ރަސޫލާގެ ދިފާއުގައި ކްވައިތުގައި މުޒާހަރާކުރި މީހުން ޑީޕޯޓްކޮށްލަނީ
ބީޖޭޕީގެ ތަރުޖަމާނު ނޫޕޫރު ޝަރްމާ މުޙައްމަދު ނަބިއްޔާއާ ފުރައްސާރަކޮށް ދެއްކެވި ވާހަކަތަކާ ދެކޮޅަށް މުޒާހަރާކުރި ކްވައިތުގައި މަސައްކަތު ވިސާގައި އުޅެމުން އަންނަ މީހުން ޑީޕޯޓް ކުރާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިގޮތަށް ނިންމީ މަސައްކަތު ވިސާގައި ކްވައިތުގައި އުޅޭ މީހުންނަށް މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމުގައިވާތީއެވެ.
އަރަބް ޓައިމްސްއިން ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ބުނެފައި ވަނީ މުޒާހަރާ ކުރި ފަރާތްތައް ހައްޔަރުކޮށް، އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ޑިޕޯޓްކުރާ މަރުކަޒަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެ މީހުންނަށް ކްވައިތަށް އެތެރެނުވެވޭނެ ކަމަށް ބުނެފައިވެއެވެ.
ކުވައިތުގައި ތިބި އެހެން ޤައުމުތަކުގެ މީޙުން ކުވައިތުގެ ގާނޫނުތަކަށް އިހުތިރާމްކޮށް އެއްވެސް ބާވަތެއްގެ މުޒާހަރާއެއްގައި ބައިވެރި ނުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.
މުޒާހަރާކުރި ބިދޭސީންގެ ގައުމިއްޔަތެއް ކްވައިތުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ގައުމުގައި ބޭއްވި މުޒާހަރާ އިންތިޒާމްކޮށް، އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އިންޑިއާ މީހުންނެވެ.
ނޫޕޫރު ޝަރްމާގެ ވާހަކަތަކާ ގުޅިގެން އަރަބި ގިނަ ޤައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އޭޝިއާ ހިމެނޭހެން އަރަބި ޤައުމުތަކުގައި މިކަމުގެ ދެކޮޅަށް ދަނީ މުޒާހަރާތައް ބާއްވަމުންނެވެ.