ވެރިކަން ކުރާ އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30ގެ ނިޔަލަށް ހުޅުވައިލައިފައިވާ ކަމަށެވެ.
އެ ޕާޓީން ވަނީ އަސާސީ ގަވާއިދުގެ އެއް މާއްދާއަށް ވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށް ވުރެ ގިނަ އިސްލާޙު ހުށަހަޅާ ނަމަ އިސްލާޙު ހުށަހަޅާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުމަށް އެދިފައެވެ.
އެމްޑީޕީގެ ކޮންގްރެސް ކުރިން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 4ގައެވެ. ނަމަވެސް މިހާރު އެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމަހުގެ 19ވަނަ ދުވަހުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީގެ ކޮންގްރެސަށް ހުށަހަޅަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުން ހިމެނެއެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަދުން ވޯޓު ލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެނޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމުގެ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަށް ހުށަހެޅުން ވެސް ހިމެނެއެވެ.