ދުނިޔެ

ޗައިނާއިން ޓައިވާނަށް އަރައިފި ނަމަ ދުނިޔެ ނުދެކޭ ފަދަ އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެދާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއާއި ޓައިވާންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މި ދަނޑިވަޅުގައި، ޗައިނާއިން ބާރުގެ ބޭނުންކޮށް، ޓައިވާން ހިފުމަށް މަސައްކަތްކޮށްފި ނަމަ މުޅި ދުނިޔެ ނުދެކޭ ފަދަ އިޤްތިޞާދީ ކާރިސާއެއް ކުރިމަތި ވެދާނެ ކަމަށް ޓައިވާނުން ބުނެފިއެވެ.

Ads by WAMCO

ޓައިވާންގެ ޓްރޭޑްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖޯން ޑެންގް ރޮއިޓާސްއަށް ވިދާޅުވީ، ޓައިވާނަށް ޗައިނާއިން ހަމަލާދީފި ނަމަ ޔޫކްރެއިންއިން ރަޝިއާއަށް އެރުމުން ދުނިޔޭގެ އިޤްތިޞާދަށް އެރި ލޮޅުމަށް ވުރެ މާ ބޮޑު ލޮޅުމެއް އަރާނެ ކަމަށެވެ.

ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް އަރައި ހިންގަމުން އަންނަ އުދުވާނުގެ ސަބަބުން ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި އެމެރިކާއާއި، ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، އާއްމު ދިރިއުޅުމުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ޑެންގް ވިދާޅުވީ، ޗައިނާއިން ޓައިވާނަށް ހަމަލާދީފި ނަމަ، އިލެކްޓްރިކް ވެހިކަލްތަކާއި މޯބައިލް ފޯނުތަކުގައި ބޭނުންކުރާ ޗިޕްތަކަށް ދުނިޔެ ޓައިވާނަށް ބަރޯސާ ވާތީ، އިޤްތިޞާދީ ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށެވެ.

ޓައިވާނަކީ ދުނިޔޭގައި އެންމެ ގިނައިން ކޮންޕިއުޓަރ ޗިޕް އުފައްދާ، އެ އެކްސްޕޯޓް ކުރާ ޤައުމެވެ.

ޗައިނާއާއި ޓައިވާންގެ މަޝްރަޙް މިހާރު އޮތީ ގޯސްކޮށެވެ. ޗައިނާއިން ސީދާ ހަނގުރާމަ އިއުލާންކުރަން އުޅޭ ކަމުގެ ވާހަކަތައް ނުދެކެވުނަސް ޓައިވާން ވަނީ ރަޝިއާއިން ޔޫކްރެއިންއަށް އެރުމުން އެ ޤައުމު ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!