ދުނިޔެ

ޗައިނާއިން ޕްރައިވެޓް އަސްކަރީ ކުންފުނިތައް ބޭނުންކޮށްގެން އެފްރިކާގައި އަތްގަދަކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އެ ޤައުމުގެ ޕްރައިވެޓް މިލިޓަރީ ކުންފުނިތައް ބޭނުންކޮށްގެން، އެފްރިކާގައި އެ ޤައުމުގެ ބާރުވެރިކަން އިތުރު ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ،

Ads by Sosun Fihaara

ޗައިނާއިންދަނީ 2013ވަނަ އަހަރު އެ ޤައުމުން މަސައްކަތް ފެށި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް ފަހު، އެފްރިކާ ސަރަހައްދުގައި ތަރައްޤީގެ ގިނަ މަޝްރޫއެއް ހިންގަމުންނެވެ. ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއާއި ދެކުނުގެ ޤައުމުތައް ގުޅުވައިލާނެއެވެ. މި މަގު ދާނީ އެފްރިކާގެ ބައެއް ޤައުމުތަކުން ލައިފައެވެ.

އެފްރިކާގެ އެކި ޤައުމުތަކުގައި ދަނީ ޗައިނާގެ ހިލޭ އެހީގައްޔާއި، ޗައިނާގެ ލޯނު އެހީގެ ދަށުން އެކި ޕްރޮޖެކްޓްތައް ހިންގަމުންނެވެ. ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާގެ މިލިޔަނެއްހައި މަސައްކަތުގެ މީހުން އެފްރިކާގެ އެކި ޤައުމުތަކުގައި އުޅެއެވެ. އަދި ޗައިނާގެ 10،000 ކުންފުނިން، އެފްރިކާގެ އެކި ޤައުމުތަކުގައި ތަރައްޤީގެ އެކި މަޝްރޫއު ދަނީ ހިންގަމުންނެވެ.

ޗައިނާގެ ގިނަ މަޝްރޫއުތަކެއް އެފްރިކާގައި ހިންގާއިރު، ލޫޓްވުމާއި ފޭރުމާ ދެކޮޅަށް ޗައިނާގެ ޕްރައިވެޓް އަސްކަރީ ކުންފުނިތަކުން އެފްރިކާގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ޗައިނާގެ ރަސްމީ އަސްކަރިއްޔާގެ ސިފައިން ހަރަކާތްތެރިއެއް ނުވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ 2021ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާގެ އަސްކަރީ ބާރު ފުޅާކުރުމަށް އެންގޯލާ، ކެންޔާ، ސީޝެލްސް، ނަމީބިއާ އަދި ޓެންޒޭނިއާ ހިމެނޭ ގޮތަށް އެފްރިކާގެ 13 ގައުމެއްގައި އަސްކަރީ އިންސްޓޯލޭޝަން ހެދުމަށް "ވިސްނިފައި އޮވެދާނެ" ކަމަށެވެ.

މީގެ އިތުރުން ޗައިނާއިން ވަނީ އެފްރިކާ ކަވަރުކުރުމަށް "ރެޕިޑް ރިއެކްޝަން ފޯސް"އެއް ބެހެއްޓުމަށް ޖިބޫޓީގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ގާއިމްކޮށްފައެވެ. ޗައިނާއާއި ޖިބޫޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި 1000 ސިފައިން އެ ތަނުގައި ބެއިތިއްބޭނެ ކަމަށް އެއްބަސްވި ނަމަވެސް 10000 ސިފައިން ބެއިތިއްބުމުގެ ގާބިލްކަން އެ މަރުކަޒުގައި އެބަހުއްޓެވެ.

މީގެ އިތުރުން އެފްރިކާގެ ހުޅަނގު އައްސޭރީގައި އޮންނަ ތެލާއި ވިޔަފާރީގެ މަސްލަހަތުތައް ބަލަހައްޓަން، އިކުއެޓޯރިއަލް ގިނީގެ ބަޓާގައި އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި ފުރަތަމަ ކަނޑުގެ މަރުކަޒު ހަދަން ޗައިނާއިން ނިންމައިފައިވާކަން 2021ވަނަ އަހަރުގެ އޮގަސްޓް މަހު އިއުލާންކުރިއެވެ.

އެކްސެސް ކޮންޓްރޯލް ކުރުމާއި ވައްކަމާއި އަނިޔާވެރިކަމުން ރައްކާތެރިވުން ފަދަ ޕެސިވް ސެކިއުރިޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޕްރައިވެޓް އަސްކަރީ ކުންފުނިތަކުން ބައިވެރިވާ ކަމަށް ޗައިނާއިން ބުނި ނަމަވެސް، ގިނަ ފަހަރަށް އެމީހުން ހަރަކާތްތެރިވަނީ ޖާސޫސީ މައުލޫމާތު އެއްކުރުން ފަދަ ސިއްރު ހަރަކާތްތައް ހިންގުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!