ހިތުގެ މައްސަލައެއް ދިމާވެގެން ދީޕިކާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފިލްމީތަރި ,ދީޕިކާ ޕަދުކޯންއަށް ހިތުގެ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދީފިއެވެ.
ސުޕަރހިޓް ގިނަ ފިލްމުތަކެއް ކުޅެފައިވާ ދީޕިކާގެ ބަލި ހާލަތު ގޯސްވެފައި ވަނީ، "ޕްރޮޖެކްޓް ކޭ" ގެ ޝޫޓިންގަށް ހައިދަރްއާބާދުގައި ހުއްޓައި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. މި ފިލްމުގައި ދީޕިކާއާ އެކު އެކްޓުކުރަނީ ސައުތު ފިލްމުތަކުން ވިދާލި ޕްރަބާސްއާއި، މެގާސްޓަރ އަމީތާބް ބަޗަންގެ އިތުރުން ދިޝާ ޕަޓާނީއެވެ.
"ޓައިމްސް އޮފް އިންޑިއާ"ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދީޕިކާގެ ސިއްހީ ހާލު ގޯސްވެ، އަވަސް ފަރުވާއަށް ހައިދަރްއާބާދުގެ ކަމިނޭނީ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ، އޭނާގެ ހިތުގެ ވިންދު ކުއްލިއަކަށް ވަރަށް ބޮޑަށް އަވަސްވުމުންނެވެ. އެއިރު އޭނާއާ އެކު އަމީތާބު ވެސް ހައިދަރްއާބާދުގައި ހުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ނަމަވެސް ފަރުވާ ދިނުމަށް ފަހު، ދީޕިކާގެ ހިތުގެ ވިންދު އަނެއްކާ ވެސް ރަނގަޅުވެ ހާލު ރަނގަޅުވުމުން، އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.