ސްކޫލްތަކާއި އޮފީސްތަކުގައި މާސްކު އަޅައިގެން އުޅުމަށް އެޗް.ޕީ.އޭއިން އަންގައިފި

ކޮވިޑްގެ ވޭދަނަތައް އިތުރުވަމުންދާތީ ސްކޫލްތަކާއި އޮފީސް ފަދަ ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖޫން މަހުގެ ދެވަނަ ހަފްތާއާ އަޅައި ބަލާއިރު ޖޫން މަހުގެ ތިންވަނަ ހަފްތާގައި ކޮވިޑްގެ ވޭދަނަތައް 185 އިންސައްތަ އިތުރުވެފައިވާކަމަށާއި މި މަހު މިހައިތަނަށް ކޮވިޑް ބަލީގައި ފަރުވާ ދެމުންދިޔަ 3 މީހަކު ނިޔާވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިދުވަސްވަރަކީ ޗުއްޓީތަކާއި ދިމާވެ ގިނަ ބަޔަކު ރާއްޖެތެރެއާއި ބޭރުގެ ދަތުރުތައް ކުރާ ދުވަސްވަރަކަށް ވުމާ އެއްވުންތަކާ ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށްވާތީ މާސްކު އަޅައިގެން އުޅުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އެޗްޕީއޭއިން ފާހަގަކުރިއެވެ.
އެގޮތުން ގިނަ މީހުން އެެއްވާ ތަންތަނާ ބަންދު ތަންތަނުގައި އަދި ހައި ރިސްކް މީހުނާއި ކުދިން ގިނައިން އުޅޭ ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ސަމާލުކަން ދިނުމަށް އެޗް.ޕީ.އޭއިން އަންގައިފައި ވެއެވެ. މީގެ އިތުރުން ސިއްޙީ ހިދުމަތްދޭ ތަންތަނުގައި އަބަދުވެސް މާސްކު އަޅައިގެން އުޅުމަށާއި ކޮވިޑްގެ އެއްވެސް އަލާމަތެއް ހުރި ނަމަ މާސްކު އަޅާ، ގޭގައި އެކަހެރިވެ ވީހައި ވެސް އަވަހަކަށް ޓެސްޓު ކުރުމަށް ވެސް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅައިފައިވާ ހުރިހައި ފިޔަވަޅެއް އުވާލައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ވެސް ވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އުވާލައިފައެވެ.