ދުނިޔެ

ޕާކިސްތާނުގައި އުޅޭ ޗައިނާ މީހުން އުޅޭނޫޅޭ ގޮތް ފުލުހުންނަށް ރިޕޯޓްކުރަން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އުުޅޭ ޗައިނާގެ ރައްޔިތުން އުޅޭނޫޅޭ ގޮތާއި ތަނަކަށް ދަތުރު ކުރާނަމަ އެކަން، ފުލުހުންނަށް ރިޕޯޓްކުރަން އަންގައިފިއެވެ.

Ads by Sosun Fihaara

މިގޮތަށް އަންގައިފައިވާކަން ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ޕާކިސްތާނުގެ ނޫހެއް ކަމަށްވާ "ޑޯން"އިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ނިންމުމަކީ ބިދޭސީންގެ، ޚާއްޞަކޮށް ޗައިނާގެ ރައްޔިތުންގެ ސަލާމަތަށް ޓަކައި ކެޕިޓަލް ޕޮލިސްގައި ދާދިފަހުން އުފެއްދި ޑިސްޓްރިކްޓް ފޮރިން ސެކިއުރިޓީ ސެލްގެ ނިންމުމެވެ.

މި ނިންމުން ނިންމާފައިވާ ބައްދަލުވުމުގައި އިސްލާމްއާބާދުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނާ ބެހޭ ތަފްސީލުތައް ހިމެނޭ ސާވޭ ރިޕޯޓެއް ހިއްސާކޮށްފައިވާ ކަމަށެވެ.

ކެޕިޓަލްގައި ތިބި 1000އަށް ވުރެ ގިނަ ޗައިނާ ރައްޔިތުން 36އަށް ވުރެ ގިނަ މަޝްރޫއުތަކާއި ކުންފުނިތަކާއި ވިޔަފާރިތަކާ ގުޅިފައިވާ ކަމަށް ވެއެވެ. މީގެ ކުރިން ޗައިނާގެ ރައްޔިތުންނަށް ސެކިއުރިޓީ ދެމުން އަންނަނީ އަމިއްލަ ސެކިއުރިޓީ ކުންފުނިތަކުންނެވެ.

ޕާކިސްތާނުގެ ފުލުހުންގެ މިނިންމުމާ އެކު، ޗައިނާ މީހުން އެއްތަނުން އަނެއްތަނަށް ދިގު ދަތުރު ކުރެވޭނީ ފުލުހަކާ އެކުގައެވެ. އަދި އެ މީހުން ދިރިއުޅޭ ގެތަކުގެ ބޭރުގައި ސީސީޓީވީ ހަރުކޮށްގެން މޮނިޓަރ ކުރެވޭނެއެވެ.

ޕާކިސްތާނުގެ ފުލުހުންގެ މި ނިންމުމަކީ ޗައިނާގެ މީހުންގެ ސަލާމަތަށް ޓަކައި ނިންމައިފައިވާ ނިންމުމެއް ކަމަށް ބުނި ނަމަވެސް، މިއީ ޗައިނާގެ މީހުންނަށް ފާރަލުމަށް ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!