ރައްޔިތުން ބަނޑަށް ޖެހިދާނެތީ ކަންބޮޑުވޭ: އާދަމް ޝަަރީފް

ގިނަ ރައްޔިތުންތަކެއް ކުއްލިއަކަށް ބަނޑަށް ޖެހިދާނެތީ އިންތިހާއަށް ކަނބޮޑުވެލައްވާކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ތަކެތީގެ އަގުތައް ކުއްލިއަކަށް އަރައިގެންދާއިރު އާމްދަނީ ހޯދޭނެ ގޮތެއް ވެސް ނެތް ކަމަށާއި ގިނަ ރައްޔިތުން ބަނޑަށް ޖެހިދާނެތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުން އާއްމު ދިރިއުޅުމަށް ބޭނުންވާ މުދަލުގެ އަގު ކުޑަކުރުމަށް ވެސް އާދަމް ޝަރީފް ވަނީ ގޮވައިލައްވައިފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ފަޤީރުން އިތުރަށް ނިކަމެތިވާކަމަށް ބުނެ އާދަމް ޝަރީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާ ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ތަކެތީގެ އަގުތައް އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު އާއްމު ބޭނުންތަކަށް ބޭނުންކުރާ މަސްދަޅު ކޭހަކުން ވެސް 150 ރުފިޔާ އިއްޔެއިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.
މިފްކޯއިން ބުނީ، މަސްދަޅުގެ އަގު ބޮޑު ކުރަން މަޖުބޫރުވީ އެ ނޫން އެއްވެސް ގޮތެއް އެ ކުންފުންޏަށް ނެތުމުން ކަަމަށެވެ.
ކުރިއަށް އޮތްތަނުގައި ވެސް ގިނަ ތަކެތީގެ އަގުތައް އިތުރަށް އުފުލިގެންދާނެކަމަށް ވިޔަފާރިވެރިންނާއި އިޤްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.