އޮފީހަށް ނިކުމެ މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 50 އިންސައްތަ ދަށްކުރުމަށް އަންގައިފި

މާލޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުން ތަކުގައި އޮފީހަށް ގޮސް ކުރަން ޖެހޭ މުވައްޒަފުންނާއި އޮފީސް މާހައުލުގައި މަސައްކަތް ކުރާ މުވައްޒަފުން ގެ އަދަދު 50 އިންސައްތަ ދަށް ކުރުމަށް އެޗްޕީއޭ އިން އެދެފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު ސާމިޔާ ވިދާޅުވީ، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި މެނުވީ އެންމެ އެދެވިގެންވަނީ އޮފީސްތަކަށް ނުގޮސް ގޭގައި މަސައްކަތް ކުރުން ކަމަށެވެ.
ސާމިޔާ އިތުރަށް ވިދާޅުވީ އޮފީހުގެ ބޭރުން ބްރޭކް ގަޑިތަކުގައި އެކަކު އަނެކަކާ ދިމާވެ ވަގުތު ހޭދަކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން ބަލިޖެހުމަށް އޮންނަ ފުރުސަތު ބޮޑުކަމަށާ ބަލިޖެހިފައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިކަން ހުއްޓުވުމަށް ބުރޭކް ނަގަން ޖެހިއްޖެ ހާލަތެއްގައި އަމިއްލަ ވޯކް ޑެސްކްގައި ބުރޭކް ނެގުމަށް ސާމިޔާ ވަނީ އެދިފައެވެ.
އޮފީސް މާހައުލުން ފައްސިވާ ކޭސްތަކުގެ ކޮންޓެކުޓުން ގިނަ ވުމާއެކު ސާމިޔާ ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވީހާވެސް ބޮޑަކަށް އެކަކު އަނެކަކާއި ކޮންޓެކްޓްވުން މަދުކުރެއްވުމަށް އެދިލައްވާފައެވެ.