ލަންކާއިން އެންމެ ބޭނުންވި ދުވަހު ޗައިނާއިން ވަނީ އަތް އުރައިލައިފައި: ރައީސް ގޮތަބަޔާ
ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ޗައިނާއިން އެހީ ނުވާ ކަމަށް ވިދާޅުވެ، ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ނުރުހުން ފާޅު ކުރައްވައިފިއެވެ.
ރައީސް ގޮޓަބަޔާ ބްލޫމްބާގް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއިން ސްޓްރެޓެޖިކް ފޯކަސް ބަދަލުކުރަމުންދަނީ އިރުދެކުނު އޭޝިއާއާއި އެފްރިކާއަށް ކަމަށާއި އިގްތިސާދީ ދަތިކަމެއް ކުރިމަތިވެފައި ވާތީ އޭނާގެ އަމިއްލަ ގައުމަށް ވެސް އަދި ޕާކިސްތާނަށް ވެސް ބެއިޖިންގެ ސަމާލުކަން ނުލިބުނު ކަމަށެވެ.
މި އިގްތިސާދީ ދަތިކަމުގެ ތެރެއަށް ލަންކާ ގެންދިޔުމުން ވެރިކަމުން ވަކިވުމަށް ރައްޔިތުންގެ ގޮވައިލައިފައިވާ ރާޖަޕަކްސަ ވިދާޅުވީ ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ދިޔަ ނަމަ މިހާރު އޮތް ހާލަތަށް ނުގޮސް ސަލާމަތް ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހަ މަސް ނުވަތަ އެއް އަހަރު ކުރިން ދިޔަ ނަމަ މި ހާލަތަށް ނާންނަނީސް،" ގޮޓަބަޔާ ވިދާޅުވިއެވެ.
އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުންނަވައިގެން އިންޑިއާ ސަރުކާރުން އައިއެމްއެފްއަށް ލަންކާއަށް އެހީވުމަށް ބާރު އަޅުއްވާތީ، އާއި އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
“ޗައިނާއިން އެމީހުންގެ ސްޓްރެޓެޖިކް ފޯކަސް ބަދަލުކުރީ އިރުމަތީ ދެކުނު އޭޝިއާއަށް. އެމީހުންނަށް ފެންނަނީ ފިލިޕީންސް، ވިއެޓްނާމް އަދި ކެމްބޯޑިއާ، އަދި އެފްރިކާ ސަރަހައްދު. އެ މީހުންގެ ޝައުޤުވެރިކަން ހުރީ އެ ސަރަހައްދަށް” ރާޖަޕަކްސާއާ ހަވާލާދީ ނިއުސް އެޖެންސީ ބްލޫމްބާގް ނިއުސްއިން ރިޕޯޓް ކުރެއެވެ.
"އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު ރަނގަޅު ކަމެއް ނުވަތަ ގޯސް ކަމެއް، ޕާކިސްތާނަށް ދޭ ފޯކަސް ވެސް ވަނީ ދަށަށް ގޮސްފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ލަންކާއާއި ޕާކިސްތާނަށް ބަނދަރުތަކާއި އިންޖީނުގެތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާ އެޅުމަށް އެތައް ބިލިއަން ޑޮލަރުގެ ކްރެޑިޓެއް ޗައިނާއިން މީގެ ކުރިން ލަންކާއަށާއި ޕާކިސްތާނަށް ވަނީ ދީފައެވެ. ޗައިނާގެ ލޯނު އެންމެ ގިނައިން ލިބުނު ގައުމުތަކުގެ ތެރޭގައި ކޮލަމްބޯއާއި އިސްލާމްއާބާދު ހިމެނެއެވެ. ނަމަވެސް ޗައިނާއިން މިހާރު ދަނީ މި ޤައުމުތަކަށް ލޯނު ދިނުމަށް ދެކޮޅު ހަދަމުންނެވެ.
1948ވަނަ އަހަރު މިނިވަންވި ފަހުން ލަންކާއަށް ގައުމަށް އެންމެ ބޮޑު އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ އިރު، ފޮރެކްސް ރިޒާވްގެ ދަތިކަމުން ކޮންމެހެން ބޭނުންވާ އިމްޕޯޓްތައް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ.
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ރައްޔިތުންނަށް ދިރިއުޅުމުގެ އަސާސީ ފެންވަރު ދެމެހެއްޓޭނެ ގޮތް ހެދުމަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މަދުވެގެން ފަސް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ތެލުގެ ދަތިކަން ކުޑަކުރުމަށް ތެޔޮ އެތެރެކުރުމަށް ވެސް ގާތްގަނޑަކަށް 3.3 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ޖެހޭނީ މުޅި އިގްތިސާދު އަލުން އެކުލަވައިލާން، ހަމައެކަނި އިގްތިސާދީ ހަމަޖެހުން ގާއިމް ކުރުމަކުން ނުފުދޭނެ،"
ޗައިނާއިން ލަންކާއަށް ދިންހާ ފައިސާތައް ތިޔަ އާއިލާއިން ދިރުވާލީމާ ދެން ނުދޭނެދޯ؟
ބަލަމީގެ ކުރިން ދިންހާ ލާރިން ލަންކާގެ ރައްޔިތުންނައް ވީފައިދާއެއްނެތް ކާލާފަ އާއިލާގެ މީހުން ޔޫރަޕުން ބިންގަނެގެން އެތިބީ ވީމާ ދޭބަލަ އެމެރިކާޔާ އިނގިރޭސިން ކައިރިޔައް އަންނި ގޮވައިގެން ޗައިނާޔައް ދައްކަންހުރި ލޯނުވެސް އެހުރީ ހުރިގޮތައް ދިންހާ ހިލޭއެހީވެސް ވީތަނެއް ނޭނގޭ