފައި ފަހުން ޚަބަރެއް ނުވޭ" ސާއިދު ބުންޏެވެ.

"މިހެން ކަންތައްވީމަ އަހަރެން މިހުންނަނީ އުންމީދު ކަނޑާލައިގެން. އަހަރެން އުންމީދެއް ނުކުރާނަން. އެކަމަކު އަަހަރެން މިކަމަށް މަސައްކަތް ވެސް ކުރާނަން. ކިޑްނީއެއް ލިބޭތޯ ކުރަމުން އަންނަ މަސައްކަތް ހުއްޓައެއް ނުލާނަން"

މީހުންގެ މަދަދަށް އެދި ދޫކޮށްލި ޕޯސްޓު

ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައި ހުރުމުން މަދަދަށް އެދި މީގެ ކުރިން ވެސް އޭނާ ވަނީ މީސް މީޑިއާގައި ވެސް އެކަން ހިއްސާ ކޮށްފައެވެ. އޭގެ އިތުރުން ބައެއް މީޑިއާތަކުން ވެސް އޭނާގެ ޚަބަރުތައް ގެނެސްދީ، އެކަމުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވޭތޯ މަސައްކަތް ކުރިއެވެ.

ނަމަވެސް ހިތާމައަކީ އެފަދަ އެހީތެރިކަމެއް އަދި އެކަކުގެ ފަރާތުން ވެސް ލިބިފައި ނެތުމެވެ.

އެހެންކަމުން މިއަދު އަނެއްކާ ވެސް ސާއިދު ވަނީ، މީހުންގެ މަދަދަށް އެދި މީސް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. އޭގައި އޭނާ އަކީ ދެ ކިޑްނީ ފެއިލް ވެފައިވާ މީހެއް ކަމަށާއި ލޭގެ ގްރޫޕަކީ އޯ ޕޮޒިޓިވް ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން ވެސް އޭނާއަށް ކިޑްނީއެއް ލިބޭނެ ގޮތް ނުވެފައިވާކަން ސާއިދު ފާހަގަ ކުރިއެވެ.

"ކިޑްނީއެއް ހޯދުމުގައި ތިބޭފުޅުންގެ އެހީތެރިކަމަށް އެދެމެވެ. އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެދެމެވެ." ސާއިދު ބުންޏެވެ.

"ﷲ ތަޢާލާ އިންސާނުން  ލައްވާފައިވަނީ އެކަކު އަނެކަކުގެ އެހީއާ ނުލައި ދުނިޔޭގައި ޙަޔާތް ފުރިހަމަ ނުވާ ގޮތަށެވެ. އެއީ އިންސާނުން އިމްތިހާނު ކުރެއްވުމަށް ޓަކައެވެ. ވީމާ ﷲ އަށްޓަކައި ކިޑްނީއެއް ހަދިޔާ ކުރަން ފަސްނުޖެހެމާތޯއެވެ."

ސާއިދު އަށް އެހީތެރިވެދެއްވުމަށް އެންމެހާ ދީލަތި ކިޔުންތެރިން ވެސް މަސައްކަތް ކުރަމާތޯއެވެ. އޭނާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7998981 ފޯނާ ގުޅުއްވާ، އިތުރަށް މައުލޫމާތު ސާފު ކުރެއްވުމަށް އެދެމެވެ.

 

Ads by Ooredoo
  1. Insaanaage gunavan tha hadhiyaa Kurun ei dheenugai huhdha kamehtho