ދުނިޔެ

ހިފަހައްޓައިފައިވާ ފަލަސްތީނުގެ އެހީގެ ފައިސާތައް ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫރަޕިއަން ޔޫނިއަނުން ފަލަސްތީނަށް އެހީގެ ގޮތުގައި ދޭން ނިންމައި ފަހުން ފްރީޒްކުރި އެތައް ސަތޭކަ މިލިއަން ޔޫރޯއެއް ދޫކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި ނިންމުން ނިންމައިފައި ވަނީ ޔޫރަޕިއަން ޔޫނިއަނުން ފަލަސްތީނިއަން އޮތޯރިޓީއަށް ދެމުން އަންނަ އެހީތެރިކަން ހިފަހައްޓައިފައި އޮތުމުގެ ސަބަބުން ފަލަސްތީނިއަން އޮތޯރިޓީއަށް ވަރަށް ބޮޑަށް މާލީ ދަތިކަން ކުރިމަތިވެފައި ވާތީއެވެ.

ޔޫރަޕިއަން ޔޫނިއަނުން ފަލަސްތީނަށް ދޭ އެހީ ހިފެހެއްޓުމުގެ ސަބަބަކީ ފަލަސްތީނުގެ ޓެކްސްޓް ފޮތްތަކުގައި އަނިޔާވެރިކަމަށް ގޮވައިލައި ޔަހޫދީންނާ ދެކޮޅު ފިކުރު ކުރިއަރުވާ ކަމަށް ބުނެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަރ ލޭއެން ވަނީ ފަލަސްތީނުގެ އޮތޯރިޓީގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ފަހު 2021ވަނަ އަހަރު ލިބިފައިވާ އެހީގެ ފައިސާ ވަރަށް އަވަަހަށް ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ޓަކައި ޝުކުރު އަދާކުރަމުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔޭ ވަނީ އެ ފައިސާ ލިބިފައި ވަނީ ޝަރުތަކާ ނުލާކަން ފާހަގަކުރައްވައިފައެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްތީނިއަން އޮތޯރިޓީ ހިންގަމުން އަންނަނީ ހިލޭ އެހީގެ ޒަރިއްޔާއިންނެވެ. އޭގެ ތެރޭގައި ޔޫރަޕުން ދޭ އެހީ ހިމެނެއެވެ. އަހަރަކު ގާތްގަނޑަކަށް 600 މިލިއަން ޔޫރޯ (627 މިލިއަން ޑޮލަރު) އީޔޫއިން ފަލަސްތީނަށް ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!