މިއަދުގެ ހަމަނުޖެހުމަކީ ސަރުކާރުގެ ރޭވުމެކޭ ބުނުމުގެ ފުރުސަތު އެބައޮތް: ޕީޕީއެމް
ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި މިއަދު ހިނގާދިޔަ ހަމަނުޖެހުމުގައި އިދިކޮޅު ކޯލިޝަންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެއީ ސަރުކާރުގެ ރޭވުމެއް ކަމަށް އިދިކޮޅު އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.
މިއަދުގެ ހަމަނުޖެހުމާ ގުޅިގެން އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޕީޕީއެމްގެ އެއްވެސް ހަރަކާތެއް ސިއްރުން ނުހިންގާނެ ކަމަށާ ކޮންމެ ހަރަކާތެއް މިހައިތަނަށް ވެސް ބާއްވަމުން އައީ މާކުރީން އިއުލާނު ކުރުމަށް ފަހު ކަމަށެވެ.
އަދި މީގެ ކުރީން އިދިކޮޅުގެ އެއްވުންތަކާއި ހަރަކާތްތައް ހުއްޓުވަން ބާރުގެ ބޭނުން ކުރި އުސޫލުން ކަންކަން ނުކުރީ ކީއްވެގެންތޯ އަބްދުއްރަހީމް ވަނީ ސުވާލު ކުރައްވައިފައެވެ.
"މިސާލަކަށް ޕީޕީއެމުން ހިންގަން އުޅުނު ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އެބަހުރި ދުރާލައި އެ ހަރަކާތްތަކުގައި މަރާމާރީ ހިންގާނެ ކަމަށް ފެންނާތީއޭ ކިޔާފައި ހުއްޓުވައިފައި. ބައެއް ދުވަސް ދުވަހު އެބަހުރި ހަރަކާތަށް ނުކުތަ ނުދީ ޕާޓީގެ އޮފީހުގެ ދޮރުމަތި ހިސާރުކޮށްފައި. މީޑިއާގެ ބޭފުޅުންނަށް އެކަން އޮންނާނީ ފެނިފައި." އަދުރޭ ވިދާޅުވީ މިކަމަކީ ސަރުކާރުން ޕީޕީއެމްގެ ބޮލުގައި އިލްޒާމް އެޅުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
"އިންޓެލް ލިބި، މިކަން ނުހުއްޓުވުމުން އަޅުގަނޑުމެންނަށް ދެންނެވިދާނެ މިއީ ހަމަ ސަރުކާރުން ގަސްދުގައި ރާވައިގެން ހިންގާފައި އޮތް ކަމެކޭ، ޕީޕީއެމްގެ ބޮލުގައި އަޅުވަން. މިކަން ތަހުގީގު ކުރަން މިހާރު ވެސް ލަސްވެއްޖެ. މިއީ ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމެއް."
އަދުރޭ އިތުރަށް ވިދާޅުވީ، އަދި މިއަދުގެ ހަމަނުޖެހުމަކީ ދެ އަތް އުރައިލައިގެން ތިބެވޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށާއި މިކަމާ ގުޅޭ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ހަރަކާތެެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ވިދާޅުވެފައެވެ.
ތ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތަން ހުވައިކޮށްގެން ތިބި މީހުން ދީނަށް ހުރުމަތްތެރިކޮށް ހިތާ ވަރުބަލަންވީ ! އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތިނަމަ އެހާދިސާ ނުހިގާނެ !