ރަސޫލާއަށް ފުރައްސާރަކުރި މީހާ ބީޖޭޕީން ބޭރުކޮށްފި
ރަސޫލާއަށް ފުރައްސާކޮށް، އިހާނެތި ބަސްތައް ރައްދުކުރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ލީޑަރޝިޕްގައި ހިމެނޭ ދެ މީހުންގެ ތެރެއިން އެކަކު ޕާޓީން ވަކިކޮށް، އަނެކަކު ސަސްޕެންޑްކޮށްފިއެވެ.
ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ. އަދި ޕާޓީން ސަސްޕެންޑްކޮށްފައި ވަނީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާއެވެ. އޭނާގެ މައްސަލަ އަދި ދަނީ ބަލަމުންނެވެ.
މިދިޔަ ހަފްތާގައި ޓީވީ ބަހުސްއެއްގައި ޝަރުމާ ވަނީ ނަބިއްޔާއާއި އެކަނލޭގެފާނުގެ އަނބިކަނބަލުން ޢާއިޝަތުގެފާނަށް ފުރައްސާރަކޮށްފައެވެ. ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ޝަރްމާ ބުނެފައި ވަނީ އެ ވާހަކަތަކަކީ ހިންދޫ ކަލާނގެއަކާ ބެހޭ ގޮތުން ކުރި ކޮމެންޓްތަކަށް ރައްދުދީ ބުނި ވާހަކަތަކެއް ކަމަށެވެ. އަދި އޭނާގެ ވާހަކަތައް ބައްޓަން ކުރީ "މީހެއްގެ ދީނީ އިހުސާސްތަކަށް އަނިޔާ ކުރުމުގެ ނިޔަތެއް" ނޫން ކަމަށާއި، އޭނާ ބޭނުން ވަނީ "ޝަރުތެއް ނެތި ބަޔާން އަނބުރާ ގެންދަން" ކަމަށް އޭނާ ބުނެފައިވެއެވެ.
ބީޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރިހައި ދީނަކަށް އިހުތިރާމްކުރާ ކަމަށާއި "ކޮންމެ ދީނެއްގެ އެއްވެސް ދީނީ ޝަޚުސިއްޔަތަކަށް ފުރައްސާރަ ކުރުން ވަރަށް ބޮޑަށް ކުށްވެރިކުރާ" ކަމަށެވެ.
“ކޮންމެ ފިކުރަކަށް ނުވަތަ ދީނަކަށް ފުރައްސާރަކުރާ ނުވަތަ ދަށު ދަރަޖައިގެ ވާހަކަ ދެއްކުން ވެސް ބާރަތިޔާ ޖަނަތާ ޕާޓީން ވަރަށް ބޮޑަށް ދެކޮޅުހަދައެވެ. ބީޖޭޕީން އެފަދަ މީހުން ނުވަތަ ފަލްސަފާ ޕްރޮމޯޓް ނުކުރަމެވެ،” އެ ޕާޓީން ބުންޏެވެ.
“އިންޑިޔާގެ ޤާނޫނު އަސާސީގައި ކޮންމެ ރައްޔިތަކު ވެސް އެމީހަކު އިޚްތިޔާރުކުރާ ކޮންމެ ދީނަކަށް ޢަމަލުކުރުމާއި، ކޮންމެ ދީނަކަށް އިޙްތިރާމްކޮށް އިޙްތިރާމްކުރުމުގެ ޙައްޤު ލިބިގެންވެއެވެ”.
އެ ބަޔާނުގައި ސީދާ ޝަރުމާ އިޝާރާތްކޮށްފައި ނުވާއިރު، އެ ދެ ޕާޓީގެ އިސްވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ވާހަކައެއް ވެސް ފާހަގަކޮށްފައެއް ނުވެއެވެ.