ދުނިޔެ

ވަގު ޓެސްޓް ކިޓްތަކެއްގެ މައްސަލައިގައި ސީއީއޯ ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި އުފައްދާފައިވާ ކޮވިޑް-19 ރެޕިޑް ޓެސްޓް ކިޓްތަކެއް، އެއީ އެމެރިކާއިން އުފައްދައިފައިވާ ކިޓްތަކެއްގެ ގޮތުގައި އިޝްތިހާރުކޮށް، ސަރުކާރަށް އެ ވިއްކި މައްސަލައެއްގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސޭފްވޭ އޯއޭ ސަޕްލައި ކޯ ލިމިޓެޑްގެ އިސްވެރިޔާ ހޫއަންގް ނަން-ޗިންގް ހައްޔަރުކޮށްފިއެވެ.

Ads by WAMCO

ޗައިނާގެ މިނިސްޓްރީ އޮފް ޖަސްޓިސް އިންވެސްޓިގޭޝަން ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި ހޫއަންގްގެ ކުންފުނިން މިދިޔަ އަހަރު ޓައިވާންގެ ސަރުކާރަށް 2.73 މިލިޔަން ރެޕިޑް ޓެސްޓް ކިޓް ވިއްކައިފައިވާ ކަމަށެވެ. އަދި މި ކިޓްތައް ވިއްކައިފައި ވަނީ، އެއީ އެމެރިކާއިން އިންޕޯޓްކޮށްފައިވާ ކިޓްތަކެއް ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ކިޓްތަކުގައި މޭޑް އިން ޗައިނާ ލިޔެފައިވާ ތަން ކެނޑުމަށް ފަހު، މޭޑް އިން ޔޫއެސްއޭ ޖަހައިފައި ވެއެވެ.

ހޫއަންގްއާއި އޭނާގެ ކުންފުންޏަށް ކުރަނީ ސަރުކާރުގެ އިދާރާއަކަށް އޮޅުވައިލުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގައި އޭނާ ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ. ނަމަވެސް ކަފާލާތަށް އެއް މިލިޔަން ޑޮލަރު ދެއްކުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ޗައިނާގެ ބައެއް ކޮވިޑް-19 ޓެސްޓް ކިޓްތައް ރަނގަޅަށް މަސައްކަތް ނުކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!