ރާއްޖޭން ޙައްޖަށްދާ ފުރަތަމަ ގުރޫޕު މި މަހު 26ގައި ފުރަނީ
ޙައްޖުގެ މަތިވެރިކަން އަދާ ކުރުމަށް ރާއްޖެއިންދާ ފުރަތަމަ ގުރޫޕު މި މަހުގެ 26ވަނަ ދުވަހު ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ 26ވަނަ ދުވަހު ފުރާ ގުރޫޕުގައި 157 މީހުން ޙައްޖަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ޙައްޖަށް ދިއުމަށް ރާއްޖެއަށް ލިބުނު 453 ކޯޓާ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.
މީގެ ތެރެއިން 100 ކޯޓާ އާއްމުންގެ ތެރެއިން މީހުންނަށް ހުޅުވައިލި އިރު އެ 100 ކޯޓާއަށް 500އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފައެވެ. މި 100 ކޯޓާގެ އިތުރުން ބާކީ ހުރި ކޯޓާތައް ހާއްސަ ކުރުމަށް ހަމަޖެހިފައި ވަނީ ދުރާލައި ފައިސާ ދައްކާ ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި ޖެހިފައި ތިބި ފަރާތްތަކަށެވެ.
އެހެން އަހަރުތަކާ ބަލާއިރު މި އަހަރު ރާއްޖެއަށް ލިބިފައި ވަނީ ނިސްބަތުން މަދު އަދަދެއްގެ ކޯޓާކަން ފާހަގަކޮށްލެވެއެވެ. އިސްލާމިކް މިނިސްޓްރީން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އެކަމުގައި ކުރިއެރުމެއް ލިބުނު ކަމަކަށް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މިއަހަރު ދިވެހިރާއްޖެއިން އަމީރުލްޙައްޖުގެ ގޮތުގައި ދިއުމަށް ހަމަޖައްސަވައިފައި ވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.