ރިޕޯޓް

އުލްޔާގެ ދުލުން އިހުސާސްތައް ބުނެދޭން އެނގޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރި މި މަންމަ އެދެނީ އެހީތެރިކަމަށް!

ރައުފާ ރަޝީދު

މައިވަންތަކަމުގެ ލޯތްބަކީ ވަރަށް މަތިވެރި ގުޅުމެކެވެ. އެ ލޯތްބާއި ކުލުނަކީ އެހެން އެއްވެސް ކަމަކާ ނުބައްދަލު، ފުން އަދި އަސަރު ގަދަ އިޙުސާސްތަކެކެވެ. އެ ލޯތްބަކީ ދުލުން ބަޔާންކޮށް ނުދެވޭހައި މާތް އަގުހުރި ލޯތްބެކެވެ. ދިމާވާ ކޮންމެ ކަމެއް ކުރުމުގައި އަވަދިނެތި އުޅެނީ މަންމައެެވެ. ބަލިވެއްޖެ ހިނދު ލޯތްބާއި، އަޅައިލުމާއި، އޯގާތެރިކަމާއި ހެޔޮ ދުޢާ ފޯރުކޮށްދިނުމުގައި އަވަދިނެތި އުޅެއެވެ. މިފަދައިން އަޅައިލުމާއި އޯގާތެރިކަން އިންތިހާއަށް ބޭނުންވެފައިވާ އުލްޔާގެ ވާހަކަ ކުއްޖާގެ މަންމަ މަރިޔަމް ތަރޫނާ “ދެން”އާ ހިއްސާކުރީ ހިތްވަރާއެކުއެވެ.

ލ. މާމެންދޫއަށް އުފަން އުމުރުން 7 އަހަރުގެ އުލްޔާއަކީ އޯޓިޒަމްއަށް ފަރުވާ ހޯދަމުންދާ ކުއްޖެކެވެ. އޯޓިޒަމްގެ އިތުރުން އޭޑީއެޗްޑީއާއި އެހެނިހެން އުނދަގޫތަކާ ވެސް އުލްޔާ އަންނަނީ ކުރިމަތިލަމުންނެވެ. އޭގެ ތެރޭގައި ވާހަކަ ދެއްކުން ލަސްވުން ހިމެނެއެވެ.

އުލްޔާގެ މަންމަ ތަރޫނާ ކިޔައިދިން ގޮތުގައި އެންމެ ކުޑައިރުން ފެށިގެންވެސް އުލްޔާ އުޅެނީ ވަރަށް ހަލަނިކޮށެވެ. އިތުރު މައްސަލައެއް އޭރު ފާހަގަނުކުރެވުނު ނަމަވެސް އުމުރުން 1 އަހަރާ ބައި ވީފަހުން ވާހަކަދެއްކުން އެއްކޮށް ހުއްޓާލި ކަމަށް ތަރޫނާ ބުންޏެެެވެ. ތަރޫނާ ބުނީ އުލްޔާގެ ފަރާތުން ފެންނަ ކަންތައްތަކަކީ އޯޓިޒަމް ހުންނަ ކުދިންގެ ގައިން ފެންނަ ކަންތައްތައް ކަން ފާހަގަވާންފެށީ އޭނާ ސްޕެޝަލް އެޑިއުކޭޝަން ކިޔަވަން ފެށި ފަހުން ކަމަށެވެ.

އެހެން ކުދިން އުޅޭ ގޮތާ އުލްޔާ އުޅޭ ގޮތް ތަފާތުކަން ފާހަގަވާން ފެށުމުން ތަފާތު ޑޮކްޓަރުންނަށް އުލްޔާ ދައްކަމުން ދިޔަ ކަމަށާއި އޯޓިސްޓިކް ކުއްޖެއްކަން އެނގުނީ 2019ވަނަ އަހަރު މާލެއިން ސައިކޮލޮޖިކަލް ޓެސްޓެއް ހެދުމުން ކަމަށް ތަރޫނާ ބުންޏެވެ. އެ ޓެސްޓުތަކުން އުލްޔާގެ ގައިގައި އޭއެސްޑީ (އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ) އަދި އޭޑީއެޗްޑީ (އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ) ހުންނަ ކަމަށް އެނގިފައިވާ ކަމަށް ތަރޫނާ ބުންޏެވެ.

ތަރޫނާ ކިޔައިދިން ގޮތުގައި އުލްޔާއަށް ވާހަކަ ނުދެއްކުމުގެ ސަބަބުން އަބަދުވެސް ހުންނަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. މީގެ އިތުރުން ރޮއެ, ދަތްއެޅުން, ކަންތައްތަކަށް ސަމާލުކަން ނުދިނުން, އަދި އުލްޔާ ވަރަށް ބޮޑަށް "ހައިޕަރ އެކްޓިވް" ކަމަށާއި ހިތްހަމަނުޖެހޭ ކަމެއް ވެއްޖެނަމަ ކޮންޓްރޯލް ނުކުރެވޭ ހިސާބަށްވެސް ކަންތައްތައް ދާ ކަމަށް ތަރޫނާ ކިޔައިދިނެވެ.

"މިކަހަލަ ކުއްޖަކު ގެންގުޅޭ މީހަކަށް އަސްލު އެނގޭނީ ކޮންމެ ދުވަހަކު ފޭސް ކުރަން ޖެހޭ ކަންތައްތައް. ހިތަށް ކެތް ނުވާ ކިތަންމެ ކަމެއް ދިމާވޭ. ކޮންމެ ތާކު ހުއްޓަސް ހިތްހަމަނުޖެހޭ ކަމެއް ވެއްޖިއްޔާ ކޮންޓްރޯލް ނުވާ ވަރަށް ކަންތައްތައް ދޭ. ހިފަހައްޓާނުލެވޭ ފަހަރުވެސް ދޭ"

ތަރޫނާ ބުނީ އުލްޔާ ގޮވައިގެން އުޅޭއިރު ވަރަށް ގިނަ ކަންތައްތަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ގޭގައި އުޅޭއިރުވެސް އަބަދުވެސް އުޅެން ޖެހެނީ ތަޅުލައިގެން ކަމަށާއި ބައެއް ފަހަރު ދޮރު މަތިން ފުންމާލައިގެން ގޮސް ބޭރަށްވެސް ނިކުންނަ ކަމަށެވެ. އެހެން ނިކުމެގެން ގޮސް މޫދު ކައިރިންވެސް ބައެއް ފަހަރު ފެންނަ ކަމަށް ތަރޫނާ ބުންޏެވެ. މިކަހަލަ ކަންތައްތައް ދިމާވެދާނެތީ އަބަދުވެސް ހުންނަން ޖެހެނީ ވަރަށް ބޮޑަށް ސަމާލު ވެގެންކަމަށް ތަރޫނާ ބުންޏެވެ.

"އަހަރެމެން އުޅުނީ ގޭ ދޮރު ތަޅުލައިގެން. ކޮޓަރި ތަޅުއަޅުވައިގެން އުޅުނު ޒަމާނެއްވެސް ދިޔަ. ބައެއްފަހަރު ދޮރުމަތިން ފުންމާލައިގެންވެސް ދާނެ. ނޫނީ ގެޔަށް ވަންނަ މީހަކު ތަޅު ނުލައި ހުންނަ ފަހަރެއްގަ ނިކުމެގެން ގޮސް މޫދުކައިރިންވެސް ފެންނާނެ. މޫދު ދެކެވެސް އެއްވެސް ވަރަކަށް ބިރުނުގަންނާނެ"

ތެރެޕީ ނުލިބުގެ ސަބަބުން އުލްޔާއަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލަން ޖެހިފައިވާ ކަމަށް ތަރޫނާ ބުންޏެވެ. އެގޮތުން އުމުރުން 7 އަހަރު ވީއިރު ބައެއް ބަސްބަސް ކިޔަން މަސައްކަތް ކުރި ނަމަވެސް ރީތިކޮށް ވާހަކަ ނުދެއްކޭ ކަމަށާއި އެކަމުގެ ސަބަބުން އެހެން މީހުންނާ މުޢާމަލާތު ކުރުމަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. މީގެ އިތުރުން އަމިއްލައަށް އިހުސާސްތައް ބުނެދޭން ނޭނގުުމުން ވަރަށް ރުޅިގަދަވާ ކަމަށާއި އެވަގުތު އުޅޭ ގޮތް ފެނުމުން ރޮވޭ ފަހަރުވެސް ދާ ކަމަށް ތަރޫނާ ބުންޏެވެ.

ރަށު ސުކޫލްގެ ޓީޗަރެއްގެ ވަޒީފާ އަދާކުރާ ތަރޫނާ، ކިތަންމެ  ބޭނުންވިޔަސް ރަށުން ތެރަޕީ ލިބޭނެ ގޮތެއް ނެތެވެ. މާލެ އައިސް ދާއިމަށް މާލޭގައި ތިބެވޭނެ ގޮތެއް ނެތެވެ. ދަރިފުޅަށްޓަކައި ވަޒީފާއަށްވެސް ދާން އެބަޖެހެއެވެ. އަދި އެ ދަރިފުޅަށްޓަކައި ރެއާ ދުވާލުން އެތަކެއް ވަގުތުތަކެއް ހުސްކުރަން ޖެހެއެވެ.

އުލްޔާގެ އާއިލާއިން މިހާރު ދަނީ އިންޑިޔާގެ މުމްބާއީގައި ހުންނަ ނިއުރޯޖެން ބްރެއިން އެންޑް ސްޕައިން އިންސްޓްޓިއުޓްއިން އުލްޔާގެ ސްޓެމް ސެލް ޓްރީޓްމަންޓް ނެގުމަށް ތައްޔާރުވަމުންނެވެ. މި ޓްރީޓްމެންޓަށް 14 ދުވަހުގެ މުއްދަތަށް ހޮސްޕިޓަލްގައި މަޑުކުރަން ޖެހެއެވެ. މި ޓްރީޓްމެންޓަށް ހަރަދުވާނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވަނީ 16,500 ޑޮލަރެވެ. އޭގެ ތެރޭގައި ހުރުމުގެ ޚަރަދު ވެސް ހިމެނެއެވެ.

ދުލަށް ކިޔާލަން ފަސޭހަ ނަމަވެސް މިއީ ވަރަށް ބޮޑު ޚަރަދެކެވެ. އާސަންދަ ހަމަ ޖެހޭ ފަރުވާއެއް ނޫންކަމުން ހުރިހާކަމެއް ހަމަޖައްސަން ޖެހެނީ އަމިއްލައަށެވެ. ލިބޭ މުސާރައިން ވީ ވަރަކުން ރައްކާކުރަމުން އައިނަމަވެސް މި އަދަދު ހަމަ ކުރުމަކީ ހެޔޮ އެދޭ މަދަދުދާރުންގެ އެހީއާއި ނުލާ ވާނެކަމެއް ނޫނެވެ.

މީގެ އިތުރުން އެމީހުންގެ ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމުގެ ޚަރަދު ވެސް ކުރަން ޖެހޭތީ އެ އާއިލާއިން އެދެނީ ތިޔަ އެންމެހައި ފަރާތްތަކުގެ ދީލަތި އެހީތެރިކަމަކަށެވެ.

މައެއްގެ ހިތުގެ އާދޭހަކީ މިއަދު މިއީއެވެ. ލޯބިވާ ދަރިފުޅަށް ފަރުވާ ލިބި އެ ދަރިފުޅަށް އެ ދަރިފުޅުގެ އިހުސާސްތައް ބުނެދޭން އެނގޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ހާލު ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމަށް އެދި ދުއާކުރަނީއެވެ.

އުލްޔާއަށް އެހީތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ:

ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރ: 7770000001494 (މަރިޔަމް ތަރޫނާ)

އިތުރު މައުލޫމާތު ހޯދުމަށް: 7883737 މަރިޔަމް ތަރޫނާ (އުލްޔާގެ މަންމަ)

މާތް ﷲ އުލްޔާއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވައި، އަވަސް މުސްތަޤުބަލެއްގައި މި ޙާލަތުން ސަލާމަތް ކުރައްވާށިއެވެ. އާމީން!

މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެ މީހަކަށް ޤިޔާމަތް ދުވަހު ޖެހޭ މުޞީބާތް ތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިލުއްވައި ދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަ ކޮށްދީފި މީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގައްޔާއި އާޚިރަތުގައި ފަސޭހަ ކޮށްދެއްވާނެއެވެ.އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަ މީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

މާތް ﷲއަށް ޓަކައި ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. ދެ ދުނިޔޭގައި ވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމައާއި ލުއިފަސޭހަކަން ލިބިގެންދާ ތަން ދެކޭނެތެވެ.

  1. ށަވިޔަނި

    އަވަސް ޝިފާއަކަށް އެދެން

  2. އިންޝާ ﷲ