ދުނިޔެ

ވޯލްޑް ކަޕަށް ވަންނަ ފާހުގައި ޓައިވާން މީހުންނަކީ ޗައިނާގެ މީހުންގެ ގޮތުގައި ޖަހަން ޖެހުމުން ކަންބޮޑުވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތްތަކުން އަނެއްކާ ވެސް އެންޓްރީ ވިސާގެ ގޮތުގައި  ބޭނުންކުރާ އައިޑެންޓިފިކޭޝަން ކާޑަކަށް އެދި ހުށަހަޅާ ފޯމުގައި ޓައިވާންގެ ނަން ބަދަލުކުރުމުން ޓައިވާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Sosun Fihaara

ވޯލްޑް ކަޕްގެ ހުރިހައި ޓިކެޓް ހޯލްޑަރުން ވެސް ސަޕޯޓަރުންކަން ދެނެގަތުމަށް ބޭނުންކުރާ ހައްޔާ ކާޑަށް އެޕްލައި ކުރަން ޖެހޭއިރު، އެއީ ގަތަރުގެ ވިސާގެ ގޮތުގައި ވެސް ބޭނުންކުރާ ކާޑެކެވެ.

ގަތަރުން ފުރަތަމަ ހަދައިފައިވާ އޮންލައިން ސިސްޓަމްގައި ޓައިވާންގެ ނަން ނުހިމެނެއެވެ. ޓައިވާނު މީހުންނަށް ދޭ ކާޑްގައި ޖަހައިފައި ވަނީ "ޗައިނާގެ ޕްރޮވިންސް ޓައިވާން"އެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން ފަހުންވަނީ އެ ނަން ހަމައެކަނި ޓައިވާނަށް ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން ޓައިޕޭގެ ސަރުކާރުގެ ތައުރީފް ގަތަރަށް ލިބުނު ނަމަވެސް ގަތަރުން އަނެއްކާ ވެސް ވަނީ އެ ނަން "ޗައިނީޒް ޓައިޕޭ"ގެ ނަމަށް ބަދަލުކޮށްފައެވެ. މިއީ އޮލިންޕިކްސް ފަދަ ބައިނަލް އަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ވެސް މި ނަން ބޭނުން ކުރާ ގޮތެވެ.

މިގޮތަށް ނަން ބަދަލު ކުރުމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ގަތަރު ސަރުކާރުން "އެއް ޗައިނާ"ގެ އުސޫލަށް ތަބާވުމާ ގުޅިގެން އެކަން ފާހަގަ ކުރާކަމަށް ވިދާޅުވެފައެވެ. އަދި ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓްތަކުގައި އާންމުކޮށް އަމަލުކުރާ ގޮތާ އެއްގޮތަށް ކަމާބެހޭ ކަންކަން ބަލަހައްޓައިފައި ވާތީ ޝުކުރުވެރިވާ ކަމަށް ބުނެފައި ވެއެވެ.

ޓައިވާންގެ ސަރުކާރުން ވަނީ ގަތަރުން އަމަލު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓައިވާނުގެ ސަރުކާރުން ވިދާޅުވީ ވޯލްޑް ކަޕާ ގުޅުން ހުރި ކަންކަމުގެ ތެރެއަށް އެހެން ގައުމެއްގެ ސިޔާސީ ކަންކަން ވަންނަން ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ގަތަރު ވޯލްޑް ކަޕް ކުރިއަށް ދާނީ މި އަހަރު ނޮވެމްބަރު 21އިން ޑިސެމްބަރު 18 އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!