ރާއްޖެއިން ކޮވިޑުގައި ނިޔާވި މީހުންގެ އަދަދު 300އަށް

ކޮވިޑް 19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 300އަށް އަރައިފިއެވެ.
މި އަދަދު 300އަށް އަރައިފައި ވަނީ، ކޮވިޑަށް ފަރުވާ ދެމުން ދިޔަ އަންހެނަކު މިއަދު ނިޔާވުމުންނެވެ. މިއަދު ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ އަންހެނެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މަޢުލޫމާތުދެއެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވެފައި އޮތުމަށް ފަހު، ކޮވިޑުގެ ވޭދަނަތައް މިހާރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މާސްކު އަޅަައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
2020ވަނަ އަހަރު ރާއްޖެއިން ކޮވިޑް ފެނުމާ ގުޅިގެން އެޅި ފިޔަވަޅުތަކާއި ރާއްޖޭގައި އިޢުލާން ކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މިއަހަރު މާރިޗު މަހުގެ ތެރޭގައި އުވައިލައިފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި 142 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.